ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރާ ކޮންމެ ގާނޫނެއް ނުވަތަ ގަރާރަކީ ދިމޮކްރެސީގެ ހަމަތަކާ ޚިލާފު، ޣައިރު ދުސްތޫރީ ގާނޫނެއް ނުވަތަ ގަރާރެއް ކަމަށް މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އަދި ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފިއެވެ.

ދެފަރާތުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިފަހުން އިދިކޮޅުން އިންތިޒާމްކޮށްގެން ބޭއްވި ސުލްހަވެރި އެއްވުންތަކުގައި ފުލުހުން އަމަލު ކޮށްފައިވާ ގޮތާއިމެދު ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.

ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލާ އިދިކޮޅުން ސިލްސިލާކޮށް އެއްވުންތައް ކުރިއަށް ގެންދަން ފަށާފައިވާއިރު، އެއްވުންތައް ކަވަރުކުރުމަށް ހަރަކާތްތެރިވާ ނޫސްވެރިންނަށް ހުރަސްއަޅަމުންދާ ކަމުގެ ޝަކުވާތައް ގިނަވެފައިވާއިރު، ރޭ ބޭއްވި އެއްވުމުގައި ހަރަކާތްތެރިވި ނޫސްވެރިއަކަށް ފުލުހަކު އިންޒާރު ދިން މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.

އެމްޖޭއޭ އަދި ޓްރާންސްޕޭރެންސީން ވަނީ ނޫސްވެރިންނަށް ރައްކާތެރި މަސައްކަތުގެ މާހައުލެއް ހޯދައިދިނުމަށްޓަކައި ނޫސްވެރިންނަށް ބިރު ދެއްކުމާއި ފުރައްސާރަ ކުރުން ނުވަތަ ގެއްލުން ދިނުމަށް ކުރާ ކޮންމެ މަސައްކަތަކީ ސީރިއަސްކޮށް ނަގަން ޖެހޭ މަސައްކަތެއްކަން ކަށަވަރު ކުރުމަށް ކަމާ ގުޅޭ ހުރިހާ މުއައްސަސާތަކަށް ގޮވާލާފައެވެ.

މީގެއިތުރުން، ޚިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމަކީ، ރާއްޖޭގެ ޤާނޫނުއަސާސީން ލިބިދީފައިވާ އަސާސީ ޙައްޤެއްގެ ގޮތުގައި ރައްކާތެރިކޮށްދިނުމަށް ދިވެހި ދައުލަތަށާއި، ކަމާބެހޭ އެންމެހާ މުއައްސަސާތަކަށްވެސް ގޮވާލާފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މުޒާހަރާ ކަވަރ ކުރުމަށް އަލިކިލެގެފާނާއި މަޖީދީ މަގު އެއްވާ ހަތަރު އަނގޮޅި ކައިރި ދުވާރު މަތީގައި ނޫސްވެރިން ތިއްބައި، ފުލުހަކު ވަނީ "ހޭއަރުވާލާނެ" ކަމަށް ބުނެ އިންޒާރު ދީފައެވެ.

އެ ސަރަހައްދުގައި ތިބި ބައެއް ނޫސްވެރިން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެކަން ފުލުހުންގެ ސަމާލުކަމަށްވެސް ގެނެސްފައެވެ.