ކޯޓުތަކާއި ޝަރުއީ ދާއިރާގެ ޚަބަރުތައް ކަވަރކުރާ ނޫސްވެރިންނަށް އަމާޒުކޮށްގެން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން "ކޯޓް ރިޕޯޓިން" ގެ ނަމުގައި ހާއްސަ ވަރކްޝޮޕެއް ފަށައިފިއެވެ.

މި ވަރކްޝޮޕްގައި ކޯޓުގައި ހިނގާ މައްސަލަތައް ކުރިއަށްދާ ގޮތާއި، މަރުހަލާތަކާއި، އަޑުއެހުންތަކަށް ހާޒިރުވެ ރިޕޯޓްކުރުމުގައި މީޑިއާތަކާއި ނޫސްވެރިން ސަމާލުކަންދޭންވީ ކަންތައްތަކާއި، ކޯޓުތަކުގައި ވަކާލާތުކުރާ ފަރާތާއި، ގާނޫނީ ވަކީލުންނާއި މީޑިއާއާއެކު ބާއްވަންޖެހޭ ގުޅުމާބެހޭ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް އެމްއެމްސީން ބުނެއެވެ. އަދި، ޕްރައިވެސީއާއި ދެނެގަތުމުގެ ހައްގާއި، އަދުލުގެ އިންސާފުގެ ނިޒާމުގެ މައިގަނޑު ގާނޫނުތަކަކީ ކޮބައިކަން ނޫސްވެރިނަށް ކިޔައިދޭނެ ކަމަށްވެސް މީޑީއާ ކައުންސިލުން ބުނެއެވެ.

މި ވަރކްޝޮޕް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއެމްސީގެ ރައީސް ޝަހުބާން ފަހުމީ ވިދާޅުވީ، ރާއްޖޭގައި ކޯޓުތަކާއި ޝަރުއީ ދާއިރާގެ ޚަބަރުތައް ކަވަރކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިން މަދުކަމަށާއި، ނޫސްވެރިކަމުގެ ދާއިރާގައި މިހާރު ގިނައީ ވަރަށް ޒުވާން ނޫސްވެރިން ކަމަށެވެ.

އެހެން ކަމުން ޝަރުއީ ދާއިރާއަށް ނޫސްވެރިން ތަމްރީންކޮށް، ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމުގައި ގާނޫނީ އޮނިގަނޑުގެ ތެރެއިން މަސައްކަތްކުރުމަށް ބާރުއެޅުމަކީ މުހިންމުކަމެއް ކަމަށް ވިދާޅުވިއެވެ.

މި ވަރކްޝޮޕްގެ ފެސިލިޓޭޓަރުންގެ ގޮތުގައި، ގާނޫނީ ދާއިރާގައި މަސައްކަތްކުރައްވާ އިސްބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. އެގޮތުން، ޕްރްސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް، މޯލްޑިވްސް ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު، ޕީޖީ އޮފީހުގެ ޕަބްލިކް ޕްރިސިކިއުޓަރ އަހުމަދު ޝަފީއު ގެ އިތުރުންވެސް، ޖުޑީޝަލް ސަރވިސް ކޮމިޝަން، ޑިޕާޓްމަންޓް އޮފްޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގެ އިތުރުން، ޕަބްލިކް ސަރވިސް މީޑިއާ އަދި މޯލްޑިވްސް ޕޮލިސް ސަރވިސް ހިމެނެއެވެ.

މީޑިއާ ކައުންސިލުން ބުނީ މިފަދަ ވަރކްޝޮޕެއް ކުރިއަށް ގެންދިއުމުގެ މަގްސަދަކީ ނޫސްވެރިންނަށް ސުލޫކީ މިންގަނޑު ހިފެހެއްޓުމަށް ބާރުއެޅުމާއި، ގާނޫނީ މަރުޙަލާތައް ކިޔުންތެރިންނަށް ސާފުކޮށްދިނުމުގެ ހުނަރުތައް ދަސްކޮށްދިނުން ކަމަށެވެ.

އަދި، ތަހުގީގު މަރުހަލާގައި ރިޕޯޓްކުރުމުގައި ގެންގުޅެންޖެހޭ މައިގަނޑު އަސާސްތައް ދަސްކޮށްދިނުމާއި، ޖިނާއީ މައްސަލަތަކުގެ ޚަބަރާއި މައުލޫމާތު ޝާއިއުކުރުމުގައި ސަމާލުކަންދޭންވީ ކަންކަން ދެނެގަތުން ކަމަށެވެ.