މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސަސް ޕްރޮފެޝަނަލްސް(މާޕް) އިން ކުރިއަށްގެންދާ ނޭޝަނަލް އެޗްއާރް ކޮންވެންޝަން ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

އެޗްއާރު ދާއިރާގައި ފާހަގަކޮށްލެވޭ ފަރާތްތަކާ އެކު ބާއްވާ މި ކޮންފަރެންސްގައި، ޕްރޮފެޝަނަލުންނާއި ސްޕީކަރުންނާއި ތަޖުރިބާކާރުން ބައްދަލުކޮށް ދާއިރާގެ އެންމެ ފަހުގެ ޓްރެންޑުތަކާއި، ރަނގަޅުކުރަން ހުރި ކަންކަމުގެ މައްޗަށް މަޝްވަރާކުރާނެއެވެ.

މާޕުގެ ރައީސް ހުސެއިން އަފީފް ވިދާޅުވީ އެ ޖަމިއްޔާއަށް ދިރާގުން އަބަދުވެސް އަންނަނީ ގިނަ އެހީތަކެއް ވަމުން ކަމަށެވެ. އަދި ކޮންފަރެންސްގައި ދަސްވާ ކަންތައްތައް ބައިވެރިންނަށާއި ދާއިރާއަށް ޝައުގުވެރިވާ އެންމެންނާ ހިއްސާކުރުމުގެ މަގު، ދިރާގު މެދުވެރިކޮށް ފަހިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނޭޝަނަލް އެޗްއާރް ކޮންވެންޝަން ކުރިޔަށްގެންދާނީ މިއަދާއި މާދަމާއެވެ.

މި ކޮންވެންޝަންގެ ތީމަކީ "ޓްރާންސްފޮމޭޝަން އެންޑް ކަލްޗަރ، ފިއުޗަރ އޮފް ހިއުމަން ކެޕިޓަލް"އެވެ. މިފަހަރުގެ ކޮންވެންޝަންގައި 6 ޤައުމަކުން ބައިވެރިވާކަމަށް މާޕުން ބުނެއެވެ. މީގެތެރޭގައި އިންޑިއާ، ސްރީލަންކާ، ސިންގަޕޯރ އަދި އިނގިރޭސިވިލާތް ހިމެނެއެވެ.

މި ކޮންވެންޝަން ފުރަތަމަ ބާއްވަފައިވަނީ 2018 ވަނަ އަހަރުގައެވެ.