ކުޑައިރުއްސުރެ އެންމެ ކުޅެން ބޭނުންވާ ކުލަބުކަމަށް ބުނި ރެއާލް މެޑްރިޑުގެ ހުށަހެޅުމަށް ފުރަގަސްދީ، ފުޓުބޯޅައިގެ އެންމެ އަލިގަދަ ތަރި ކިލިއަން އެމްބާޕޭ އޭނާ މިހާރުވެސް ކުޅެމުން އަންނަ ކުލަބު، ފްރާންސްގެ ޕީއެސްޖީގައި މަޑުކުރަން ނިންމައިފިއެވެ.

ފުޓުބޯޅައިގައި ފާއިތުވީ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އެންމެ ގަދައަށް ދެކެވުނު ވާހަކައަކީ، އުމުރުން 23 އަހަރުގެ އެމްބާޕޭގެ ޓްރާންސްފަރ އާއި ގުޅުންހުރި ވާހަކައެވެ.

އެގޮތުން ގިނަބަޔަކު ގަބޫލުކުރީ، ކުޑައިރުގެ ހުވަފެންތަކުގައި ކުލަ ޖައްސާ، ރެއާލްގެ ހުދު ޖާޒީގައި ކުޅުމުގެ ޝަރަފު ހޯދުމަށްޓަކައި އެމްބާޕޭ މިއަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފަރ ވިންޑޯގައި ޕީއެސްޖީ ދޫކޮށް ރެއާލަށް ބަދަލުވާނެ ކަމަށެވެ. އަދި ދާދި ފަހަކާއި ޖެހެންދެން ރެއާލްގެ ވެރިންވެސް ތިބީ އެމްބާޕޭ އަށް ބޮޑު އަގެއް ހުށަހަޅާ، އެކުލަބުގެ ކޮންޓްރެކްޓުގައި އެމްބާޕޭ ސޮއިކުރާނެ ކަމުގެ ބޮޑު އުންމީދެއްގައެވެ.

އެހެންނަމަވެސް ފާއިތުވީ ހަފްތާގެ ތެރޭގައި އެމްބާޕޭގެ ޓްރާންސްފަރ އާއި ގުޅުންހުރި މަޝްވަރާ ބައްދަލުވުންތައް އިތުރުވެ، ޕީއެސްޖީގައި އެމްބާޕޭ މަޑުކޮށް އައު އެއްބަސްވުމެއް ހަދަން މަސައްކަތް ކުރަމުންދާ ކަމުގެ ވާހަކަތަކުގެ އަޑުވަނީ ގަދަވެފައެވެ.

ޕީއެސްޖީގައި އެމްބާޕޭ މަޑުކުރުވުމަށް އެކުލަބުގެ ސަޕޯޓަރުންނާއި ކުލަބުގެ މެނޭޖުމަންޓުން ފެށިގެން ފްރާންސްގެ ރައީސް ވެސް ވަނީ މަސައްކަތްތަކެއް ކޮށްފައެވެ. މީގެއިތުރުން ފާއިތުވީ ހަފްތާގެ ތެރޭގައި ހާވަމި ކަމަކީ، ޕީއެސްޖީގައި އެމްބާޕޭ މަޑުކުރުވުމަށްޓަކައި އެކުލަބުން އޭނާއަށް އަހަރަކު 100 މިލިއަން ޔޫރޯ ހުށަހެޅި ވާހަކައެވެ. އަދި ސައިނިންގ ބޯނަސް އެއްގެ ގޮތުގައި 200 މިލިއަން ދިނުމަށްވެސް ޕީއެސްޖީން ހުށަހަޅާފައިވާ ކަމަށްވެއެވެ.

މީގެއިތުރުން މި އެއްބަސްވުމުގެ ދަށުން އެމްބާޕޭއަށް ޕީއެސްޖީގެ ހިއްސާ ލިބޭނެ މާއްދާއެއްވެސް ހިމަނާފައިވާކަމަށް އަޑުތައް ފެތުރިފައިވާއިރު، ކުލަބަށް ކޯޗުން އައްޔަންކުރުމުގައިވެސް އަދި ކުލަބަށް އެމްބާޕޭ ބޭނުންވާ ކުޅުންތެރިން ގެނައުމުގެ އިޚްތިޔާރުވެސް، ގަތަރުގެ މަހުޖަނުން ވެރިންނަށް ތިބި މި ކުލަބުން ވަނީ އެމްބާޕޭ އަށް ދީފައިކަމަށްވެސް އަޑުތައް ފެތުރިފައިވެއެވެ.

އަދި އިމޭޖް ރައިޓުގެ ހުރިހާ ބާރެއްވެސް އެމްބާޕޭ އަށް ލިބޭ ގޮތަށް ހުށަހަޅާފައިވާ ކަމަށްވެއެވެ.

އެމްބާޕޭގެ ޓްރާންސްފަރ އާއި ގުޅިގެން ގިނަ ވާހަކަތަކެއް ފާއިތުވީ ދުވަސްތަކުގެ ތެރޭގައި ދެކެވިފައިވާއިރު، މީގެކުރިން އެމްބާޕޭ ރެއާލަށް ބަދަލުވާނެކަމުގެ ފުރިހަމަ ޔަގީންކަން އެކުލަބަށް އޮތެވެ. މި ޔަގީންކަން ޝައްކަކަށް ބަދަލުވީ ފާއިތުވީ ހަފްތާގެ ތެރޭގައި ބޭއްވި މަޝްވަރާ ބައްދަލުވުންތަކުގެ ސަބަބުންނެވެ.

އެމްބާޕޭގެ ޓްރާންސްފަރ އާއި ގުޅޭގޮތުން ހުކުރު ދުވަހު އޭނާގެ މަންމަ ބުނީ، ދެ ކުލަބާއެކު މަޝްވަރާތައް ކުރެވި ކޮންމެވެސް ވަރެއްގެ އެއްބަސްވުމެއްވެސް ހަދާފައިވާ ކަމަށެވެ. އެހެންނަމަވެސް ފަހުބަސް ބުނުމުގެ ބާރު އޮތީ އެމްބާޕޭ އަތުގައި ކަމަށާއި، ގޮތް ނިންމާނީވެސް އޭނާ ކަމަށް އެމްބާޕޭގެ މަންމަ ބުނެފައިވެއެވެ.

އަދި މިއަދުގެ ހަވީރުގެ ވަގުތެއްގައި އެމްބާޕޭގެ އާއިލީ މެމްބަރުންނާއި ހަވާލާދީ، މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯ ވަނީ އެމްބާޕޭ ޕީއެސްޖީގައި މަޑުކުރަން ނިންމާފައިވާކަން ހާމަކޮށްފައެވެ. އަދި އެކަން ރަސްމީކޮށް އެމްބާޕޭ ވަނީ މިއަދު މެންދުރުގެ ވަގުތެއްގައި ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އަށްވެސް އަންގާފައި ކަމަށް، ފެބްރީޒިއޯ ބުނެފައިވެއެވެ.

2017 ވަނަ އަހަރު އެމްބާޕޭ ޕީއެސްޖީއަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އަދި އޭގެ އެއް އަހަރު ފަހުން އެމްބާޕޭ ވަނީ ޕީއެސްޖީ އާއިއެކު ދާއިމީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި ސީޒަނުގައިވެސް އެމްބާޕޭ ވަނީ ފްރެންޗް ލީގުގައި ކުޅުނު 34 މެޗުގައި ޕީއެސްޖީއަށް 25 ލަނޑު ކާމިޔާބުކޮށްދީ 17 އެސިސްޓުވެސް ކޮށްދީފައެވެ. އަދި މި ސީޒަނުގެ ލީގު ޓައިޓަލް އާއިއެކު އޭނާ ވަނީ ޕީއެސްޖީ އާއިއެކު ޖުމްލަ 4 ފަހަރަށް ލީގު ޓައިޓަލް ކާމިޔާބު ކޮށްފައެވެ.

ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން އެމްބާޕޭ ޕީއެސްޖީ އާއިއެކު ހެދި އައު އެއްބަސްވުމުގެ ދަށުން އިތުރު 3 އަހަރު އެކުލަބުގައި މަޑުކުރާނެއެވެ.