ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އާއި ސްރީލަންކާ ސަރުކާރުގެ ކުރީގެ ޔޫތު މިނިސްޓަރ ނަމާލް ރާޖަޕަކްސަ މަޝްވަރާގެ ބައްދަލުކުރެއްވުމެއް ބާއްވައިފިއެވެ.
މި ބައްދަލުކުރެއްވުމަކީ، ރައީސް ނަޝީދު މިހާރު ލަންކާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ސްރީ ލަންކާއަށް ދިމާވެފައިވާ އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވުނު ބައްދަލުކުރެއްވުމެކެވެ.
ރައީސް ނަޝީދުގެ މި ދަތުރުފުޅުގެ ތެރެއިން ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހަ އާއި އެ ގައުމުގެ ކުރީގެ ރައީސް މައިތިރިޕާލަ ސިރިސޭނާ ވެސް އެމަނިކުފާނު ވަނީ ބައްދަލުކުރައްވައި މަޝްވަރާތައް ކުރިއަށް ގެންދަވާފައެވެ.
މި މަޝްވަރާ ބައްދަލުކުރެއްވުންތަކުގައި، ސްރީ ލަންކާއަށް ބޭނުންވާ ބޭރުގެ މާލީ އެހީއާއި އެނޫންވެސް އެހީތައް ހޯއްދަވައި ދެއްވުމުގައި އެހީތެރިވެދެއްވުމަށް ރައީސް ނަޝީދު ހުށަހެޅުއްވިއެވެ. އެކަން ބޮޑުވަޒީރު ރަނިލް ގަބޫލުކުރައްވައި، ބޭރުގެ އެހީ ހޯއްދެވުމުގެ މަސައްކަތްތައް ވިލަރެސްކުރައްވަން ރައީސް ނަޝީދު އައްޔަން ކުރައްވާފައިވާ ކަމަށް ބޮޑުވަޒީރުގެ އޮފީހުން ހާމަކޮށްފައިވެއެވެ.
ރައީސް ނަޝީދު ކުރެއްވި ޓުވީޓްތަކުގައި ވިދާޅުވެފައި ވަނީ މި ބައްދަލުކުރެއްވުންތަކުގައި، ލަންކާއަށް ދިމާވެފައިވާ ދަަތި އުނދަގޫ ހާލަތާއި ގުޅޭ ގޮތުންނާއި، ކުރިއަށް އޮތް ތަނުގައި، ތަނަވަސް އަދި އުފާވެރި ގައުމަކަށް ސްރީ ލަންކާ ހެދުމަށް، ހުރިހާ ސިޔާސީ ޕާޓީތަކަކުންވެސް އެއް ވިސްނުމެއް ގެންގުޅުމުގެ މުހިންމުކަމާއި ގުޅޭގޮތުން ވާހަކަދައްކަވާފައިވާ ކަމަށެވެ.
ސްރީލަންކާއަށް ދިމާވެފައިވާ އިގްތިސާދީ ކާރިޘާގެ މިދަނޑިވަޅުގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން ލިބިވަޑައިގަންނަވާ ތާއީދަށް ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަވަނީ ރައީސް ނަޝީދަށް ޝުކުރު އަދާކުރައްވާފައެވެ.
ރައީސް ނަޝީދަކީ ސްރީލަންކާގެ މިހާރުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ބޭފުޅެކެވެ.
ސްރީލަންކާގެ ރައީސް ގޮޓަބާޔަ ރާޖަޕަކްސަ، އެގައުމުގެ ބޮޑުވަޒީރުކަމަށް ރަނިލް ވިކްރަމަސިންހަ އައްޔަން ކުރެއްވުމާ ގުޅިގެން ކުރެއްވި ތަހުނިޔާގެ ޓްވީޓްގައިވެސް ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ސިޔާސީ ހަޔާތްޕުޅުގައި ރަނިލް ވިކްރަމަސިންހަގެ ނަސޭހަތްޕުޅު އަބަދުވެސް އަޑުއައްސަވާ ކަމަށެވެ.