ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ދޭ އެންމެ ޝަރަފުވެރި ޢިނާމުތަކުގެ ތެރޭގައި ހިމެނޭ "ބެސްޓް ސްޓޫޑެންޓް އެވޯރޑު" 5 ދަރިވަރުން ހާސިލުކޮށްފިއެވެ.

ބެސްޓް ސްޓޫޑެންޓް އެވޯރޑު 5 ދަރިވަރަކު ހާސިލުކޮށްފައިވާ ކަން އިސްލާމީ ޔުނިވަރސިޓީން އިއުލާންކުރީ އެ ޔުނިވަރސިޓީގެ 6 ވަނަ ދަސްވެނިވުމުގެ ރަސްމިއްޔާތުގައެވެ.

މި ދަރިވަރުންނަށް ޝަރަފުވެރި އިނާމުތައް ހަވާލުކޮށްދެއްވީ އައިޔޫއެމް ހޯލްގައި ބޭއްވި އިސްލާމީ ޔުނިވަރސިޓީގެ 6 ވަނަ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ 2 ވަނަ ސެޝަންގެ ޝަރަފުވެރި މެހުމާން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

އަދި މި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމާއި ޔުނިވާސިޓީގެ ފަރާތުންދޭ ހަނދާނީ ފިލާ އަދި ސެޓްފިކެޓްގެ އިތުރުން ޔުނިވަރސިޓީގެ ފަރާތުންދޭ އިލްމީ ޚަޒާނާއި ޓިއުޝަން ފްރީ ސްކޮލަރޝިޕް ވަނީ ހަވާލުކޮށްފައެވެ.

އިސްލާމީ ޔުނިވަރސިޓީގެ 6 ވަނަ ދަސްވެނިވުމުގެ ހަފްލާގެ ފުރަތަމަ ސެޝަން ޝަރަފުވެރި ކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް މުއުތަސިމް ޢަދުނާނެވެ. އަދި ދެވަނަ ސެޝަން ޝަރަފުވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

ޝަރަފުވެރި މެހެމާނުންގެ އިތުރުން މި ޙަފްލާގައި ޔުނިވަރސިޓީގެ މަޖިލިސް މެންބަރުން އަދި ޔުނިވަރސިޓީގެ އިސްވެރިން، ދަސްވެނިން އަދި އެ ދަސްވެނިންގެ ބެލެނިވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 2021 ވަނަ އަހަރު 666 ދަރިވަރުން ދަސްވެނިވެފައިވެއެވެ. އެގޮތުން މި ޙަފްލާގައި ސެޓްފިކެޓް ލެވެލްގެ 216 ދަރިވަރުންނާއި މާސްޓާރސް ލެވެލްގެ 184 ދަރިވަރުން، ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ ލެވެލްގެ 42 ދަރިވަރުން، ޑިގްރީ ލެވެލްގެ 151 ދަރިވަރުން، ޑިޕްލޮމާ ލެވެލްގެ 56 ދަރިވަރުން، އެސޯސިއޭޓް ޑީގްރީ ގެ 16 ދަރިވަރުން އަދި ޕީ.އެޗް.ޑީ ލެވެލްގެ 1 ދަރިވަރު މި އަހަރު ދަސްވެނިވެފައިވާ ކަމަށް އައިޔޫއެމުން ބުނެއެވެ.