ސައުތް އިންޑިއާގެ ބައެއް ފިލްމީ ތަރިން މިހާރަކަށްއައިސް ބޮލީވުޑް ފިލްމުތަކުން ފުރުސަތު ހޯދަމުން އަންނާތީ އެކަމާ ބައެއް ފަރާތްތަކުގެ މެދުގައި ޚިޔާލު ބަދަލުވެ ވާހަކަ ދެކެވެމުން ދަނިކޮށް، މިމައުޟޫއަށް ސައުތް އިންޑިއާގެ ކާމިޔާބު އެކްޓަރު މަހޭޝް ބާބޫގެ ޚިޔާލު ފާޅުކޮށްފިއެވެ.

އެކްޓަރު މަހޭޝް ބާބޫގެ ކުރިޔަށްއޮތް ފިލްމު "މޭޖާ" ގެ ޓްރެއިލާ ލޯންޗްކުރުމުގެ އިވެންޓުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެމުން މަހޭޝް ބާބޫ ބުނީ އެކްޓަރަށް ބުނެވޭ އެއްޗަކުން ބައެއްމީހުން އޭނާއާއި މެދު ދެކޭގޮތް ތަފާތުވެދާނެ ކަމަށެވެ.

"އަހަންނަކީ ވަރަށް ފޮނި މީހެއްގެގޮތުގައި ބަޔަކު ސިފަކޮށްފާނެ. ހިންދީ ސިނަމާއިން ވަރަށް ގިނަ ފުރުސަތު ލިބޭ. އެހެންނަމަވެސް އަހަންނަކަށް ހިއެއްނުވޭ އެމީހުންނަށް އަހަރެން އެފޯޑްކުރެވޭނެހެނެއް. އެހެންވީމަ ބޭކާރު ވަގުތު އެކަމަށް ހޭދަކުރާކަށް ބޭނުމެއްނުވޭ"
މަހޭޝް ބާބޫ

މިމޭރުމުން ވާހަކަ ދައްކަމުން އެކްޓަރު މަހޭޝް ބުނެފައިވަނީ ސައުތް ފިލްމުތަކަށް ބެލުންތެރިންގެ ފަރާތުން ލިބޭ އިހްތިރާމާއި ލޯބި އެއީ އޭނާ އަބަދުވެސް ހަނދާނުގައި ބަހައްޓާ ކަމެކެވެ. އެހެންވެ ސައުތް ސިނަމާ ފިޔަވައި އެހެން އިތުރު ސިނަމާއަކަށް ދިއުމުގެ ވިސްނުން އެއްވެސް އިރެއްގައި ނުގެންގުޅޭ ކަމަށެވެ.

މަހޭޝްގެ މި ފާޑުކިޔުމަށް ޓްވިޓާގައިވެސް ވަރަށް ގިނަބަޔަކުވަނީ ބަހުސްކޮށްފައެވެ. ބައެއް ފަރާތްތަކުން ބުނެފައިވަނީ ހިންދީ ސިނަމާއާ ބެހޭގޮތުން ވާހަކަ ދައްކާފައިވަނީ ވަރަށް އިހްތިރާމްކުޑަގޮތަކަށެވެ. އަނެއްބަޔަކު ބުނެފައިވަނީ މަހޭޝް އެހެން ބުނެފައިވީނަމަވެސް އޭނާއަކީ އެކަހަލަ "އެރޮގެންޓް" އެކްޓަރެއް ނޫންކަމަށެވެ.

ބައެއް ފަރާތްތަކުން ނުބައިގޮތަކަށް އޭނާ ދެއްކި ވާހަކަ މާނަކުރީކަމަށްބުނެ އެއްބަޔަކު ބުނަނީ ކުރިޔަށްހުރި އިންޓަވިއުތަކުގައި އެކަން ރަނގަޅަށް ސާފުކޮށްދޭނެކަމަށް އުއްމީދުކުރާ ކަމަށެވެ.

ޢުމުރުން 46 އަހަރުގެ އެކްޓަރަށް މީގެކުރިންވެސް ބޮލީވުޑް ފިލްމުތަކުން ނުފެންނާތީ މީޑިއާއިންވަނީ ސުވާލުތައް ކުރިމަތިކުރުވާފައެވެ. އޭނާ އަބަދުވެސް ބުނަމުންއައީ ބޮލީވުޑް ފިލްމުތަކަށް އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށެވެ.

ސައުތް އިންޑިއާގެ ފިލްމުތަކުގެ އިތުރުން ތެލުގޫ ފިލްމުތައްވެސް މިހާރު އަންނަނީ ހިންދީ އަޑު އެޅުމަށްފަހު ތިއޭޓަރުތަކުގައި ރިލީޒްކުރަމުންނެވެ. ހަމައެއާއެކު މިފިލްމުތަކަށް އިންޑިއާގެ ބޮލީވުޑަށް ލޯބިކުރާ އެތައްބައެއްގެ މަގުބޫލުކަން އަންނަނީ ލިބެމުންނެވެ.

މީގެއިތުރުން ބޮލީވުޑްގެ ބައެއް ފިލްމުތަކުންވެސް ސައުތް އިންޑިއާގެ ތަރިންއަންނަނީ ފެނި ހިންދީ ސިނަމާގައި ފައިތިލަ ސާބިތުކުރަމުންނެވެ. އޭގެތެރޭގައި ބަތަލާ ކިއާރާ އަދްވާނީ، ޕޫޖާ ހޭޖް، ތަމަންނާ ބާޓިއާ، ރަކުލް ޕްރީތް ސިންގް، ކާޖަލް އަގަރްވާލް އަދި ރަޝްމިކާ މަންޑަންނާ ހިމެނެއެވެ.

ސައުތް އިންޑިއާ އެކްޓަރުންގެތެރެއިން ބޮލީވުޑް ފިލްމުތަކަށް ނުކުތް އެކްޓަރުންގެ ތެރޭގައި، ވިޖޭ ދެވެރަކޮންޑާ، ޕްރަބާސް، މާދްވަން، ކަމަލް ހަސަން، ދަނުޝް އަދި ރަޖްނީކާންތް ހިމެނެއެވެ.