ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ގެކޮޅަށާއި، ޕީޕީއެމްގެ އޮފީހަށް ސްޕްރޭކުރި މައްސަލާގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފިއެވެ.

މިމައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ.

އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ފުރަތަމަ ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ 5 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ.

އެއަށްފަހު އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކަކާއެކު އޭނާ ދޫކޮށްލާފައި ވާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ ގެކޮޅަށް މީހަކު ސްޕްރޭކުރީ އެމަނިކުފާނު އިސްވެ ހުންނަވައި އިދިކޮޅުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ހަރަކާތާ ގުޅިގެން އެމަނިކުފާނު "ސައިޒުކޮށްލާނެކަމަށް" ބުނެ އިންޒާރުދީ ވީޑިއޯއެއް މީސްމީޑިއާގައި އާންމުކޮށްފައިވަނިކޮށް ކަން ފާހަގަ ކޮށްލެވެއެވެ.

މިމަހުގެ 11 ވަނަ ދުވަހުގެރޭ ރައީސް ޔަމީންގެ ގެކޮޅު، ހ. ދޫވެހީގެ ދޮރަށާއި، ގަރާޖު ގޭޓު އަދި ޕީޕީއެމް އޮފީހަށާއި އެއޮފީހުގައި ހަރުކޮށްފައި ހުރި ޕޯސްޓަރަކަށް އެމަނިކުފާނު ހައްޔަރުކުރުމަށް ގޮވާލާއި ސްޕްރޭކޮށްފައި ވެއެވެ.

މީގެއިތުރުން، ރައީސް ޔާމީންގެ އިސްތަށިފުޅުގައި ވައްކަމުގެ ތުހުމަތު އަޅުވާ ބައެއް ލިޔެކިޔުންތައްވެސް އެސަރަހައްދަށް އުކާފައިވެއެވެ.

ފުލުހުން ބުނީ އޭނާ ބަންދުން ދޫކޮށްލާފައި ވީނަމަވެސް، މިމައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.