ކުރީގެ ބަތަލާ ޝަރްމީލާ ޓާގޫރް 11 އަހަރުގެ މެދުކެނޑުމަކަށްފަހު ފިލްމީ މަސައްކަތްތަކާއި ގުޅެން ތައްޔާރުވެއްޖެކަމަށް ރިޕޯޓުތައް ބުނެފިއެވެ.

75 އަހަރުގެ ބަތަލާގެ އެނބުރިއައުން ގުޅިފައިވަނީ އެކްޓަރު މަނޯޖް ބަޖްޕައީ މުހިއްމު ރޯލް ކުޅޭ ފިލްމު "ގުލްމޯހަރް" އިންނެވެ.

މަނޯޖްގެ އިތުރުން މިފިލްމުން ޝަރްމީލާއާއެކު ފެނިގެންދާނެ އިތުރު ތަރިންނަކީ، ސޫރަޖް ޝަރްމާ، އަމޮލް ޕަލޭކަރު އަދި ސިމްރަން ބައްގާއެވެ.

މިއަހަރުގެ އޯގަސްޓްމަހު ރިލީޒްކުރާނެކަމަށް ރިޕޯޓުތަކުން ބުނެފައިވާ މިފިލްމުގެ މިސްރާބުހުރީ ޑިޖިޓަލް ޕްލެޓްފޯމްއަކާ ދިމާލަކަށެވެ. އެހެންކަމުން ގޭގައި ތިބެގެންވެސް ފިލްމު ބެލުމުގެ ފުރުސަތު ގިނަ ބަޔަކަށް ލިބިގެންދާނެއެވެ.

ފިލްމުން ފުރުސަތު ލިބުމާގުޅިގެން ކުރީގެ ބަތަލާ އަދި އެކްޓަރު ސައިފް އަލީ ޚާންގެ މަންމަ ބުނެފައިވަނީ، މިފިލްމުގެ ސްކްރިޕްޓްގެ ވާހަކަ އަޑުއެހުމަށްފަހު ވާހަކަ ރީތިވުމުން އިތުރު ވިސްނުމަކާނުލާ ފިލްމު ކުޅުމަށް އެއްބަސްވީއެވެ.

ފިލްމުގެ ކާސްޓުންގެ އެއްބާރުލުން ވަރަށް ބޮޑަށް ސެޓުގައި ލިބިގެންދާކަމަށް ބުނަމުން ޝަރްމީލާ ބުނެފައިވަނީ 11 އަހަރުގެ ދިގު މުއްދަތަކަށް ފިލްމީ މަސައްކަތްތަކާއި ދުރުގައި ހުރިކަމުގެ އިހުސާސް ނުކުރެވޭ ކަމަށެވެ. އެހާވެސް ބޮޑު އުފަލެއް ފިލްމީ ސެޓަށް އެނބުރި އައުމުން ލިބޭކަމަށް ބަތަލާވަނީ ބުނެފައެވެ.

ފިލްމު "ގުލްމޯހަރް" އަކީ ފެމިލީ ޑްރާމާއެކެވެ. މިފިލްމުގައި އެކީ ޖީލުގެ އެކި އުމުރުފުރާގެ އާއިލާގެ ވާހަކަ ގެނެސްދޭއިރު މިއީ އާއިލާ އެއްކޮށް ތިބެގެން ބަލާލުމަށްވެސް އެކަށީގެންވާ ވަރަށް ފުރިހަމަ އެހާމެ ޝައުގުވެރި ވާހަކައެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެއްކަމަށް ޝަރްމީލާވަނީ ބުނެފައެވެ.

ފިލްމާ ގުޅޭގޮތުން އެކްޓަރު މަނޯޖް ބުނެފައިވަނީ ފިލްމަށް ނޫނެކޭ ބުނާނެ އެއްވެސް ސަބަބެއް އޭނާއަށް ނުވިސްނުނު ކަމަށެވެ.

ފިލްމުގެ ސްކްރިޕްޓް ތަފާތުކަމަށް ބުނެ މަނޯޖް ބުނެފައިވަނީ ބަތަލާ ޝަރްމީލާއާއެކު އެއް ސްކްރީނެއް ހިއްސާކޮށްލުމުގެ ފުރުސަތު ދޫކޮށްލުމަކީ ވަރަށް ނާއިންސާފު ކަމެއްކަމަށް ދެކޭކަމަށެވެ. އެއާ ޚިލާފަށް އެއީ އޭނާއަށް ލިބިގެންދާ ޝަރަފެއްކަމަށް އެކްޓަރުވަނީ ބުނެފައެވެ.

ބަތަލާ ޝަރްމީލާ ފިލްމުގައި ފެނިގެންދާނީ ފިލްމުގެ ވާހަކަ ބިނާކޮށްފައިވާ އާއިލާގެ އެންމެ އިސްފަރާތުގެ ރޯލްއިންނެވެ.

ބަތަލާ ޝަރްމީލާއަކީ 60 ގެ އަހަރުތަކުގެ ތެރޭގައި ބޮލީވުޑުގައި ފިޔަޖަހަމުންއައި މޮޅު ބަތަލާއެކެވެ.

ގިނަ ބައެއްގެ ހިތް ފަތަހަކޮށްލި ބަތަލާގެ ރީތި ފިލްމުތަކުގެ ތެރޭގައި، ފިލްމު "އަރާދްނާ"، "މޯސަމް" އަދި "ޗުޕްކޭ ޗުޕްކޭ" ހިމެނެއެވެ.

ޝަރްމީލާ އެންމެފަހުން ފެނިފައިވަނީ 2010 ވަނަ އަހަރު ރިލީޒްވި ފިލްމު "ބްރޭކްކޭ ބާދް" އިންނެވެ.