ފާއިތުވި ސާޅީހަކަށް އަހަރުގެ ތެރޭގައި ގއ. ކޮނޑޭގައި ކުރިޔަށް ނުދާ މިންވަރަށް މި ސަރުކާރުން އެރަށުގެ ތަރައްޤީއަށް ކަންތައްތައް ކޮށްދީފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލުން މިހެން ބުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާ ބައްދަލުކޮށް ދެއްކި ވާހަކައިގައެވެ.

ރައީސް އޮފީހުގައި އޮތް މި ބައްދަލު ކުރެއްވުމުގައި އެ ރަށުގެ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކާ ގުޅޭގޮތުން ކައުންސިލުން ވަނީ ރައީސް ސާލިހާ މަޝްވަރާ ކޮށްފައެވެ. އެގޮތުން ކޮނޑޭ ކައުންސިލުގެ މެންބަރުން ވަނީ ފާއިތުވި ސާޅީހަކަށް އަހަރުގެ ތެރޭގައި އެރަށުގައި ކުރިޔަށް ނުދާ މިންވަރަށް މި ސަރުކާރުން އެރަށުގެ ތަރައްޤީއަށް ކަންކަން ކޮށްދެއްވާފައިވާކަން ފާހަގަކޮށް ސަރުކާރާއި ރައީސް ސާލިޙަށް ޝުކުރު އަދާކޮށްފައެވެ.

ފޮޓޯ: ރައީސް އޮފީސް

ކައުންސިލަރުން ވަނީ އެރަށުގެ ތަރައްޤީގެ 5 މަޝްރޫޢެއްގެ މަސައްކަތް މިހާރު ނިމިފައިވާކަމަށާ އަދި މިހާރުވެސް 4 މަޝްރޫޢުއެއްގެ މަސައްކަތް ކުރިޔަށްދާކަން ޝުކުރުވެރިކަމާއެކު ފާހަގަކޮށްފައެވެ. މީގެ އިތުރުން އެރަށާއި އެ ސަރަޙައްދުގައި ފަތުރުވެރިކަން ތަރައްޤީކުރުމުގައި ކުރިމަތިވާ ދަތިތައް ޙައްލުކުރުމާއި ގުޅޭގޮތުންނާއި އެ ރަށަށް ވޮލީކޯޓެއްގެ މުހިންމުކަމާއި އަދި ރަށުގެ އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީއަށް މުހިންމު ކަންކަމާބެހޭގޮތުން ކައުންސިލަރުން ރައީސާއި މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން ކައުންސިލަރުން ވަނީ އެރަށުގެ ބަނދަރު ބޮޑުކޮށް ތަރައްޤީކުރުމަށް ބޭނުންވާކަމާއި، ސިއްހީ މަރުކަޒުގެ ޖާގަ އިތުރުކޮށް ލެބޯޓްރީގެ ޚިދުމަތް ފަދަ ޚިދުމަތްތައް އިތުރުކޮށް ފުޅާކުރަން ބޭނުންވާކަމާއި ސްކޫލަށް 7 ކްލާސްރޫމް ބޭނުންވާކަމަށާއި 50 ހައުސިންގ ޔުނިޓް އެރަށުގައި ތަރައްޤީކުރުމާއި އޭޓީއެމްގެ ޚިދުމަތް ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލު ކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހް ވަނީ ކޮނޑޭގެ ތަރައްޤީއަށް ކުރިޔަށްދާ އަދި ކުރިޔަށް ރޭވިފައިހުރި ބައެއް މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތުތައް ކައުންސިލާ ހިއްސާކުރައްވާފައެވެ.

ފޮޓޯ: ރައީސް އޮފީސް

އެ ގޮތުން ކޮނޑޭ ސްކޫލްގެ 4 ކްލާސް ރޫމުގެ މަސައްކަތް މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވާކަން ރައީސް ސާލިހް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ކައުންސިލުން އެދުނު ކަންކަމުގައި މިހާރުން މިހާރަށް ކުރެވެންހުރި ކަންކަން ބައްލަވައި އެ މަސައްކަތް ކޮށްދެއްވާނެކަމަށެވެ.

މީގެ އިތުރުން ރައީސް ވަނީ ސަރުކާރުން ބުނެފައިވާ ގޮތަށް ދިވެހި ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދެއްވުމާއި ތަރައްޤީގެ ކަންކަން ފަހިކޮށްދެއްވުމުގައި ކުޑަ އާބާދީއެއް ބޮޑު އާބާދީއެއް ތަފާތުކުރުމެއްނެތި ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިންމު ކަންކަން ފުރިހަމަކޮށްދެއްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.