ކީރތި ރަސޫލާ صلى الله عليه وسلمގެ މުޅިހަޔާތްޕުޅަކީ ދިރިތިބީންނަށް ނަމޫނާއެއް ކަމަށާއި، އެކަލޭގެފާނުގެ މަތިވެރި ޝަޚްސިއްޔަތުގެ ކޮންމެ ފަރާތަކަށް ބެލިކަމުގައި ވިޔަސް އެކަން ހާމަވާ ކަމަށް މިއަދުގެ ހުކުރު ޚުތުބާއިން ބުނެދީފިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ޚުތުބ ާހާއްސަކޮށްފައިވަނީ " މާތް ނަބިއްޔާ صلى الله عليه وسلم ޚުލްގުފުޅުން ނަމޫނާ ލިބިގަތުން" މި މައުޟޫއަށެވެ.
އަހަރެމެންގެ މާތް ނަބިއްޔާ صلى الله عليه وسلم ގެ މަތިވެރި ޝަޚްސިއްޔަތުގެ ކޮންމެ ފަރާތަކަށް ބެލިކަމުގައި ވިޔަސް، އެއީ ލާމަސީލް ނަމޫނާއެކެވެ. ރަސޫލެއްގެ ގޮތުން ވިޔަސް، ޒަޢީމެއްގެ ގޮތުން ވިޔަސް، ބަފައިކަލެއްގެ ގޮތުން ވިޔަސް، ފިރިކަލެއްގެ ގޮތުން ވިޔަސް، އެދުރެއްގެ ގޮތުން ވިޔަސް އަދި އޯގާވެރިކަމާއި، މާފުކުރެއްވުމާއި، ދީލަތިފުޅު ކަމަށް ބެލިޔަސް އެއީ އިންސާނިއްޔަތަށް ލިބިގެންވާ އެންމެ މަތިވެރި ނަމޫނާއެވެ.
ޚުތުބާގައި ބުނެފައިވަނީ އޯގާވެރިކަމާއި، އިޙްސާންތެރިކަމާއި، މާފުކުރުމަކީ އެސިފަތަކުން މީސްތަކުން ޒީނަތްތެރިވުމަށް ނަސޭހަތްދޭ މީހާގެ ނަފުސުގައި އަށަގެންފައި ހުންނަން ޖެހޭނެ ސިފަތަކެއް ކަމަށެވެ. އެކަލޭގެފާނު މުސްލިމުންނަށް ގޮވާލާފައިވަނީ ކުރާ ކޮންމެ ކަމެއް ރަނގަޅަށް، ފުރިހަމަކޮށް ކުރުމަށެވެ. ކުރާ މަސައްކަތް ރަނގަޅަށް ދަސްކޮށްގެން ކުރުމަށެވެ.
އިސްލާމްދީނުގެ އަލިގަދަ ނޫރުން ޒީނަތްތެރިވެފައިވާ މަސައްކަތުގެ ވެށްޓެއް ތިބާގެ ގޭގައި ގާއިމްކުރުމަށްޓަކައި، ހިނގާ ދުލަކާއި ތަނަވަސް ބަޖެޓަކަށް ބޭނުންނުވާނެ ކަމަށާއި، އެކަމަށް ބޭނުންވަނީ އަމަލީ ނަމޫނާކަމަށް ޚުތުބާއިން އެނގިގެން ދިޔައެވެ. އަދި، އޭރުން މާތް ﷲގެ ލޮބުވެތިކަމުން ޒީނަތްތެރިވެފައިވާ، އަދި އެކަލާނގެ ރުއްސެވުމާއި ފުއްސެވުމުން ހިޔާވަހިކަން ލިބިފައިވާ ތަނަކަށް ތިބާގެ ގެ ވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން، ކައުއިތުރު ރަސޫލާ އާއި އެކަލޭގެފާނުގެ ވެރި ރަސްކަލާނގެއާ ދެމެދުގައި އޮތް ގުޅުންތަކަކީވެސް އަހަރެމެންނަށް ލިބިގެންވާ ލާމަސީލް ނަމޫނާކަން ހަނދާންކޮށްދީފައިވެއެވެ. އެއީ އެކަލޭގެފާނުގެ މާތް ޝަޚްސިއްޔަތާއި، އަޒުމުފުޅުގެ މަތިވެރިކަމާއި، ހިއްމަތްފުޅުގެ ވަރުހަދަކަން ހާމަކޮށްދޭ ކަންތައްތަކެކެވެ.
އެކަލޭގެފާނަކީ ﷲއަށް ޒިކުރު ކުރެއްވުމުގައި، އެފަދަ ދެވަނަ މިސާލެއް ނެތް ބޭކަލެކެވެ. އެކަލޭގެފާނުގެ މުޅި ހަޔާތްޕުޅަކީ ޒިކުރެވެ. ގިނަގިނައިން ޒިކުރު ކުރުމަށް އެކަލޭގެފާނު ވަނީ އުއްމަތަށް އިރުޝާދު ދެއްވާފައެވެ. ޚުތުބާގައިވަނީ ގިނަގިނައިން އެކަލޭގެފާނު ހަނދުމަކޮށް، ލޮބުވެތި ރަސޫލާއަށް ސަލަވާތް ކިޔެވުމަށް ހަދުމަކޮށްދީފައެވެ.