ކޮންމެ މީހަކު ކުނިކޮތަޅުތައް މަގުމަތީގައި ބަހައްޓާނަމަ މާލެ ސިޓީގެ ހަތަރުވަނަ ދައުރަށް އެކުލަވާލެވިފައިވާ ސްޓްރްޓެޖިކް އެކްޝަން ޕްލޭންގައިވާ 7 އަމާޒުގެ ތެރެއިން "ޗާލު މާލެ ސިޓީ" އަމާޒު ހާސިލް ނުވާނެ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެޗް.ޕީ.އޭއިން އިސްނަގައިގެން ހުޅުމާލޭގައި މަދިރިއާލާވާ ތަންތަން ނައްތާލުމަށް ކުރިޔަށްގެންދާ ކެމްޕޭން "މަދިރި ހޯހޯ" އިފްތިތާޙް ކޮށްދެއްވަމުން ދެއްކެވި ވާހަކަފުޅުގައި މޭޔަރު ވިދާޅުވީ "ޗާލު މާލެ ސިޓީ" އަމާޒު ހާސިލް ކުރެވޭނީ އެންމެން ގުޅިގެން ގިނަ މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ.

ޚާއްސަކޮށް ބަލިތައް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސާފުތާހިރުކޮށް މާލެ ސިޓީ ބޭއްވޭނީ އާންމު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބިގެން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މާލެ ތެރޭގެ އެކި ސަރަޙައްދުތަކުގައި ކުނި ގިނަވާ މައްސަލައަށް އިޝާރާތް ކުރައްވަމުން މޭޔަރު ވިދާޅުވީ ކޮންމެ މީހަކުވެސް ކުނިކޮތަޅު މަގުމަތީގައި ބެހެއްޓުމުން ހާސިލް ކުރަން ބޭނުންވާ އަމާޒު ހާސިލް ނުވާނެ ކަމަށެވެ. އަދި ވެމްކޯގެ އަގު ބޮޑު ވީމައި ކުނިކޮތަޅު މަގުމަތީގައި ބެހެއްޓުމުންވެސް އެކަން ހާސިލް ނުވާނެ ކަމަށާއި މި މައްސަލަތައް ހައްލުވާނީ ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ ނަގައިގެންކަމަށް މުއިއްޒު ވިދާޅުވިއެވެ.

”ކޮންމެ މީހަކު ކުނިކޮތަޅު މަގުމަތީގައި ބެހެއްޓީމަ އެކަމުން ކަމެއް ހާސިލެއް ނުވޭ. ވެމްކޯގެ އަގު ބޮޑުވީމަ ކުނިތައް މަގުމައްޗަށް އުކާލީމަ މިކަން ހައްލެއް ނުވާނެ. މައްސަލަ ހައްލުވާނީ ކޮންމެ މީހަކުވެސް ޒިންމާ ނެގީމަ“
މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު

މޭޔަރު އިތުރަށް ވިދާޅުވީ "ޗާލު މާލެ ސިޓީ" އަމާޒަށް ވާސިލް ވުމަކީ އެންމެން ގުޅިގެން ކޮންމެ ދުވަހަކު ޒިންމާ އަދާކޮށްގެން މެނުވީ ހާސިލް ނުވާވަރުގެ ބޮޑު ކަމެއް ކަމަށެވެ.

މާލެ ސިޓީގައި ވަރަށްބޮޑަށް މަދިރި އާލާވާ ތަންތަނާއި، ކުނި ގިނަވެ ނުސާފުކޮށް އޮންނަ ތަންތަން ގިނަކަން މުއިއްޒު ވަނީ ފާހަގަކުރައްވާފައެވެ.

މޭޔަރު އިތުރަށް ވިދާޅުވީ ރާއްޖޭގައި ދެވަނައަށް އެންމެ ބޮޑު އިންޑަސްޓްރީ އަކީ ކޮންސްޓްރަކްޝަން ދާއިރާ ކަމަށްވެފައި އެފަދަ މަސައްކަތް ކުރާ ތަންތަނަކީ ޚާއްސަ ގޮތެއްގައި މަދިރި އާލާވާގޮތަށް ހުންނަ ތަންތަންކަމަށާއި، މިކަމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށެވެ.

އަދި ވިދާޅުވީ ކޮންސްޓްރަކްޝަން މަސައްކަތްތައް އެންމެ ގިނައިން ހިނގާ އެއްތަނަކީ މާލެ ސިޓީކަމަށްވުމުން މިފަދަ މަސައްކަތްތައް ކުރައްވާ ފަރާތްތަކުގެ ވެރިން ޒިންމާވާން ޖެހޭގޮތަށް މިކަންކަން ރާވާ ހިންގަން ޖެހޭކަމަށެވެ.

މޭޔަރު ވިދާޅުވީ މާލެ ސިޓީ އަދި ރާއްޖޭގެ ހުރިހާ ސަރަޙައްދެއްވެސް ސާފުތާހިރުކޮށް ބޭއްވުމަކީ އެންމެން ގުޅިގެން ނޫނީ ހައްލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިކަމަކީ ސަރުކާރުގެ މުއައްސަސާއަކުން ނުވަތަ ސްކޫލްތަކުން ޚާއްސަ ދުވަހެއްގައި ނުކުމެ ސާފުކޮށްލުމުން އެކަނި ހައްލު ކުރެވޭނެ ކަމެއް ނޫންކަމަށާއި، މިއީ ފަރުދީ ޒިންމާ އަދާކޮށް، އެންމެން އެކުގައި މެނުވީ ހައްލު ނުކުރެވޭނެ ކަމެއް ކަމަށެވެ.

"މަދިރި ހޯހޯ" ކެމްޕޭނާއި ގުޅޭގޮތުން މޭޔަރު އިތުރަށް ވިދާޅުވީ މި ޕްރޮގްރާމްގެ ނަތީޖާ ހާސިލްވިކަމަށްވާނީ ފަރުދީ ޒިންމާ ނެގުމާއިއެކު ސާފުތާހިރުކަމަށް އިސްކަންދީގެން އެންމެން ގުޅިގެން މަސައްކަތް ކުރުމުންކަމަށެވެ.