ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމަށް ހިންގާ ބިޔަ މަޝްރޫޢުގެ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ބައްލަވާލައްވައިފިއެވެ.
ރައީސް ސާލިހް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ކުރެއްވި ޒިޔާރަތުގައި، ވީއައިއޭގައި ހިނގާ އުމްރާނީ ތަރައްގީގެ މަޝްރޫޢުތައް ކުރިއަށްދާގޮތް ވަނީ ބައްލަވާލައްވާފައެވެ. އެގޮތުން ވަކި ވަކި ސައިޓުތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވިއެވެ. މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ ވީއައިއޭގެ އައު ސީ ޕްލޭން ޓަރމިނަލާއި، ކާގޯ ޓަރމިނަލާއި، ފިއުލް ފާރމާއި، ފަޔަރ ބިލްޑިންގގެ އިތުރުން އައު ޕެސެންޖަރ ޓަރމިނަލަށް ވަޑައިގެން، އެތަންތަނުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
އައު ސީޕްލޭން ޓަރމިނަލުގެ މަސައްކަތުގެ 99.9 އިންސައްތަ ނިމިފައިވާއިރު، މިހާރު ކުރިއަށް ދަނީ ރިސޯޓު ލައުންޖް އޮޕަރޭޓަރުންގެ ލައުންޖްތަކުގެ ފިޓްއައުޓްގެ މަސައްކަތްތަކެވެ. އަލަށް ޤާއިމްކުރާ ފިޔުލް ހައިޑްރަންޓް ސިސްޓަމުގެ 85 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާއިރު، މިހާރު ބޭނުންކުރަމުންދާ ރަންވޭގެ ދަށުން ދާންޖެހޭ ފިޔުލް ހައިޑްރަންޓް ލައިން އެޅުމުގެ އިތުރުން ކޮމިޝަން ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ދަނީ ކުރެވެމުންނެވެ.
ވީއައިއޭގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން ފިއުލް ފާރމްގެ 95 އިންސައްތަ މަސައްކަތް ނިމި މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި އިލެކްޓްރިކަލް އަދި ފަޔަރ ފައިޓިންގ ސިސްޓަމްތަކާއި، ސެކިޔުރިޓީ އާއި ސީސީޓީވީތައް ކޮމިޝަންކޮށް ޓެސްޓުކުރުން ހިމެނެއެވެ.
މިއާއެކު ފިޔުލް ސިސްޓަމްތައް ޓެސްޓްކޮށް ކޮމިޝަންކުރުމުގެ މަސައްކަތްތައް ކުރިއަށް ރޭވިފައިވެއެވެ. މި މަޝްރޫއުގެ ދަށުން ޤާއިމްކުރި ލޭންޑްސައިޑް ފިއުލިންގް ސްޓޭޝަންގެ މަސައްކަތްތައް ނިމިފައިވާއިރު، ކަރަންޓް ޓެސްޓު ކުރުމާއި މީހުން ތަމްރީނުކުރުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާއިރު މި ހިނގާ މޭ މަހުގެ ނިޔަލަށް މި ސްޓޭޝަން ބޭނުންކުރަން ފެށޭނެކަމަށް އަންދާޒާކުރެވެއެވެ.
އެއަރޕޯޓުގެ ކާގޯ ޓަރމިނަލުގެ 93 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. ޓަރމިނަލުގެ އެތެރޭގެ ފެންސް ޖެހުމުގެ އިތުރުން، ފިނިޝިންގެ ބައެއް މަސައްކަތްތަކާއި މެޝިނަރީ އިންސްޓޯލްކުރުމާއެކު އައި.ސީ.ޓީ ނެޓްވަރކް ޤާއިމްކުރުމުގެ މަސައްކަތްތައް ކުރިއަށް ރޭވިފައި އެބަހުއްޓެވެ. ޓަރމިނަލް ފުރިހަމަކުރުމަށް ބޭނުންވާ ބައެއް ސާމާނު ލިބުމުގައި ހުރި ދަތިކަމާއެކުވެސް ސެޕްޓެންބަރު މަހުގެ މެދުތެރެއަށް ޓަރމިނަލް ޓެސްޓުކުރެވި ކޮމިޝަންކޮށް ނިންމާލެވޭނެކަމަށް އަންދާޒާކުރެވެއެވެ.
ޓަރމިނަލާއި އިންވެގެން ތަރައްޤީކުރެވެމުންދާ ކާގޯ ހާބަރުގެ މަސައްކަތުގެ 98 އިންސައްތަ މިހާރު ވަނީ ނިންމާލެވިފައެވެ. އައު ޕެސެންޖަރ ޓަރމިނަލް މަޝްރޫޢުގެ 30 އިންސައްތަ މަސައްކަތް ކުރިއަށްގޮސްފައިވާއިރު އެ ޢިމާރާތް އިތުރަށް ފުރިހަމަކުރުމަށް ގެނެވުނު ބަދަލުތަކަކާއެކު މަސައްކަތް ހަލުވިކަމާއެކު ދަނީ ކުރިއަށެވެ.
ވީއައިއޭ ތަރައްޤީކުރުމަށް ކުރިއަށްގެންދާ 1 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢުގެ ދަށުން އެއަރޕޯޓުގެ ޖާގަ އިތުރުކުރުމަށް 63 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން އައު ރަންވޭގެ މަސައްކަތާއި، ފިއުލްފަރމާއި ކާގޯ ޓަރމިނަލް ކޮމްޕްލެކްސްގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ޗައިނާގެ ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް، ބީ.ޔޫ.ސީ.ޖީއާއެވެ.
އަދި މި މަޝްރޫޢުގެ ތެރޭގައި ހިމެނޭ އައު ޕަސެންޖަރ ޓާމިނަލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސަޢޫދީ އަރަބިއްޔާގެ އެންމެ ބޮޑު އެއް ކުންފުނިކަމަށްވާ ބިންލާދިން ގުރޫޕާއެވެ.