އިންޑިއާގައި މިހާރު ކުރިމަތިވެފައިވާ މައްސަލަތަކަށް ބަލާއިރު އިންޑިއާއެކޭ ސްރީލަންކާއެކޭ މާބޮޑު ތަފާތެއް ނެތްކަމަށް އިންޑިއާގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ ކަމަށްވާ ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ ވިދާޅުވެއްޖެއެވެ.

ރާހުލް ގާންދީ ކުރެއްވި ޓްވީޓެއްގައި އިންޑިއާ ސަރުކާރަށް ބަހުގެ ހަމަލާތައް ދެއްވަމުން ވިދާޅުވެފައިވަނީ، ވަޒީފާ ނެތްމީހުން ގިނަވުމާއި، ތެލުގެ އަގު ބޮޑުވުމާއި، ތަފާތު ދީންތަކާއި ނަސްލުތަކުގެ މީހުންގެ މެދުގައި ހިނގާ ހަމަނުޖެހުންތަކަށް ބަލާއިރު ސްރީލަންކާއެކޭ އިންޑިއާއެކޭ މާބޮޑު ތަފާތެއް ނެތް ކަމަށެވެ.

ރާހުލް ގާންދީގެ ޓްވީޓްގައި، ދިމާވެފައިވާ މައްސަލަތަކަށް ބަލާއިރު ދެގައުމުގެ ދެމެދުގައި ހުރި އެއްގޮތް ކަންތައްތައް ހާމަވާ ގްރާފްތަކެއް ހިމަނުއްވާފައި ވެއެވެ.

"ރައްޔިތުންގެ ފޯކަސް އެހެން ދިމާއަކަށް އަނބުރައިގެން ހަގީގަތެއް ނުފޮރުވޭނެ. އިންޑިއާގެ ހާލަތު ސްރީލަންކާއާ ވަރަށް ބޮޑަށް އެއްގޮތް"
ރާހުލް ގާންދީ

ރާހުލް ގާންދީ އާންމު ކުރެއްވި އެއް ގްރާފްގައި، 2017 ވަނަ އަހަރުން ފެށިގެން އިންޑިއާއާއި ސްރީލަންކާގައިވެސް ވަޒީފާ ނެތްމީހުންގެ ނިސްބަތް މަތިވަމުން އައިސްފައިވާކަމަށް ދައްކައެވެ. އެކަން ޕީކަށް އަރައިގެން ގޮސްފައިވަނީ 2020 ވަނަ އަހަރުއެވެ.

ދެވަނަ ގްރާފްގައި ރާހުލް ގާންދީ ހިމަނުއްވާފައިވަނީ ދެގައުމުގައި ތެލުގެ އަގަށް އަންނަމުންދިޔަ ބަދަލުތަކެވެ. އެގޮތުން، 2017 ވަނަ އަހަރުން ފެށިގެން ދެގައުމުގައިވެސް ތެލުގެ އަގު ދިޔައީ މަތިވަމުން ކަމަށާއި، 2021 ވަނަ އަހަރު އާދަޔާ ޚިލަށް ތެލުގެ އަގު ބޮޑުވެގެން ދިޔަކަން ގްރާފުން ދައްކައެވެ.

ތިންވަނަ ގްރާފުން ދައްކާފައިވަނީ، 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު ދެގައުމުގައިވެސް ދީނީ، ނަސްލީ ހަމަނުޖެހުންތައް އިތުރުވަމުން ގޮސްފައިވާކަމެވެ.

އިންޑިއާގައި ތެލުގެ އަގުތައް މައްޗަށް ދިއުމާއި، އިންފްލޭޝަން މަތިވުމާއި، ވަޒީފާ ނެތްމީހުންގެ ނިސްބަތް މަތިވަމުންދާ މައްސަލާގައި ރާހުލް ގާންދީއާއި، ކޮންގްރެސް ޕާޓީން ގެންދަނި އިންޑިއާ ސަރުކާރަށް އަމާޒުކޮށް، އެކި ޕްލެޓްފޯމްތަކުގައި ބަހުގެ ހަމަލާތައް ދެމުންނެވެ.

ރާހުލްއާއި އަދި ކޮންގްރެސް ޕާޓީން މީގެކުރިން ބުނަމުންދިޔައީ، އިންޑިއާ މިހާރު މިސްރާބު ޖަހާފައިވަނީ ސްރީލަންކާއަށް ދިމާވެފައިވާ ހާލަތާ ދިމާއަށް ކަމަށެވެ.