އިއްޔެ ފަރަށް އެރި މުދާ އުފުލާ ބޯޓަކާއި މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއް ސިފައިންގެ އެހީތެރިކަމާއެކު ފުންކޮށްފިއެވެ.

އެމް.އެން.ޑީއެފް އިން ބުނީ، ފަރަށް އަރައިގެން މިއަދު އެންމެ ފުރަތަމަ ރިޕޯޓްކޮށްފައި ވަނީ 8 މީހުންނާއެކު މާލެ ސިޓީން ފުރައިގެން ލ. އަތޮޅަށް ދަތުރުކުރަމުން ދިޔަ "މާވަހަރު ސްޓަރ" ނަމަކަށް ކިޔާ ބޯޓެއް ކަމަށެވެ. މި ބޯޓު އެރީ މ. މުއްޔާއި މ. ކޮޅުފުށްޓާ ދެމެދުގައި އޮންނަ ފަރަކަށެވެ. ސިފައިންގެ އެހީތެރިކަމާއެކު ބޯޓު ފުންކުރެވިފައި ވަނީ މިއަދު 16:20 ހާއިރުއެވެ.

ދެވަނައަށް ރިޕޯޓްކޮށްފައިވަނީ، 16 މީހުންނާއެކު މަސްވެރިކަމަށް ނިކުމެއުޅުނު "މަންފާ" ނަމަކަށް ކިޔާ މަސް ދޯންޏެއް ފަރަށް އަރައިގެން ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

މި ދޯނި ތ. ގާދިއްފުށި ކައިރިން ފަރަކަށް އަރައިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑު ސްކޮޑްރަން އިން ވަނީ ހަރަކާތްތެރިވެފައެވެ.

"މަންފާ" ނަމަކަށް ކިޔާ މަސް ދޯނި ފުންކުރެވިފައިވަނީ މިއަދު 16:20 ހާއިރުއެވެ.

މި ހާދިސާތަކުގެ ސަބަބުން އެއްވެސް އުޅަނދަކަށް އަދި އުޅަނދުން އުފުލި މުދަލަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.