ބަތަލާ މަދޫރީ ޑިކްސިޓްއާއި އެކްޓަރު އަނިލް ކަޕޫރުގެ އައިކޮނިކް ފިލްމު "ތޭޒާބް" ގެ ރިމޭކްއެއް އުފެއްދުމަށް ޚިޔާލު ގެންގުޅޭކަމަށް ޕްރޮޑިއުސަރު މުރާދް ޚެތާނީ ބުނެފިއެވެ.
ފިލްމީ ޚަބަރުތަކުން ބުނާގޮތުން ޕްރޮޑިއުސަރު މުރާދު މިހާރުވަނީ މިފިލްމު ކޮޕީރައިޓްސް ގަންނަން ޝައުގުވެރިވާކަން ފާޅުކޮށްފައެވެ.
1988 ވަނަ އަހަރު ރިލީޒްކުރި މިފިލްމަކީ ބަތަލާ މަދޫރީ ޑިކްސިޓް ހިންދީ ސިނަމާއަށް ތައާރަފްވި ވަރަށް މަގުބޫލުވެގެންދިޔަ ފިލްމެކެވެ. ޚާއްސަކޮށް ފިލްމުގައި މަދޫރީ ފެނިގެންދިޔަ އައިކޮނިކް ލަވަ އޭކް ދޯ ތީން ލަވަޔަކީ މިހާރުވެސް ގިނަ ބައެއްގެ ހިތުން ފޮހެވިގެންނުދާ ލަވައެކެވެ.
މެއިން ލީޑްއިން އެކްޓަރު އަނިލް ކަޕޫރު މަދޫރީއާއެކު ފެނިގެންދިޔަ މިފިލްމަކީ 2 އެކްޓަރުންގެ ކުރިމަގު ވަރަށް ބޮޑަށް ކާމިޔާބީއާ ހަމައަށް ވާސިލުކޮށްދިނުމުގައި ބޮޑު ދައުރެއް އަދާކުރި ކާމިޔާބު ފިލްމެކެވެ.
އެއަހަރުގެ ފިލްމު ފެއަރ އެވޯޑްގެ އެންމެ މޮޅު އެކްޓަރުގެ މަގާމު އަނިލް ކަޕޫރަށް ފިލްމުން ލިބިގެންދިޔައިރު މާދޫރީ އެއަހަރުވަނީ މި ކެޓެގަރީއަށް ނޮމިނޭޓް ވެފައެވެ.
ފަހުގެ ރިމޭކްގައިވެސް ކުރީގެ ފިލްމުގެ ވާހަކަ ތަކުރާރުވާނެތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ޕްރޮޑިއުސަރު މުރާދު ބުނެފައިވަނީ، ކުރީގެ ފިލްމުގެ ވާހަކަ ގެނެސްދޭނީ މިޒަމާނަށް ފެތޭގޮތަށް ބަދަލުތަކަކާއެކު ކަމަށެވެ.
ފަހުގެ ފިލްމުން ފެނިގެންދާނެ ތަރިންނާ ބެހޭގޮތުން އުފެދޭ ސުވާލުތަކަށް އަދި ވަކި ޖަވާބެއް ނުލިބެއެވެ.
ފިލްމުގެ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ތައްޔާރުވަމުން އަންނައިރު ޕްރޮޑިއުސަރު ބުނެފައިވަނީ ފިލްމާގުޅޭ އިތުރު ތަފްސީލު ވަރަށް އަވަހަށް މީޑިއާއާއި ހިއްސާކުރާނެ ކަމަށެވެ.
ދާދިފަހުން "ދަ ފޭމް ގޭމް" އިން ދާދިފަހުން ފެނިގެންދިޔަ ބަތަލާ ދެން އެންމެ އަވަހަށް ފެންނާނީ އެމޭޒަން ޕްރައިމްއިން ގެނެސްދޭ "މާޖާ މާ" އިންނެވެ. އަދި އެކްޓަރު އަނިލް ކަޕޫރު ދެން އެންމެ އަވަހަށް ފެނިގެންދާނީ ރިލީޒްވުމުގެ މަރުހަލާގައި އޮތް ފިލްމު "ޖުގް ޖުގް ޖިއޯ" އިންނެވެ.