ނުރައްކާތެރި ކުންޏާއި ކެމިކަލް ރައްކާކުރާ މަރުކަޒެއް އައްޑޫ ސިޓީގައި ގާއިމްކުރާއިރަން ނިންމައިފިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއިން ހިންގާ 'އެލިމިނޭޓިންގ ޕަރސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް' މަޝްރޫއުގެ ދަށުން ނުރައްކާތެރި ކުންޏާއި ކެމިކަލް ރައްކާކުރާ މަރުކަޒެއް އައްޑޫ ސިޓީގައި ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގައެވެ.

މި މަރުކަޒު ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ހިތަދޫގެ އައު ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައެވެ.

މި މަޝްރޫއުގެ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމަންޓް (އީއައިއޭ) މަރުހަލާގެ ދަށުން މި މަޝްރޫއާއި ގުޅޭގޮތުން އައްޑޫ ސިޓީގައި ދިރިއުޅޭ ފަރާތްތަކުގެ ކަންބޮޑުންވުންތަކާއި ހިޔާލު ނުވަތަ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ހިޔާލާއި ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހު މުއްދަތަކީ 26 މެއި 2022 ވާ ބުރާސްފަތި ދުވަހެވެ.

އެންވައިރްމެންޓް މިނިސްޓްރީން ބުނީ، ޕީ.ސީ.ބީ ހިމެނޭ ކަމަށް ބެލެވޭ 1979ގެ ކުރިން އުފައްދައި ރާއްޖެއަށް އެތެރެކޮއްފައިވާ 16އާލާތެއް ތިމާވެއްޓާއި ރައްޓެހި ގޮތަށް ނައްތާލުމަށް ބޭރުގެ ފެސިލިޓީއަކަށް ފޮނުވުމުގެ ކުރިން އާ ފެސިލޓީގައި ސްޓްރޯ ކުރެވޭނެކަމަށެެވެ.

މިމަސައްކަތް ނިމުމުން އެމަރުކަޒު ވެގެންދާނީ ރާއްޖޭގެ ދެކުނު ސަރަހައްދުގައި އުފެދޭ ނުރައްކާތެރި ކުންޔާއި ކެމިކަލް ރައްކާކުރާ ފެސިލިޓީއަކަށްކަމަށް މިނިސްޓްރީން ބުނެއެވެ.

މި މަސައްކަތަކީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ސްޓޮކްހޯމް ކޮންވެޝަން އޮން ޕާސިސްޓަންޓް އޯގޭނިކް ޕޮލިއުޓަންޓްސްގެ ދަށުން ހާސިލުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރެވޭ މުހިއްމު މަސައްކަތަކަށް ވެގެންދާނެ މަސައްކަތެކެވެ.