ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި މުބާރާތް، ފީފާ ވޯލްޑް ކަޕުގެ މެޗުތަކުގައި ފުރަތަމަ ފަހަރަށް އަންހެން ރެފްރީން ރެފްރީކަން ކުރާގޮތަށް ހަމަ ޖައްސައިފިއެވެ.

އެގޮތުން މިއަހަރުގެ ފަހުކޮޅު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕުގައި މައި ރެފްރީންގެ ގޮތުގައި ތިން އަންހެން ރެފްރީއަކު ހަރަކާތްތެރިވާނެއެވެ. އެއީ ފްރާންސްގެ ސްޓެފަނީ ފްރެޕާޓް އާއި ރުވާންޑާގެ ސާލިމާ މުކަންސަންގާގެ އިތުރުން ޖަޕާނުގެ ޔޮޝިމީ ޔަމަޝީޓާ އެވެ.

މީގެއިތުރުން އެސިސްޓަންޓް ރެފްރީންގެ ގޮތުގައިވެސް އިތުރު ތިން އަންހެން ރެފްރީއަކު ގަތަރު ވޯލްޑް ކަޕުގައި ފެނިގެންދާނެއެވެ.

މިފަހަރުގެ ވޯލްޑް ކަޕުގެ މެޗުތަކުގައި ރެފްރީކަން ކުރުމަށްޓަކައި ޖުމްލަ 36 ރެފްރީންނާއި 69 އެސިސްޓަންޓް ރެފްރީންގެ އިތުރުން 24 ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ވަނީ މިހާރު ހަމަޖައްސާފައެވެ.

އޭގެތެރޭގައި ޕްރިމިއަރ ލީގުގައި ރެފްރީކަން ކުރާ މައިކަލް އޮލިވާ އާއި އެންތޮނީ ޓޭލާވެސް ހިމެނެއެވެ. މީގެތެރެއިން އެންތޮނީ ޓެއިލާ އަކީ ގިނަ ބައެއްގެ ތައުރީފާއި ލޯބި ދާދިފަހުން ލިބުނު ރެފްރީ އެކެވެ. އެއީ 2021 ވަނަ އަހަރު ބޭއްވި ޔޫރޯ 2020 މުބާރާތުގައި ޑެންމާކާއި ފިންލެންޑް ބައްދަލުކުރި މެޗުގައި، ޑެންމާކުގެ ކްރިސްޓިއަން އެރިކްސަން އަށް ލިބުނު އަނިޔާ އާއި ގުޅިގެން ޓެއިލާ ކަންކުރި ގޮތުގެ ސަބަބުންނެވެ. ޓެއިލާ ވަނީ ވަގުތުން ކުޅުން މެދުކަނޑާލާ، އެރިކްސަން އަށް ފަރުވާ ދެވޭނެ އިންތިޒާމުތައް އަވަސްކުރުމަށް އެހީތެރިވެދީފައެވެ.

ވޯލްޑް ކަޕަށް ރެފްރީން ހަމަޖެއްސި ގޮތާއި ގުޅޭގޮތުން ވާހަކަދައްކަމުން ފީފާގެ ރެފްރީސް ކޮމިޓީގެ ޗެއާމަން ކޮލީނާ ބުނީ، ރެފްރީން ކަނޑައެޅުމުގައި ބަލާނީ މި ފެންވަރުގެ މުބާރާތަކަށް އެންމެ އެކަށީގެންވާ ވަރުގެ، މަތީ ފެންވަރުގެ ރެފްރީން ހަމަޖެއްސުމަށް ކަމަށެވެ.

ވޯލްޑް ކަޕުގައި އަންހެން ރެފްރީން ރެފްރީކަން ކުރާތަން ފެނުމަކީ، މީގެ އަހަރުތަކެއް ކުރިން ފީފާ އިން އަންހެން ރެފްރީންގެ ކުރިއެރުވުމަށް ކުރި މަސައްކަތް ކާމިޔާބު ވުމުގެ ހެއްކެއްކަން ކޮލީނާ ފާހަގަކުރިއެވެ.

އަދި މިކަމުގެ ސަބަބުން ދުނިޔެއަށް ބޮޑު މެސެޖެއް ދެވިއްޖެ ކަމަށް ގަބޫލުކުރާ ކަމަށާއި، އެއީ ފުޓުބޯޅައިގައި ބަލާނީ މީހާގެ އުމުރަށް ނުވަތަ ޖިންސައް ނޫން ކަމަށާއި، ހަމައެކަނި އެމީހެއްގެ ފެންވަރާއި، ކުޅަދާނަކަން ހުރި މިންވަރަށް ކަމަށެވެ.

އަދި އުންމީދަކީ މުސްތަގްބަލުގައި މިފަދަ މެޗުތަކެއްގައި އަންހެން ރެފްރީން ރެފްރީކަން ކުރުމަކީ ވަރަށް އާންމުކަމެއް ކަމުގައިވުން ކަމަށާއި، މިކަމަކީ ތަފާތު އައު ކަމަކަމަށް ނުވާނެ ދުވަހެއް ފެނުން ކަމަށެވެ.