ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލާ އިދިކޮޅުން ހިންގާ "އިންޑިއާ އައުޓް" ކެމްޕެއިން ކުރިޔަށްގެންދިޔުމަކީ ޖަލަން ލާންޖެހޭނެ ސަބަބެއް ނޫންކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މާލެ ސިޓީގެ ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެެއެވެ.

ޝުޖާއި މިފަދައިން ވިދާޅުވީ، "އިންޑިއާ އައުޓް" ހަރަކާތް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާތީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލު އަނެއްކާވެސް ހައްޔަރުކުރުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައެވެ.

މިކަމާއި ގުޅިގެން ޝުޖާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މި ޤައުމުގައި އެއްވެސް ރައްޔިތަކަށް އަމާން ކަމެއްނެތްކަން ހާމަވަނީ ޤާނޫނު ތަންފީޒުކުރަން ތިއްބަވާ ސަލާމަތީ ބާރުތަކުން ޣައިރު ޤާނޫނީ އަމުރު ތަކަށް ތަބާވާތީކަމަށެވެ. ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލު ރޭ ހައްޔަރު ކުރީ އެފަދަ ޣައިރު ޤާނޫނީ އަމުރަކަށްކަމުގައި ޝުޖާއު ވަނީ ވިދާޅުވެފައެވެ.

އަދި ވިދާޅުވީ، އިންޑިއާ އައުޓް ގޮވުމާއި، އެ ހަރަކާތް ކުރިއަށް ގެންދިއުމަކީ ޖަލުގެ ތޭރިތަކުގެ ތެރެއަށް ރައްޔިތު މީހާ ދާންޖެހޭނެ ސަބަބެއް ނޫންކަމަށެވެ. މުހައްމަދު އިސްމާއިލް މިހާރުން މިހާރަށް ދޫކޮށްލުމަށް ޝުޖާއު ވަނީ ސަރުކާރަށް ގޮވާލާފައެވެ.

ޝުޖާއުގެ ޓުވީޓުގައި ވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނެރުއްވާފައިވާ ޤަރާރަކީ ޤާނޫނު އަސާސީއާއި މުޅިން ހިލާފު ޤަރާރެއްކަން ފުލުހުންގެ ވެރިންނަށް ހަނދުމަކޮށްދޭކަމަށްވެސް ވިދާޅުވެފައެވެ.

"އިންޑިއާ އައުޓް" ކެމްޕޭންގެ ސަބަބުން ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާތީ، އެ ކެމްޕޭން ހުއްޓުވުމަށް އަންގައި ރައީސުލްޖުމްހޫރިއްޔާ ގަރާރެއް ނެރުއްވީ މިދިޔަ އޭޕްރީލް މަހުގެ 12 ވަނަ ދުވަހުގައެވެ.

ރައީސްގެ ގަރާރުގައި ވަނީ، ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންމެ ހަރަކާތަކީ ދިވެހި ސަރުކާރުން އެކަމެއް ހުއްޓުވަންޖެހޭނެ ކަމެއް ކަމުގައި ވާތީ، ދިވެހި ދައުލަތުގެ ފުދުންތެރިކަމާއި ފާގަތިކަމަށާއި ރާއްޖޭގެ ޤައުމީ ސަލާމަތަށް ކުރާ ނޭދެވޭ ކޮންމެ އަސަރަކީ، ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންދާނެ އަނިޔާއެއްކަމުގައި ފާހަގަކޮށް، އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ޤައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭނުތަކަކީ ޤައުމީ ސަލާމަތާ ގުޅުންހުރި އަދި ނުރައްކާ އޮތް ކަމެއްކަމަށާއި، ވަކިވަކި ޤައުމުތަކާ ދެކޮޅަށް ނަފުރަތު އުފެއްދުމަށް ހިންގާ މިފަދަ ހަރަކާތްތަކަކީ ޤާނޫނު ތަންފީޛުކުރާ އިދާރާތަކުން ހުއްޓުވަން ޖެހޭނެ ހަރަކާތްތަކެއް ކަމުގައި ކަނޑައެޅުމަށް ޤައުމީ ސަލާމަތާބެހޭ މަޖިލީހުން ނިންމާފައިވާކަމަށެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއާ މަތިކޮށްފައިވާ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ދަށުން، މި ހަރަކާތް ހުއްޓުވުމަށް ކަނޑައަޅައި، އެކަން ތަންފީޒުކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް ރައީސް ވަނީ އަންގަވާފައެވެ.