ރާއްޖޭގެ ކުރީގެ ރައީސް އައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ސްރީލަންކާގެ ކުރީގެ ރައީސް މައިތިރިޕާލަ ސިރިސޭނާ އާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމަކީ، ރައީސް ނަޝީދު މިހާރު ލަންކާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ބޭއްވެވި ބައްދަލުކުރެއްވުމެކެވެ.

ސިރިސޭނާއާއި ބައްދަލުކުރައްވާ ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ބައްދަލުކުރެއްވުމުގައި، ލަންކާއަށް ދިމާވެފައިވާ ދަަތި އުނދަގޫ ހާލަތާއި ގުޅޭ ގޮތުންނާއި، ކުރިއަށް އޮތް ތަނުގައި، ތަނަވަސް އަދި އުފާވެރި ގައުމަކަށް ސްރީލަންކާ ހެދުމަށް، ހުރިހާ ސިޔާސީ ޕާޓީތަކަކުންވެސް އެއް ވިސްނުމެއް ގެންގުޅުމުގެ މުހިންމުކަމާއި ގުޅޭގޮތުން ވާހަކަދައްކަވާފައިވާކަމަށެވެ.

ރައީސް ނަޝީދު މިހާރު ސްރީލަންކާއަށް ކުރައްވަމުން ގެންދަވ ދަތުރުފުޅުގެ ތެރެއިން އިއްޔެ ވަނީ، ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހައާ ބައްދަލުކުރައްވައި މަޝްވަރާތައްވެސް ބާއްވަވާފައެވެ.

މި މަޝްވަރާތަކުގައި، ސްރީލަންކާއަށް ބޭނުންވާ ބޭރުގެ މާލީ އެހީއާއި އެނޫންވެސް އެހީތައް ހޯއްދަވައި ދެއްވުމުގައި އެހީތެރިވެދެއްވުމަށް ރައީސް ނަޝީދު ހުށަހެޅުއްވި ކަމަށާއި، އެކަން ބޮޑުވަޒީރު ރަނިލް ގަބޫލުކުރައްވައި، ބޭރުގެ އެހީ ހޯއްދެވުމުގެ މަސައްކަތްތައް ވިލަރެސްކުރައްވަން ރައީސް ނަޝީދު އައްޔަން ކުރައްވާފައިވާ ކަމަށް ބޮޑުވަޒީރުގެ އޮފީހުން ހާމަކޮށްފައި ވެއެވެ.

ސްރީލަންކާއަށް ދިމާވެފައިވާ އިގްތިސާދީ ކާރިޘާގެ މިދަނޑިވަޅުގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން ލިބިވަޑައިގަންނަވާ ތާއީދަށް ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަވަނީ ރައީސް ނަޝީދަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސް ނަޝީދަކީ ސްރީލަންކާގެ މިހާރުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ބޭފުޅެކެވެ.