މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން، އެއް މިލިއަން ރުފިޔާގެ އިނާމަކާއެކު ހުޅުމާލެ ފޭސް 2ގެ އިސްލާމިކް ސެންޓަރުގެ ޑިޒައިން ހެދުމަށް އާންމުންނަށް ހުޅުވާލައިފިއެވެ.

ހުޅުމާލެ ފޭސް 2 ގައި ޒަމާނީ ފެންވަރުގެ އިސްލާމިކް ސެންޓަރެއް ބިނާކުރުމުގެ ގޮތުން ހަދާ މި އިސްލާމިކް ސެންޓަރު ޑިޒައިން ކުރުމަށް ރާއްޖޭގެ ކޮންމެ އާކިޓެކްޗަރަކަށްވެސް ވަނީ ފުރުސަތު ހުޅުވާލާފައެވެ. ތަފާތު މޮޅެތި ޚިޔާލުތަކަށް ފުރުސަތު ހުޅުވާލެވޭ މި މުބާރާތުގައި ޑިޒައިންކުރަން ޖެހެނީ ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކުރާ އިސްލާމިކް ސެންޓަރެވެ.

މި މުބާރާތުން 1 ވަނައަށް ދާ ފަރާތަކަށް 7 ލައްކަ ރުފިޔާ ލިބޭއިރު 2 ވަނަ އަށް ދާ ފަރާތަކަށް ހަމަޖެހިފައިވަނީ 2 ލައްކަ ރުފިޔާ އަދި 3 ވަނަ އަށް ދާ ފަރާތަކަށް 1 ލައްކަ ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އިސްލާމިކް ސެންޓަރުގެ މި ޑިޒައިންގައި ނަމާދުކުރެވޭނެ ތަނަކާއި ޕާކިންގ އޭރިއާއާއި، އޮފީސްބަޔަކާއި، މަލްޓީޕާޕަސް ހޯލާއި، ސެމިނަރ ރޫމާއި، ލައިބްރަރީ އަދި ސްޓާފް ކެންޓީނާއި ކާލްސްރޫމްތަކާއި ކޮމާޝަލް އޭރިއާ އަކާއި ރެކްރިއޭޝަނަލް އޭރިއޭއެއް ހިމެނޭނެއެވެ.

މި ޑިޒައިނަކީ ތަފާތު އާޚިޔާލަކަށް ހަދާ ޑިޒައިނަކަށްވާއިރު، ހުށައަޅާ ޑިޒައިނަކީ އެއްވެސް ތަނަކުން މިހާތަނަށް ބޭނުންކޮށްފައިވާ ޑިޒައިނަކަށް ވެގެން ނުވާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ވެބްސައިޓުގައިވާ ގޫގްލް ފޯމު މެދުވެރިކޮށް ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. އަދި މި މުބާރާތާބެހޭ މަޢުލޫމާތު މިނިސްޓްރީގެ ވެބްސައިޓް https://bit.ly/icdmia2022 އިން ލިބޭނެއެވެ.

މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 25 އޮގަސްޓް 2022 ގެ ނިޔަލަށް ބައިވެރި ވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މި މުބާރާތާ ގުޅޭ އެއްވެސް މަޢުލޫތެއް ބޭނުންނަމަ 07 ޖޫން 2022 ގެ ކުރިން މިނިސްޓްރީގެ ރަސްމީ މެއިލް [email protected] އަށް ފޮނުއްވަން ވަނީ އެދިފައެވެ. މެއިލް ކުރާ ސުވާލުތަކަށް 13 ޖޫން 2022ގެ ކުރިން ޖަވާބު ފޮނުވާނެކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.