ފިޠުރު ޢީދު ދުވަހުގައި ޏ. ފުވައްމުލަކުގައި ޑައިވިންގ އަށް ގޮސް އުޅެނިކޮށް ހާލުދެރަވެގެން ފަރުވާ ހޯދަމުންދިޔަ މަހުމޫދު ފާއިޒު، އިތުރު ފަރުވާއަށް އިންޑިއާ އަށް ފުރުވާލައިފިއެވެ.
އުމުރުން 19 އަހަރުގެ މަހުމޫދު އިންޑިއާ އަށް ފުރުވާލާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އިންޑިއާއަށް އިތުރު ފަރުވާއަށް ފުރުވާލުމުގެ ކުރިން އޭނާއަށް ވަނީ ފުވައްމުލަކު ހޮސްޕިޓަލުގެ އިތުރުން އޭޑީކޭ ހޮސްޕިޓަލުގައިވެސް އަދި ދ. ކަނޑިންމަ ރިސޯޓު އަދި ޅ. ކުރެންދޫ އައިލޭންޑު ރިސޯޓުގެ ޑީކޮމްޕްރެޝަންގައި ފަރުވާދީފައެވެ.
މައުލޫމަތު ލިބިފައިވާ ގޮތުގައި މަހުމޫދު އިންޑިއާގެ އަމްރިތާ ހޮސްޕިޓަލްގައި އިތުރު ހައިޕާބޭރިކް އޮކްސިޖަން ތެރަޕީ އާއި ފިޒިއޮތެރަޕީ ނަގަން ވަނީ ހަމަޖެހިފައެވެ.
ފިޠުރު ޢީދު ދުވަހު މަހްމޫދު އާއިއެކު އެރަށުން މުހައްމަދު ސައީދުވެސް ވަނީ ޑައިވިންގަށް ފައިބާފައެވެ. މި ދެމީހުން ޑައިވިންގަށް ފައިބާފައިވަނީ ޢީދު ދުވަހުގެ މެންދުރުފަހު 14:30 ހާއިރުއެވެ.
ޑައިވިންގަށް ގޮސް އުޅުމުގެ ތެރޭގައި ސައީދު ގެއްލިފައިވާއިރު، އޭނާ ހޯދުމަށް ކުރަމުން އައި މަސައްކަތަށް ކުރިއެރުމެއް ނުލިބި، އޭނާ ހޯދުމުގެ މަސައްކަތް މިމަހުގެ 8 ވަނަ ދުވަހު ވަނީ ހުއްޓާލާފައެވެ.
އޭނާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ ހަތް ދުވަހުގެ ތެރޭގައި، ވައިގެ މަގުން 2960 ސްކެއަރ މޭލު، ކަނޑުގެ މަގުން (ސަރފޭސް ސަރޗް) 760 ސްކެއަރ މޭލު އަދި ކަނޑުގެ އަޑިން 1000 މީޓަރުގެ (ފުން މިން 85 މީޓަރު) ގެ ސަރަހައްދެއް ބަލާފައެވެ.
ކޯސްޓްގާޑް ޑައިވަރުންނަށް އެސަރަހައްދުގެ 59 މީޓަރު އަޑިން ސައީދު މަސްހިފުމަށް ބޭނުންކުރި އާލާތަކާއި ޑައިވް ބެލްޓެއް ފެނިފައިވެއެވެ.