ދުނިޔޭގައި ނާދިރު ބައްޔެއް ކަމަށްވާ މަންކީޕޮކްސް ބަލި ޔޫރަޕާއި، އުތުރު އެމެރިކާގެ ބައެއް ގައުމުތަކުން ފެނި ތަހްގީގުތައް ކުރަން ފަށައިފިއެވެ.

މަންކީޕޮކްސްގެ ކޭސްތައް ފެނިފައިވާ ގައުމުތަކުގެ ތެރޭގައި، އެމެރިކާ، ކެނެޑާ، ސްޕެއިން، ޕޯޗުގަލް އަދި އިނގިރޭސިވިލާތް ހިމެނެއެވެ.

މި ގައުމުތަކުން ބަލީގެ ކަށަވަރު ކޭސްތައް ފެނުމުގެއިތުރުން، މަންކީޕޮކްސް ކަމަށް ތުހުމަތުކުރެވޭ ކޭސްތައްވެސް ފެނި މިހާރު ގެންދަނީ ތަހްގީގު ކުރަމުންނެވެ.

އެމެރިކާއިން އެންމެފަހުން މަންކީޕޮކްސްގެ ކޭސްއެއް ފެނިފައިވާއިރު، މިބަލި ކަމަށް ޝައްކުކުރެވޭ 17 ކޭސްއެއް ކެނެޑާއިން ތަހްގީގު ކުރިއިރު 2 ކޭސް ކަށަވަރުވެފައިވާ ކަމަށް އިއްޔެ ހާމަކޮށްފައި ވެއެވެ.

ޕޯޗުގަލްއިން މަންކީޕޮކްސްގެ 5 ކޭސް ފެނިފައިވާއިރު، ސްޕެއިނުން 23 ކޭސް ފެނިފައިވާ ކަމަށް އެގައުމުތަކުގެ ސިއްހީ އިދާރާތަކުން ހާމަކޮށްފައި ވެއެވެ.

މީގެއިތުރުން، އިޓަލީއާއި ސްވިޑަންއިންވެސް މަންކީޕޮކްސް ކަމަށް ޝައްކުކުރެވޭ ކޭސްތައް އިއްޔެ ފެނިގެން ތަހްގީގުކުރަން ފަށާފައި ވެއެވެ.

މަންކީޕޮކްސް ކަމަށް ތުހުމަތުކުރެވޭ ކޭސްއެއް ފެނިގެން މިމަހުގެ ކުރީކޮޅު މިކަން އެންމެ ފުރަތަމަ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ސަމާލުކަމަށް ގެނެސްފައިވަނީ އިނގިރޭސިވިލާތުންނެވެ.

މަންކީޕޮކްސްއަކީ މެދުތެރޭ އެފްރިކާ އަދި ހުޅުނަގު އެފްރިކާ ސަރަހައްދުގެ ރަށްފުށުގެ ހިސާބުތަކުން ފެންނަ ބައްޔެކެވެ. މި ސަރަހައްދުތަކުގެ ބޭރުން މަންކީޕޮކްސް ފެތުރެނީ ދަތުރުފަތުރުގެ ސަބަބުން ކަމަށް ބެލެވިފައި ވެއެވެ.

މަންކީޕޮކްސްއަކީ ނާދިރު ހާލަތްތަކެއްގައި ފެތުރޭ ބައްޔެކެވެ. މަންކީޕޮކްސްއަކީ ސްމޯލްޕޮކްސްއާ އެއްގޮތް ބައްޔެއް ނަމަވެސް، މަންކީޕޮކްސް ބަލިޖެހޭ މީހުންގެ ކިބައިން ފެންނަ އަލާމާތްތައް އާންމުކޮށް ލުއި ކަމަށާއި، ބަލިޖެހޭ ގިނަމީހުން މަދު ހަފްތާތަކެއްގެ ތެރޭގައި ރަނގަޅުވެސް ވާކަމަށް އިނގިރޭސިވިލާތުގެ ނޭޝަނަލް ހެލްތު ސަރވިސްއިން ބުނެއެވެ.

ސިއްހީ މާހިރުން ލަފާކުރައްވަނީ، މަންކީޕޮކްސް ޖެހެނީ އެއްޖިންސުން ގުޅުންހިންގާ މީހުންގެ މެދުގައި ކަމަށެވެ. އެކަކުގެ ގައިން އަނެކަކުގެ ގަޔަށް މިބަލި އަރާނީ ބަލިން ތަޣައްޔަރުވެފައިވާ ހަށިގަނޑުގެ ދިޔަ، އަނެކާގެ ހަށިގަނޑަށް ވާސިލްވެގެން ކަމަށެވެ.

އެހެންވެ، ގިނަ ބައެއްގެ މެދުގައި މިބަލި އާންމުކޮށް ފެތުރުމުގެ ފުރުސަތު ކުޑަކަމަށް އިނގިރޭސި ނޭޝަނަލް ހެލްތު ސަރވިސްއިން ބުނެއެވެ.

މަންކީޕޮކްސްގެ ފުރަތަމަ ކޭސް އިނގިރޭސިވިލާތުން ފެނުނީ، ނައިޖީރިއާއިން އައި މީހެއްގެ ގައިންނެވެ. މިހާރު މިބަލިޖެހިފައިވާ 9 މީހުން އެގައުމުގައި އެބަތިއްބެވެ.

އެމެރިކާއިން މަންކީޕޮކްސް ފެނުނީ ކެނެޑާއިން އެނބުރި އައި މީހެއްގެ ގައިންނެވެ. އޭގެކުރިން ކެނެޑާއިން ގެންދިޔައީ މަންކީޕޮކްސް ކަމަށް ޝައްކުކުރެވޭ 13 ކޭސް ފެނި، ތަހްގީގު ކުރަމުންދެއެވެ.

އަނެއްކޮޅުން، ދާދިފަހުން ޔޫރަޕަށް ދަތުރު ކުރުމަށްފަހު އެނބުރި އައި އޮސްޓްރޭލިއާގެ ރައްޔިތެއްގެ ގައިންވެސް މަންކީޕޮކްސް ފެނިފައިވާ ކަމަށް އޮސްޓްރޭލިއާއިން މިއަދު ރިޕޯޓްކޮށްފައި ވެއެވެ. މިކަމާހެދި ބަލި ފެނުނު މީހާއާއި އޭނާގެ ކޮންޓެކްޓުން މިހާރު ތިބީ އައިސޮލޭޓްކޮށްފައެވެ.

މަންކީޕޮކްސް ފެތުރޭން ފެށުމާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިންވަނީ ކޮންޓެކްޓް ޓްރޭސިން ވަރުގަދަ ކުރުމަށާއި، ބަލި ފެންނަ މީހުން އައިސޮލޭޓް ކުރުމަށް ގައުމުތަކަށް އިރުޝާދު ނެރެފައެވެ.