ރ. އަތޮޅުގައި ހިންގަމުން އަންނަ އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓުގެ އިމާރާތަކުން ވެއްޓި ދިވެހި ޒުވާނަކު މަރުވެއްޖެއެވެ.
މި ހާދިސާގައި މަރުވެފައިވަނީ، ފުވައްމުލައް ސިޓީއަށް ނިސްބަތްވާ، އުމުރުން 28 އަހަރުގެ ޒައިދު އިބްރާހީމް އެވެ.
ފުލުހުން ބުނީ ރ. އަތޮޅު ރިސޯޓެއްގައި އިމާރާތެއްގެ ހަތަރު ވަނަ ފަންގިފިލާއިން ދިވެހި ފިރިހެނަކު ވެއްޓިފައިވާ ކަމުގެ ރިޕޯޓު ރޭ 12:49ގައި ލިބިފައިވާ ކަމަށެވެ.
އެމީހާ އުނގޫފާރު ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މައުލޫމާތު ލިބޭގޮތުގައި، ފުލުހުންގެ ބެލުމުގެ ދަށުން މިއަދު ހެނދުނު އޭނަގެ ހަށިގަނޑު ވަނީ މާލެ ގެނެސްފައެވެ.