އުނގެނޭ ޢިލްމުގެ ބޭނުން ހިފައިގެން މުޖުތަމައުގައި ހުރި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ.
ނައިބު ރައީސް މިކަމަށް ގޮވާލެއްވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 2022 ވަނަ އަހަރުގެ ދަސްވެނިވުމުގެ ހަފްލާގައި ދަސްވެނީންނާ މުޚާތަބްކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ ތައުލީމު ހާސިލުކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ މުޖްތަމައުގެ ތެރޭގައި ހަމަޖެހުން ޤާއިމުކޮށްދިނުމަށް ލިބިފައިހުރި އިލްމެއްގެ ބޭނުންހިފައިގެން މުޖްތަމައުގެ އެހެން މީހުންނަށް ރަނގަޅު މަގުތައް ދައްކުވައިދިނުންކަމަށެވެ. ހަމަ އެހެންމެ އެމަނިކުފާނު ވަނީ މުޖުތަމައުގައި ހުރި ރަނގަޅުކުރަން ޖެހޭ އިޖްތިމާއީ އެކިއެކި މައްސަލަތަކަށް އަލިއަޅުވާލައްވާފައެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ މީހުން ބިނާކުރުމަކީ ސަރުކާރުން އެންމެ އިސްކަން ދެއްވާ އެއްދާއިރާކަން ފާހަގަކުރައްވައި މިހާރު މަތީ ތައުލީމު ހާސިލުކުރުމަށް މުޅި ރާއްޖޭގައި މީގެކުރިން ނެތް މިންވަރަށް ފުރުސަތުތައް ހުޅުވާލެވިފައި އޮތްކަން ފާހަގަކުރައްވާފައެވެ. އެގޮތުން މިހާރުވެސް ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމްގައި ބައިވެރިވެ 14000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލް ކުރަމުން އަންނަކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ކޮންމެ ކަމެއްގައިވެސް ޕޮޒިޓިވް ވިސްނުން ގެންގުޅުމަށާއި ލޯތްބާއި އިހްތިރާމާއެކު މީހުންނާ މުއާމަލާތްކުރުމަށް އިސްކަންދިނުމުގެ މައްޗަށްވެސް އަލިއަޅުވާލައްވައި ވާހަކަފުޅު ދެއްކެވިއެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި، ކުއްލިއްޔާ އޮފް އެޑިއުކޭޝަން އިން ބެޗްލަރ އޮފް ޓީޗިންގް ޤުރްއާނާއި މާސްޓަރ އޮފް ޓީޗިންގ އެންޑް ލާރނިންގ އިން ދަސްވެނިވެ ދަރަޖަ ހާސިލުކުރި ދަރިވަރުންނަށް ސަނަދު ހަވާލުކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.
މީގެއިތުރުން އެމަނިކުފާނުވަނީ ކުއްލިއްޔާ އޮފް ޝަރީޢާ އެންޑް ލޯ އިން ޑޮކްޓަރ އޮފް ފިލޯސަފީ އިން އިސްލާމިކް ޖުޑީޝަލް ސައިންސަސް އެންޑް ލެޖިސްލޭޓިވް ޕޮލިސީއިން ދަސްވެނިވެ ދަރަޖަ ހާސިލުކުރި ދަރިވަރަށް ސަނަދު ހަވާލުކޮށްދެއްވާފައެވެ. އަދި އެމަނިކުފާނު ވަނީ ކޯސްތަކުން އެންމެމަތީ ވަނަތައް ހާސިލުކުރި ދަސްވެނީންނަށް އިނާމާއި އެވޯޑް ހަވާލުކޮށްދެއްވާފައެވެ.