ސިފައިންގެ މީހަކު އަންހެނެއް ފަހާ ދުވުމަކީ ލަދުވެތިކަމެއްކަމަށް ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

"އިންޑިއާ އައުޓް" މުޒާހަރާއެއްގެ ތެރެއިން އަންހެނެއްގެ ފަހަތުން ސިފައިންގެ މީހަކު ދުވެފައިދާތަން ފެންނަ ވީޑިއޯއެއް ޝޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. މި ވީޑިއޯއާއި ގުޅިގެން، އެކި އެކި ޖަމިއްޔާތަކުންނާއި، ގިނަ ބަޔަކު އަންނަނީ ސަރުކާރަށާއި، އެމްއެންޑީއެފަށް ފާޑުކިޔަމުންނެވެ.

ވީޑިއޯއާއި ގުޅިގެން ޝެއިހް އަލީ ޒައިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދިވެހި ސިފައިންގެ ބޭފުޅަކު އަންހެނެއް ފަހާ ދުވި ވީޑިއޯ ފެނުމުން އެ ބެލިމީހެއްގެ ޙައިސިއްޔަތުންވެސް ލަދުގަނެއްޖެކަމަށެވެ. ސިފައިންނާއި ފުލުހުންގެ ޤަދަރާއި އިޙްތިރާމަށް އުނިކަން އަންނަ އެއްވެސް ކަމެއް، އަދި އަމިއްލަ ރައްޔިތުން ކުރިމަތީ އަގުވެއްޓޭފަދަ ޢަމަލުތައް ކުރުމާ ދުރުވުން ވަރަށް މުހިންމުކަމަށް ޝައިހު ވަނީ ވިދާޅުވެފައެވެ.

މި ވީޑިއޯއާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިންލްއަގުވާމީ ޖަމިއްޔާ އެމްނެސްޓީއިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ވީޑިއޯ ރިޓްވީޓްކޮށް އެމްނެސްޓީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، މުޒާހަރާ ކުރާ މީހުންނާ ދެކޮޅަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރާ މައްސަލަ ވީ އެންމެ އަވަހަކަށް ނުފޫޒެއް ނެތި ތަހުގީގު ކުރަން ޖެހޭކަމަށެވެ. އަދި ބުނެފައިވަނީ، "އިންޑިއާ އައުޓް" ހަރަކާތުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ އެހަރަކާތް ހުއްޓުވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރުގެ ދަށުން ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރަމުންދިޔަ މީހުންނަށާއި ނޫސްވެރިންނަށް ހުރަސް އެޅުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެއްވެ އުޅުމުގެ މިނިވަންކަން ހަނިކުރަން ވާނީ ގާނޫނުގައި ބުނާ މިންވަރަށްކަމަށް އެމެނެސްޓީން ބުނެފައިވެއެވެ.

"އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ފުލުހުންނާއި ސިފައިން ނުކުންނަށް ފެށީ، އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހަރަކާތެެއްކަމަށް ކަނޑައަޅައި، އެފަދަ ހަރަކާތް ހުއްޓުވައި އެކަން ތަންފީޒުކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް ރައީސް އެންގެވުމާއި ގުޅިގެންނެވެ.