އެކި މިނިސްޓްރީތަކުގެ ނަމުގައި ގުޅައި މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ އެކި މިނިސްޓްރީތަކުގެ ނަމުގައި ގުޅައި މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދާ މައްސަލަތައް ފުލުހުންނަށް ދަނީ ހުށަހެޅެމުން ކަމަށެވެ.

މިނިސްޓްރީތަކުގެ ނަމުގައި މިގޮތަށް ގުޅަނީ ރަށްރަށުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ އިސް މުވައްޒަފުންނަށެވެ. އެ އިދާރާއެއްގެ އިސް މުވައްޒަފަށް ގުޅައި، ވަކި މުވައްޒަފަކާ ގުޅޭގޮތުން އާންމުންގެ ޝަކުވާ އަންނަ ކަމުގައި ބުނެއެވެ. އަދި އެކަމުގައި ނަސޭހަތްތެރިވުމަށް ފަހު، އެ އިދާރާގައި މަސައްކަތްކުރާ އެހެން މުވައްޒަފުންގެ މައުލޫމާތާއި ފޯނު ނަމްބަރު ހޯދައެވެ.

އެގޮތުން، ހެލްތު މިނިސްޓްރީގެ ނަމުގައިނަމަ ގުޅަމުންދަނީ ހެލްތު ސެންޓަރުގެ މުވައްޒަފުންނަށެވެ. އަދި ސްކޫލެއްގެ މުވައްޒަފެއްނަމަ ގުޅަނީ އެޑިއުކޭޝަން މިނިސްޓްރީގެ ނަމުގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ އެގޮތަށް ގުޅައި، އެ މުވައްޒަފާ ވާހަކަ ދައްކައި އޭނާއާ ގުޅޭގޮތުން އާންމުންގެ ޝަކުވާ އަންނަ ކަމުގައި ބުނާކަމަށާއި، ވާހަކަ ދެއްކުމުގެ ތެރޭގައި މުވައްޒަފުގެ ޒާތީ މައުލޫމާތު ހޯދައި އެ މުވައްޒަފަށް ބިރުދައްކައި ފައިސާ ހޯދާކަމަށް ފުލުހުންގެ އިދާއިން މަޢުލޫމާތު ދީފައިވެއެވެ.

މިގޮތަށް އާންމުކޮށް ގުޅަނީ މާފުށީ ޖަލުން ކަމަށާއި، އެހެންކަމުން މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރަމުންދާ މިފަދަ ކަންކަމުން ސަލާމަތްވެ ރައްކާތެރިވެ ތިބުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.