- ލޯންޗް ނެރުގައި ޖެހުނީ އަނބުރާލި ވަގުތު ކޮންޓްރޯލް ނުވެގެން
ގއ. ވިލިނގިލީގައި ލޯންޗެއް ނެރުގައި ޖެހި ހިނގި ހާދިސާގައި އަނިޔާވި މީހުން އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.
"ވީނިއުސް" އާ ވާހަކަދެއްކި ވިލިނގިލީ މީހަކު މައުލޫމާތު ދިން ގޮތުގައި މިހާދިސާ ހިނގާފައިވަނީ ލޯންޗު ފަޅަށް ވަންނަން އަނބުރާލި ވަގުތު ކޮންޓްރޯލު ނުވެ ގޮސް ބޭރު ތޮށީގައި ޖެހުމުގެ ސަބަބުންނެވެ.
5 މީހުން ދަތުރުކުރަމުން ދިޔަ "ނީމޯ" ނަމަކަށް ކިޔާ އެ ލޯންޗުގައި އެވަގުތު ތިބި މީހުންގެ ތެރެއިން 2 މީހަކު ކަނޑަށް ވެއްޓި ގެއްލިފައިވަނިކޮށް ހޯދިއިރު މަރުވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ނަމަވެސް ވިލިނގިލިން "ވީނިއުސް"އަށް މައުލޫމާތު ދިން މީހާ ބުނީ، ކަނޑަށް ވެއްޓިގެން މަރުވެފައިވަނީ އެކަކު ކަމަށާއި ދެވަނަ މީހާ މަރުވީ ލޯންޗުގެ ތަނެއްގައި ބާރަށްޖެހިގެން ކަމަށެވެ. އަދި އޭނާ އޮތީވެސް ލޯންޗުގެ ތެރޭގައެވެ.
ހާދިސާ ހިނގުމުން ލޯންޗުގައި ތިބި އެންމެންވެސް ތިބީ ޚަބަރު ހުސްވެފައިވާ ކަމަށާއި، އެކަން ހިނގައިގެން އުޅޭކަން އެނގިފައިވަނީ އޭގެތެރެއިން އެކަކު ހޭ އެރުމަށް ފަހު ހާދިސާ ރިޕޯޓުކުރުމުން ކަމަށްވެސް އޭނާ ބުންޏެވެ.
ކަނޑަށް ވެއްޓުނު މީހާ ފެނިފައިވަނީ އޭނާ ހޯދަން މަސައްކަތްފެށިތާ ގަޑިއިރެއްހާއިރު ފަހުން ކަމަށް މައުލޫމާތު ލިބެއެވެ.
މިހާދިސާގައި މަރުވެފައިވަނީ ގއ. ވިލިނގިލީ ދޫރެސް، މިސްބާހު އަބްދުލްމުހުސިން އަދި ނ. ލަންދޫ އުރަހަ، މުހައްމަދު ޝާފިއުއެވެ.
މި ހާދިސާގައި ތިން މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިފަވާއިރު އެ މީހުންނަށް ވިލިނގިލީ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު މިހާރު އެ މީހުން މާލެ ގެނައުމުގެ މަސައްކަތް އެމްއެންޑީއެފުން ވަނީ ފަށާފައެވެ.
މިހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.