މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ހިއްސާއަކަށް 3.50 ރުފިޔާ ބަހަން އެކުންފުނީގެ އަހަރީ އާންމު ޖަލްސާއިން ފާސްކޮށްފިއެވެ.

މިޖަލްސާގައި 5 ރުފިޔާގެ މޫނުމަތީ ހިއްސާއަކަށް 3.50 ރުފިޔާ ބަހަން ފާސްކޮށްފައިވަނީ އަހަރީ ޢާންމު ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 64 އިންސައްތަ ވޯޓުންނެވެ. މިއަދަދު ބެހުމަށް 396 ހިއްސާދާރުން ވޯޓުދީފައިވާއިރު، ނުފެންނަ ކަމަށް 257 ހިއްސާދާރުން ވޯޓުދީފައިވެއެވެ.

އެމްޓީސީސީން ހިއްސާގެ ފައިދާ ބަހާނީ މިދިޔަ މަހުގެ 18 ވަނަ ދުވަހާ ހަމައަށް އެ ކުންފުުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އެކުންފުނިން ހިއްސާއަކަށް 3.50 ރުފިޔާ ބަހަން ފާސްކޮށްފައިވާއިރު، މިދިޔަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ޖުމްލަ 272 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

2020 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި އެމްޓީސީސީއަށް 191 މިލިއަން ރުފިޔާ ލިބިފައިވާއިރު، ހިއްސާއަކަށް ބަހާފައިވަނީ 3.00 ރުފިޔާއެވެ.

މާލީހިސާބުތައް ދައްކާގޮތުން، އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާ ވަނީ 21 އިންސައްތަ އިތުރުވެފައެވެ. 2021 ވަނަ އަހަރު އެކުންފުނިން 1.97 ބިލިއަން ރުފިޔާގެ ވިޔަފާރި ކޮށްފައިވެއެވެ. އަދި، ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 271.82 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މިއީ އެމްޓީސީސީގެ 41 އަހަރުގެ ދިގު ތާރީޚުގައި ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ކަނޑައެޅި އެންމެ ބޮޑު އަދަދެވެ.

މިޖަލްސާގައި ސަރުކާރުގެ ފަރާތުން ކުންފުނީގެ ޑިރެކްޓަރުންގެ ގޮތުގައި މިދިޔަ އަހަރު ވެސް ތިއްބެވި ބޭފުޅުން އިންތިހާބު ކޮށްފައިވާއިރު، އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރަކަށް އިންތިހާބު ކޮށްފައިވަނީ 496 ވޯޓާއި އެކީ މުހައްމަދު އިމްރާން އާދަމްގެ އިތުރުން 462 ވޯޓާއި އެކީ ނަސްރަތު މުހައްމަދެވެ.