ރާއްޖޭގައި ތިބި އިންޑީއާ ސިފައިން ރާއްޖެ އިން ފޭބުމަށް ގޮވާލާ، އިދިކޮޅުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތް ރާވާ އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ރޭގެ ވަގުތެއްގައި އޭނާ ހައްޔަރުކޮށްފައިވަނީ ކުރިން އޭނާ ހައްޔަރުކުރުމުގައި އިޖުރާއީ ގޯސްތަކެއް ހެދުމުގެ ސަބަބުން ކްރިމިނަލް ކޯޓުން އޭނާ މިނިވަން ކުރުމާއި ގުޅިގެން އެކޯޓުގެ އަމުރަކާއެކުއެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން، ފުލުހުން ވަނީ އޭނާ އަކީ އިންޑިއާ އައުޓް ހަރަކާތް ރާވައި އިންތިޒާމުކޮށް، އެ ހަރަކާތަށް ބޭނުންކުރާ ބެނާތަކާއި ޓީޝާޓުތައް އަތޮޅު ތެރެއަށް ފޯރުކޮށްދިނުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހެއް ކަމަށާއި، އޭނާގެ އެއަމަލުގެ ސަބަބުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާމެދު ނަފުރަތު އުފެދި ދިވެހިރައްޔިތުންނަށް އެކަމުން ނޭދެވޭ އަސަރުކުރާނެ ކަމަށެވެ.
މައްސަލަ ބެއްލެވި ގާޟީ ވަނީ "އިންޑިއާ އައުޓް" ހަރަކާތް ހިންގުމުގެ ހަރަކާތުގެ ތެރެއިން ވަކި މީހަކަށް އަނިޔާވެރިވުމަށް ގޮވާލާ، ނުވަތަ ވަކި މީހަކަށް މުހައްމަދު އިސްމާއިލް އަނިޔާވެރިވެފައި ވޭތޯ ސުވާލުކޮށްފައެވެ. އެފަދަ ކަމެއް ކޮށްފައިވާކަން ފާހަގަނުކުރެވޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި، ދުވަހަކުވެސް މީހަކަށް އަނިޔާވެރިވި އަދި އަނިޔާވެރިވުމަށް ގޮވާލާފައި ނުވާނެ ކަމަށް މުހައްމަދު އިސްމާއީލް ބުނެފައިވެއެވެ.
އެހެންކަމުން ޖިނާއީ ތުހުތަމެއްގައި މީހަކު ބަންދުގައި ބަހައްޓަން ބޭނުންވާނެ ހެކީގެ އެންމެ ދަށް މިންގަނޑުންވެސް ހެކި މުހައްމަދު އިސްމާއިލް އާއި ދެކޮޅަށް ހުށަހެޅިފައި ނުވާކަމަށާއި، ގާނޫނުލްއުގޫބާތުގެ ދަށުން ޖިނާއީ ކުށްތަކަކަށް ތުހުމަތުކޮށްފައިވާއިރު އޭގެއިން އެއްވެސް ކުށެއް މުހައްމަދު އިސްމާއިލް ކޮށްފައިވާ ކަމަށް އެއްވެސް މިންވަރަކަށް ހެކި ހުރިކަމަކަށް ގަބޫލު ނުކުރެވޭ ކަމަށް މައްސަލަ ބެއްލެވި ގާޟީ ވިދާޅުވިއެވެ.
މުހައްމަދު އިސްމާއީލް އެންމެ ފުރަތަމަ ހައްޔަރުކޮށްފައިވަނީ މެއި މަހުގެ 18 ވަނަ ދުވަހުއެވެ.