ދުނިޔޭގައި ނާދިރު ބައްޔެއް ކަމަށްވާ މަންކީޕޮކްސް އަލަށް ފެނުނު ގައުމުތަކުގެ އަދަދު 11 އަށް އަރައިފިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، މަންކީޕޮކްސް ކުރިން ފެނިފައިނުވާ އިތުރު 11 ގައުމަކުން މިބަލި މިހާރު ފެނިފައިވާ ކަމަށެވެ.

މަންކީޕޮކްސްގެ ކޭސްތައް ފެނުނުކަމަށް އިއްޔެ ރިޕޯޓްކޮށްފައިވަނީ ފްރާންސް، ޖަރުމަނު، އޮސްޓްރޭލިއާ އަދި ބެލްޖިއަމެވެ.

މިބަލި ފެނުނު ކަމަށް ޔޫކޭ، ސްޕެއިން، ޕޯޗްގަލް، އިޓަލީ، އެމެރިކާ، ކެނެޑާ އަދި ސްވިޑަންއިން މިދިޔަ ހަފްތާގައި ރިޕޯޓްކޮށްފައި ވެއެވެ.

ޑަބްލިޔުއެޗްއޯއިން ބުނެފައިވަނީ، މަންކީޕޮކްސްގެ 80 ކޭސް މިހާތަނަށް ދުނިޔެއިން ފެނިފައިވާ ކަމަށެވެ. އަދި އިތުރު 50 ކޭސްއެއް ތަހްގީގު މަރްހަލާގައި އެބައޮތް ކަމަށްވެސް ބުނެފައި ވެއެވެ.

މަންކީޕޮކްސް ބަލި ޖެހުމުން ހުން އައުމާއި، ހަށިގަނޑުގެ ހޫނުމިން މަތިވުމުގެ އިތުރުން، ގައިން ފޮޅުނެގުމާއި، މޫނާއި ޖިންސީ ގުނަވަންތަކަށް ގެއްލުންލިބުން ފަދަ ކަންކަން މެދުވެރިވެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ލަފާކުރަނީ، މަންކީޕޮކްސް ޖެހޭ ކޮންމެ ދިހަމީހަކުން އެކަކަށް ނުރައްކާ ބޮޑު ކަމަށެވެ.

އެހެން ނަމަވެސް، މަންކީޕޮކްސްއާ އެއްގޮތް ބައްޔެއް ކަމަށްވާ ސްމޯލްޕޮކްސްއަށް އުފައްދާފައިވާ ވެކްސިން، މަންކީޕޮކްސްއިން ރައްކާތެރި ކޮށްދޭކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ. ހަމަ އެއާއެކު، މަންކީޕޮކްސްއަށް ދޭނެ ބޭސް ތަރައްގީކުރުމުގެ މަރްހަލާގައި ވާކަންވެސް ހާމަކޮށްފައި ވެއެވެ.

މަންކީޕޮކްސްއަށް ރައްކާތެރިވުމާއި، ސަރވެއިލެންސް އިތުރުކޮށް ސިއްހީ ލަފާދިނުމާއި، ބައްޔާ ކުރިމަތިލުމުގައި ކަން ކުރަންވީގޮތުގެ އިރުޝާދުތައް ދިނުމުގެ މަސައްކަތް، ބަލި ފެނިފައިވާ ގައުމުތަކުގެ އިތުރުން، އެހެން ގައުމުތަކާ ގުޅިގެން ކުރަމުންދާ ކަމަށްވެސް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ބައްޔާބެހޭ މައުލޫމާތު ހިއްސާކޮށް، ބަލި ފެތުރުން ހުއްޓުވަން އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ޑަބްލިޔުއެޗްއޯގެ އެކްސްޕާޓުންނާއި، ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްތަކުގެ ބައްދަލުވުންތައް މިހާރުވަނީ ފަށާފައެވެ.

ޑަބްލިޔުއެޗްއޯއިން ނެރުނު ބަޔާނުގައި، މަންކީޕޮކްސްއާ ބެހޭ ތެދު މައުލޫމާތާއި، ބަލިޖެހުމުން ފެންނަ އަލާމާތްތަކާއި ބަލިން ރައްކާތެރިވުމަށް ކުރެވިދާނޭ ކަންކަމުގެ މައުލޫމާތު އާންމުންނާ ހިއްސާކުރުމަށް މެމްބަރު ގައުމުތަކަށް އިރުޝާދު ދީފައި ވެއެވެ.

މަންކީޕޮކްސް އެކަކުގެ ގައިން އަނެކަކުގެ ގަޔަށް އަރަނީ ބަލިޖެހިފައިވާ މީހަކާ ކްލޯސް ކޮންޓެކްޓް ވެވިގެންނެވެ. އެހެންވެ، މީގައި އެންމެ ރިސްކުބޮޑީ ސިއްހީ މަސައްކަތްތެރިންނާއި، ބަލިޖެހިފައިވާ މީހާގެ ގޭގައި އުޅޭ މީހުންނާއި އަދި ޖިންސީ ގުޅުމުގެ ބައިވެރިންނަށް ކަމަށް ޑަބްލިޔުއެޗްއޯއިން ފާހަގަކުރެއެވެ.

މަންކީޕޮކްސްއަކީ މެދުތެރޭ އެފްރިކާ އަދި ހުޅުނަގު އެފްރިކާ ސަރަހައްދުގެ ރަށްފުށުން ފުރަތަމަ ފެނުނު ބައްޔެކެވެ. މި ސަރަހައްދުތަކުން ބޭރަށް ބަލި ފެތުރެނީ ދަތުރުފަތުރުގެ ސަބަބުން ކަމަށް ލެވިފައިވެއެވެ.