ފިހާރަތަކުން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ދޭ ޕްލާސްޓިކް ކޮތަޅުން ލެވީގެ ގޮތުގައި 2 ރުފިޔާ ނަގާގޮތަށް ކުނި މެނޭޖްކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މިބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ކޮމަންޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރާޝިދެވެ.

ބިލުގައިވާގޮތުން މިގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ގާނޫނުގައިވާގޮތުގެ މަތީން ޕްލާސްޓިކް ކޮތަޅުން ލެވީގެ ގޮތުގައި 2 ރުފިޔާ ނަގަންޖެހެއެވެ.

ނަމަވެސް، މިގާނޫގެ ދަށުން ބައެއް ބާވަތްތަކުގެ ޕްލާސްޓިކް ކޮތަޅުން ލެވީ ނެގުން އިސްތިސްނާވެއެވެ. އެއީ ޑިއުޓީ ފްރީ ފިހާރަތަކުން ދޭ ޕްލާސްޓިކް ކޮތަޅާއި، ބަންދުނުކޮށް ހުންނަ ތާޒާ މަސްއަޅާ ކޮތަޅާއި، ބަންދުނުކޮށް ހުންނަ ކާޑުގެ ބާވަތްތައް އަޅާ ކޮތަޅާއި، 50އަށް ވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި އަދި، ކުނި މެނޭޖުކުރާ ފަރާތްތަކަށް ވިއްކާ ޕްލާސްޓިކް ކޮތަޅެވެ.

ޕްލްސްޓިކް ކޮތަޅުން ލެވީ ނަގަން ފެށުމާއެކު ކޮންމެ ވިޔަފާރިއަކުންވެސް އެ ފީ މީރާއަށް ދައްކަން ޖެހޭނެއެވެ. އަދި ލެވީ ނެގުމުގައި އަމަލުކުރާނެ އުސޫލުތަކާއި ގަވާއިދު، ޤާނޫނަށް އަމަލުކުރަން ފަށާތާ 6 މަސް ދުވަހުގެ ތެރޭގައި މީރާއިން އެކުލަވާލަން ޖެހެއެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، ތިމާވެއްޓަށް ގެއްލުންދޭ އެއްޗެހީގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ކަނޑައަޅައި، 13 ބާވަތެއްގެ ޕްލާސްޓިކް އުފައްދައި ބާޒާރަށް ނެރުން މަނާކޮށްފައެވެ.

ކުރިއަށް އޮތް ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ޕްލާސްޓިކްގެ ތެރޭގައި ބާޒާރުކުރަން ބޭނުންކުރާ، 30 ސެންޓިމީޓަރަށްވުރެެ ކުދި ޕްލާސްޓިކު ކޮތަޅު ހިމެނެއެވެ. އަދި މިއަހަރުގެ ޑިސެމްބަރު މަހުގެ 1 އިން ފެށިގެން އެފެއްދުން މަނާ، އަދި 1 މާރޗް 2023 އިން ފެށިގެން ބާޒާރަށް ނެރުން މަނާ ޕްލާސްޓިކްގެ ބާވަތްތަކުގެ ތެރޭގައި ބާޒާރުކުރަން ބޭނުންކުރާ 50 މައިކްރޯންއަށް ވުރެ ތުނި ޕްލާސްޓިކް ކޮތަޅު ހިމެނެއެވެ.