ގޭބިސީތަކުން އުކާލަން ނެރޭ ކުނި ބައިބަޔަށް ވަކިކޮށް ނެރޭގޮތަށް ނިންމާފައިވާ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ބުނެފިއެވެ.

ވެމްކޯއިން ބުނެފައިވަނީ 17 އޯގަސްޓް 2021 ގައި ގެޒެޓްކޮށްފައިވާ ދިވެހިރާއްޖޭގެ ކުނި މެނޭޖްކުރުމާ ބެހޭ ގަވާއިދުގެ އިސްލާހުގައިވާ ގޮތުގެމަތިން ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ ކުންފުނިން އުކާލާ ކުނި ގޭބިސީތަކުން ނެރޭއިރު ހުންނަން ވާނީ 4 ބަޔަށް ބަންދުކޮށް އެއްކުނީގެ ބާވަތް އަނެއް ކުނީގެ ބާވަތާ އެއްނުވާނެހެން ވަކި ކޮތަޅުގައި ބަންދުކޮށްފައި ކަމަށެވެ.

މީގެ އިތުރުން ވެމްކޯއިން ބުނެފައިވަނީ ދުވަހު ކުނީގެ ގޮތުގައި ނުހިމެނޭ ބަރު އަދި ބޮޑެތި ކުނި އުކާލުމަށް އެ ކުންފުނީގެ ކޯލް އެންޑް ޕިކަޕް (CAPS )ގެ ޚިދުމަތް ނުވަތަ ކުލީ ޕިކަޕުގައި އެހެން ކުންޏާ އެއްނުވާނެހެން އުކާލެވޭނެ ކަމަށެވެ.

އެކުންފުނީގައި ކުނި އުކާލުމުގެ ޚިދުމަތަށް ރެޖިސްޓްރީ ކޮށްފައިވާ ގޭބިސީތަކާއި އަދި ވިޔާފާރި ކުންފުނިތަކުގެ އިތުރުން އަމިއްލައަށް ސައިޓަށްގޮސް ކުނި އުކާލާ މީހުންވެސް މިއުސޫލަށް އަމަލުކުރުމަށްވެސް ވެމްކޯއިން ވަނީ އެދިފައެވެ.

އަދި މިގޮތަށް ކުނި ވަކިކޮށްފައި ނުވާނަމަ އެކުނި ބަލައިނުގަމުގެ އިޚްތިޔާރު އެކުންފުންޏަށް ލިބިގެންވާ ކަންވެސް ވެމްކޯއިންވަނީ ބުނެފައެވެ.

ފުރަމާލެ ސަރަހައްދުން ބޭރުން ރާއްޖޭގެ އެކި ކަންކޮޅުތަކުން އުޅަނދުގައި ކުނި ބަރުކޮށްގެން ތިލަފުށި ވޭސްޓް ޑިސްޕޯސަލް ސައިޓަށް ކުނި އުކާލާ މީހުންވެސް 4 ބަޔަށް ކުނި ވަކިށްގެން އުފުލަން ސަމާލުވުމަށްވެސް އެކުންފުނިން އެދިފައިވެއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން އޯގަސްޓް 2021 ގައި ގެޒެޓްކޮށްފައިވާ ދިވެހިރާއްޖޭގެ ކުނި މެނޭޖްކުރުމާބެހޭ ގާނޫނުގެ ދަށުން މިގޮތަށް ކުނި މެނޭޖްކުރަމަށް އެ ކުންފުންޏަށް ލާޒިމްކުރާ ކަމަށްވެސް ވެމްކޯއިން ބުނެފައިވެއެވެ.

ކުނި ވަކިކުރުމަކީ ދުނިޔޭގެ ތަހުޒީބު ގިނަ މުޖްތަމައުތަކެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމުގެ ތެރެއިން ކާމިޔާބުކަމާއި އެކީ ތަޖުރިބާ ކޮށްފައިވާ ކަމެކެވެ.

އެގޮތުން ގެނެވޭ މިބަދަލާއެކު އުކާލުމަށް ނެރޭ ކުނީގެ ބާވަތްތައް ރީސައިކަލްކޮށްގެން އިތުރު ނަފާއެއް ހޯދުމުގެ ފުރުސަތު ލިބުމާއި މެނޭޖްކުރަންޖެހޭ ކުނީގެ އަދަދު ނިސްބަތުން މަދުވުމުގެ އިތުރުން ދެމެހެއްޓެނެވި އުސޫލަކުން ކުނި މެނޭޖްކުރުމަށް އިތުރު ލުއިފަސޭހަތަކެއް އެކޯޕަރޭޝަނަށް ލިބިގެންދާނެއެވެ.