ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ އިންޖީނިއަރުން ކުރަމުން އަންނަ މަސައްކަތަށް ދުނިޔޭގެ އެންމެ ވަރުގަދަ ޖަނަރޭޓަރުސެޓް އުފައްދާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ފިންލެންޑްގެ ވަރޓްސިލާ ކުންފުނިން ތަޢުރީފުކޮށްފިއެވެ.
ވަރޓްސިލާ އިން ސްޓެލްކޯގެ އިންޖީނިއަރުންގެ ވާހަކަ ފާހަގަކޮށް ތަޢުރީފުކޮށްފައި ވަނީ، ދެ ކުންފުނިން އެކުގައި މަސައްކަތް ކުރާތާ މިއަހަރަށް 30 އަހަރު ފުރުމާއި ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.
ވަރޓްސިލާގެ ޖަނަރޭޓަރުސެޓްތައް އެންމެ ފުރުތަމަ ރާއްޖެއަށް ގެނެސްފައި ވަނީ 1990 ވަނަ އަހަރުގައި މާލޭ އިންޖީނުގެއަށެވެ.
އެ ޖަނަރޭޓަރުސެޓްތައް މިއަދާ ހަމަ އަށްވެސް ބޭނުންކުރެވެމުން ދާކަން ފާހަގަކޮށް ވަރޓްސިލާ އިން ވަނީ މި ޖަނަރޭޓަރުތަކުގެ މެއިންޓަނެންސް ބެލެހެއްޓުމުގައި، ސްޓެލްކޯގެ ގާބިލް އަދި ތަޖުރިބާކާރު އިންޖިނިއަރުންގެ މަސައްކަތް ފާހަގަކޮށް، އެމަސައްކަތަށް ތައުރީފުކޮށްފައެވެ.
ވަރޓްސިލާ އިން ރާއްޖެއަށް 1990ގައި ފޮނުވި 2 ޖަނަރޭޓަރުސެޓުގެ އިތުރުން، މާލޭ އިންޖީނުގެއަށް އިތުރު 6 ޖަނަރޭޓަރުސެޓެއް ފޮނުވާފައިވެއެވެ. އަދި ހުޅުމާލޭގައި އަޅާފައިވާ 50 މެގަވޮޓް އިންޖީނުގޭގައި ބޭނުން ކުރަމުންދަނީވެސް ވަރޓްސިލާގެ 6 ޖަނަރޭޓަރު ސެޓްކަން ފާހަގަކޮށްލެވެއެވެ،.
މިއާއެކު މާލޭ ސަރަހައްދުގައި ހުރި ވަރޓްސިލާގެ އިންޖީނުތަކުގެ ކެޕޭސިޓީ ޖުމްލަ 100 މެގަވޮޓަށް އަރައެވެ.
ޖަނަރޭޓަރުސެޓް ފޯރުކޮށްދިނުމުގެ އިތުރުން ވަރޓްސިލާ ލައިފްސައިކަލް ސަރވިސަސްގެ ހިދުމަތުގެ ދަށުން ވަރޓްސިލާއިން ގެންދަނީ ސްޓެލްކޯގެ އިންޖިނިއަރުންނަށް އަބަދުވެސް ތަމްރީނުތައް ދެމުންނެވެ.
މީގެ އިތުރުން ވަރޓްސިލާގެ އެންމެފަހުގެ އުފެއްދުންކަމަށްވާ ސްޓޭޓް އޮފް ދަ އާޓް އިންޖިން ކޮންޓްރޯލް އެންޑް މޮނިޓަރިން ސިސްޓަމް މިހާރު ސްޓެލްކޯގައި ދަނީ ބޭނުން ކުރަމުންނެވެ.
މިއީ ޖަނަރޭޓަރުސެޓްތަކުން ކަރަންޓު އުފައްދަން ބޭނުންވާ ތެލުގެ މިންވަރު ކުޑަކޮށް، ވައި ތަގައްޔަރުވާ އިންސައްތަ މަދުކުރުމަށް އުފައްދާފައިވާ ސިސްޓަމެކެވެ.
މިކަމާއި ގުޅޭ ގޮތުން، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޢަހްމަދު ޝަރީފް ވިދާޅުވީ، ރާއްޖެފަދަ ޖަޒީރާ ރަށްތަކެއްގެ މައްޗަށް ބިނާވެގެންވާ އަދި ފަތުރުވެރިކަމުގެ ސިނާއަށް ބަރޯސާވާ ގައުމަކަށް ކަރަންޓު ފޯރުކޮށްދޭންޖެހޭ ނިޒާމު ތަފާތުވިކަމުގައި ވީނަމަވެސް ކަރަންޓުގެ ހިދުމަތް އެންމެ ފުރިހަމައަށް ފޯރުކޮށްދެވޭކަމަށާއި އެއީ ވަރޓްސިލާ ކުންފުނީގެ ޓެކްނިލަކް ގާބިލްކަމާއި، އެފަރާތުން ދެއްވާ ކަސްޓަމަރ ސަރވިސްގެ ފުރިހަމަކަމުން ކަމަށެވެ.
މީގެ އިތުރުން، 1990 އަހަރު ބޭނުންކުރަންފެށި ޖަނަރޭޓަރުސެޓްތަށް މިއަދާ ހަމައަށް އެހާ ފުރިހަމަށް މަސައްކަތްކުރުމަކީ ފާހަގަކުރަންޖެހޭ ކަމެއްކަމަށާއި، ވަރޓްސިލާ ކުންފުނިން ސްޓެލްކޯއަށް ވެދެއްވާފައިވާ، އަދި މިހާރު ދެމުންގެންދާ އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށް. އަދި މުސްތަގްބަލުގައި އިޔާދަ ކުރަނިވި ހަކަތައަށް ބަދަލުވުމަށް ސްޓެލްކޯއިން ކުރާ މަސައްކަތުގައި ވަރޓްސިލާގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމުގެ ޔަގީންކަން އޮތް ކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.
ވަރޓްސިލާއަކީ 1834 ވަނަ އަހަރު ވަޑާމުގެ މަސައްކަތްތަކަށް ހާއްސަކޮށްގެން އުފެއްދި ކުންފުންޏެކެވެ. 180 އަހަރު ވީ މިކުންފުނިން 1959ގައި ފުރަތަމަ ޖަނަރޭޓަރުސެޓް އުފައްދާފައިވާއިރު ބައިންލްއަގުވާމީ ގޮތުން ޖަނަރޭޓަރުސެޓްގެ ހިދުމަތްތައް ފުޅާކޮށްފައިވަނީ 1970ގެ އަހަރުތަކުގެ ތެރޭގައެވެ.