2020 ވަނަ އަހަރު އިއުލާނުކުރި ފިލްމު "ދަ އިންޓާން" އިން ބަތަލާ ދީޕިކާ ޕަޑުކޯން ނުފެނިދާނެކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ފިލްމު "ބަދާއީ ދޯ" ގެ ޑައިރެކްޓަރު އަމިތް ޝަރްމާގެ ދިގުދެމިގެން ގޮސްފައިވާ މިފިލްމުގައި ކުރިން މައިގަނޑު ރޯލް ކުޅެން ހަމަޖެހިފައިއޮތީ ބަތަލާ ދީޕިކާ ޕަދުކޯންއެވެ.
ހޮލީވުޑްގެ ފިލްމު "ދަ އިންޓާން" އަސްލަކަށް ބަލައިގެން އުފައްދާ މިފިލްމަށް އެކިފަހަރުމަތީން ތަފާތު މައްސަލަތައްވަނީ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ފިލްމުގައި މުހިއްމު ރޯލްއިން ފެންނަގޮތަށް ހަމަޖެހުނު އެކްޓަރު ރިޝީ ކަޕޫރުގެ މަރަށްފަހު އެރޯލަށް އިތުރު ތަރިއަކު ހަމަޖެއްސުން ހިމެނެއެވެ.
ރިޕޯޓުތައް ބުނާގޮތުން އެކްޓަރު ރިޝީ ކަޕޫރުގެ ބަދަލުގައި އެރޯލުން ފެނިގެންދާނީ އެކްޓަރު އަމީތާބް ބައްޗަންއެވެ.
އަމީތާބް ފިލްމުގައި ފެނިގެންދާނީ އޮންލައިން ފެޝަން ކުންފުންޏަކަށް އިންޓާންއެއްގެ ގޮތުގައި މަސައްކަތްކުރުމަށް އަންނަ ރިޓަޔަރޑް މުވައްޒަފެއްގެ ރޯލުންނެވެ.
ބަތަލާ ދީޕިކާ ޕަދުކޯންއާއި އެކްޓަރު އަމީތާބްގެ ޖޯޑް ފިލްމު "ޕީކޫ" އަށްފަހު މަގުބޫލުވެ ދެތަރިން އެކީގައި ފިލްމު "ދަ އިންޓާން" އިން ފެންނާނެކަމަށް އުއްމީދުކުރިނަމަވެސް މިހާރު ދީޕިކާ ފިލްމުން ވަކިވާން އުޅޭކަމުގެ ޚަބަރު މީޑިއާގައިވަނީ ތިލަވެފައެވެ.
ރިޕޯޓުތައް ބުނާގޮތުން ދީޕިކާގެ ބަދަލުގައި ފިލްމުން ދެން ފެންނާނެކަމަށް ބެލެވެނީ ބަތަލާ ޕަރިނީތީ ޗޯޕްރާއެވެ. އިއްތިފާގުން ޕަރިނީތީއަށް ފިލްމު "ޕީކޫ" ގެ ރޯލް ފުރަތަމަ ލިބުނުއިރު އޭރު ޝެޑިއުލްގައި އެފިލްމަށް ވަގުތު ދެވެން ނެތުމުގެ ސަބަބުން އެރޯލް ލިބުނީ ބަތަލާ ދީޕިކާއަށެވެ.
ފްރާންސްގައި މިވަގުތު ކުރިޔަށްދާ ކާންސް ފެސްޓިވަލުގައި އިންޑިއާގެ ފިލްމީ ތަރިންނާއެކު ބައިވެރިވެފައިވާ ބަތަލާ ދީޕިކާއަކީ މިއަހަރުގެ ކާންސް ޖޫރީގެ މެމްބަރެކެވެ.
އޭނާގެ ކުރިޔަށްހުރި ފިލްމީ މަސައްކަތްތަކަށް ބަލާއިރު އެކްޓަރު ޝާހްރުކް ޚާން އަދި ޖޯން އަބްރަހަމްއާއެކު ކުޅޭ ޔާޝް ރާޖްސްގެ ފިލްމު "ޕަތާން" ނާގް އަޝްވިން އިއުލާނުކޮށްފައިވާ ސައިންސް ފިކްޝަން ފިލްމު އަދި ސިދާތް އާނަންދްގެ ފިލްމު "ފައިޓާ" ހިމެނެއެވެ.