އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިއަހަރު ފަހުކޮޅު ފަށާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުުރުމުގެ މަޝްރޫއުއަށް ކޮންޓްރެކްޓަރުން ޕްރީކޮލިފައިކުރުމުގެ މަސައްކަތް، އިންޑިއަން އެގްޒިމް ބޭންކުން މިއަދު ފަށާފައިވާކަމަށެވެ. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރުގެ ފަހުކޮޅުގައި ފެށިގެންދާނެކަމަށެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީ ހަމަޖެހިފައިވާ މި މަސްރޫއުގެ ދަށުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޒަމާނީ ވަސީލަތްތަކާ އެކުގައި ޕަސެންޖަރ ޓާމިނަލް ތަރައްގީކުރެވިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން އައު ކޮންޓްރޯލް ޓަވަރަކާއި، ފަޔަރ ސްޓޭޝަންއެއް އިމާރާތްކުރާނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި މަޝްރޫއުގެ ދަށުން، އެއާޕޯޓަށް ބޭނުންވާ ކޯލްޑް ސްޓޯރޭޖާއެކު ކާރގޯ ވަސީލަތްތައް ތަރައްގީކޮށް، އެއާޕޯޓުގެ މަގުތައްވެސް ތަރައްގީކުރާނެއެވެ. އަދި ޕާރކިން ސަރަޙައްދެއްވެސް ތަރައްގީކުރާނެއެވެ. މީގެއިތުރުންވެސް އެއާޕޯޓް ތަރައްގީކުރުމާ ގުޅޭ އެހެނިހެން ގިނަ ކަންތައްތަކެއް މި މަސްރޫއުގެ ތެރެއިން ކުރާނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، ގަން އިންޓަނޭޝަނަލް އެއާޕޯޓަކީ ރާއްޖޭގެ ދެކުނުގެ މައި ދޮރާށިކަމުގައި ވީހިނދު، އެ އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަކީ ދެކުނުގެ ތަރައްގީއަށް ވަރަށް މުހިންމު ކަމެއްކަމަށެވެ.
އަދި އެސަރަހައްދުގައި ފަތުރުވެރިކަމާއި މަސްވެރިކަމާއި އެހެނިހެން ސިނާއަތްތައް ތަރައްގީކޮށް، ދެކުނުގެ އަތޮޅުތަކުގެ އިގްތިސާދު ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ގެންގުޅުއްވާ ސިޔާސަތުތައް ތަންފީޒުވެގެންދިޔުމުގައި، ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސްރޫއަކި މުހިއްމު ދައުރެއް އަދާ ކުރާނެ މަޝްރޫއެއްކަންވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.