ގައުމުގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނީ ގައުމުގެ ހެދިބޮޑުވަމުން އަންނަ ޒުވާންޖީލުގެ ކިބައިގައި މަތިވެރި ސިފަތައް ހުރެގެން ކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.
އެމަނިކުފާން މިހެން ވިދާޅުވީ ޔޫތް ލީޑަރސް ފޯރަމް ށ. މިލަންދޫގައި ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އަތޮޅުގެ ޒުވާނުންނާ މުހާތަބުކުރައްވާ ދެއްކެވި ވާހަކައިގައެވެ. ޔޫތް ލީޑާރސް ފޯރަމަކީ ހޯމް މިނިސްޓްރީގެ ތެރޭގައި އޮންނަ ކޮލެޖް ޔުނިވަރސިޓީގެ ދަރިވަރުން ތަމްޘީލްކުރާ ނެޓްވޯކެކެވެ.
މިނިސްޓަރ ވިދާޅުވީ ހޯމް މިނިސްޓްރީގެ ފަރާތުން ޔޫތް ލީޑާރސް ނެޓްވޯކްގެ ނަމުގައި ނެޓްވޯކެއް އުފައްދާ ޒުވާން ލީޑަރުން ބިނާކުރުމަށް މިފަދަ ފޯރަމްތައް ހިންގަނީ ހޯމް މިނިސްޓްރީއާ މަތިކޮށްފައިވާ ޤައުމުގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޒުވާނުންގެ ދައުރު ބޮޑުވުމުން ކަމަށެވެ.
އަދި ޤައުމުގެ ޒުވާން ޖީލަކީ ހެޔޮލަފާ މުއާތިނުން ކަމުގައި ހަދައިގެން މެނުވީ ޤައުމުގެ މުސްތަޤްބަލް ހޯދާނުފެންނާނެތީ ކަމަށެވެ.
މިނިސްޓަރ ޢިމްރާން ވިދާޅުވީ އެއްވެސް ޤައުމެއްގެ މުސްތަޤްބަލް ބިނާވާނީ އެޤައުމެއްގެ ޒުވާނުންގެ މައިބަދާގައި ވަރުހުރި މިންވަރަކަށްކަމަށެވެ. ހެދިބޮޑުވަމުން އަންނަ ޒުވާން ޖީލަކީ ހަށިގަނޑުހެޔޮ ރޫފަހުރި, ޢިލްމީ ޤާބިލްކަމާއި, ފަންނާއި ހުނަރުވެރިކަންހުރި މަސައްކަތްތެރިކަމާއި މުރާލިކަންހުރި ރިވެތި އަޚްލާޤާއި, ސުލޫކުން ޒީނަތްތެރިވެގެންވާ ބައެއްނަމަ އެޤައުމުދާނީ ފަތުއަޑު ކިޔާފައި ބާރަށް ކުރިއަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"އެ ސިފަތައް އެޤައުމެއްގެ ޒުވާނުންގެ ކިބައިން ގެއްލިއްޖެނަމަ އެޤައުމެއްގެ މުސްތަޤްބަލާމެދު ހުރި ހިތާމައެއްގެ ބޮޑުކަމާ." ށ. އަތޮޅުގެ 13 ރަށެއްގެ ޒުވާނުންނާ މުހާތަބުކުރައްވާ މިނިސްޓަރ ވިދާޅުވީ މިއަދު އެ ލޮބުވެތި ޒުވާނުންގެ ކޮނޑުގައި އަޅުވަނީ ވަރަށްބޮޑު މަސްއޫލިއްޔަތެ އްކަމަށެވެ.
މިޤައުމަކީ ޒުވާން ކާބަފައިންގެ ކިބައިން މިހާތަނަށް ހިމާޔަތްކުރެވި ރައްކާތެރިކުރެވިގެންވާ ޤައުމެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އަޅުގަނޑުމެންގެ މެދުގައި ދިމާވި ދަތި ކޮންމެ ބޮޑު އުނދަގޫކަމެއް އަދި ރާއްޖެއަށް ދިމާވި ބޮޑު ކޮންމެ ގޮންޖެހުމަކާ ކުރިމަތިލައިގެން ނިކުމެފައި ވަނީ ޒުވާން ހިތްވަރުގަދަ ބަތަލެއް ކަމަށެވެ.
މުޖުތަމައުއަކީ ކުށްމަދު އަމާން ރައްކާތެރި މުޖުތަމައުއަކަށް ހެދުމަކީ ހޯމް މިނިސްޓްރީއާ މަތިކޮށްފައިވާ ބޮޑު މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ޔޫތް ލީޑާރސް ނެޓްވޯކުން އެމަސްއޫލިއްޔަތު ޒުވާނުންނާއެކު ކުރިއަށްގެންދިއުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ވިދާޅުވީ ފޯރަމްގެ ކަންކަން ހޯމް މިނިސްޓްރީން ކުރިއަށްގެންދެވީ އެމަނިކުފާނާ މަޝްވަރާ ކުރައްވައިގެން ކަމަށެވެ. އަދި ފޯރަމްގެ މައުލޫމާތު ހިއްސާކުރެއްވި ވަގުތުވެސް ކަމުގެ މުހިއްމުކަން ޤަބޫލުކުރެއްވުނު ކަމަށެވެ.
ށ.އަތޮޅަށް އަމާޒުކުރައްވައިގެން މިލަންދޫގައި މިފަދަ ފޯރަމެއް ބޭއްވީތީ މެންބަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އެކަން މިލަންދޫ ކައުންސިލްގެ ރައީސް އަބްދުالله އާތިފްވެސް ފާހަގަކުރެއްވިއެވެ.