އިންޑިއާ ސަރުކާރުން ޕްޓެރޯލާއި ޑީސަލުން ނަގާ ޑިއުޓީ ކުޑަކޮށްދީފިއެވެ.
އިންޑިއާގެ ފިނޭންސް މިނިސްޓަރ ނިރްމަލާ ސިތާރާމަން ވިދާޅުވީ، އަގަށް މި ގެނައި ބަދަލުގައި ޕެޓްރޯލް ލީޓަރަކުން ސަރުކާރަށް ނަގާ ޑިއުޓީން 9.5 ރުޕީސް އަދި ޑީސަލް ލީޓަރަކުން ނަގާ ޑިއުޓީން 7 ރުޕީސް ކުޑަވެގެންދާނެ ކަމަށެވެ.
މައި ސަރުކާރުން ޕެޓްރޯލާއި ޑީސަލުން ނަގާ ޑީއުޓީ ކުޑަކޮށްދިނުމުން ވެރިރަށް ނިއުދިއްލީން އާދީއްތަ ދުވަހުން ފެށިގެން ފެޓްރޯލް ލީޓަރެއް ވިއްކާނީ 95.91 ރުޕީސްއަށެވެ. މިހާރު ޕެޓްރޯލް ލީޓަރެއް ވިއްކަމުން ގެންދަނީ 105.41 ރުޕީސްއަށެވެ.
ވެރިރަށް ނިއުދިއްލީން މިހާރު ޑީސަލް ލީޓަރެއް ވިއްކަނީ 96.67 ރުޕީސްއަށެވެ. އާދީއްތަދުވަހުން ފެށިގެން ޑީސަލް ލީޓަރެއް ވިއްކާނީ 89.67 ރުޕީސްއަށެވެ.
އިންޑިއާގެ އެކި ސްޓޭޓްތަކުގައި ޕެޓްރޯލާއި ޑީސަލް ވިއްކާ އަގުތައް ތަފާތެވެ.
ފިނޭންސް މިނިސްޓަރ ނިރްމަލާ ސިތާރާމަން ވަނީ، ސްޓޭޓް ސަރުކާރުތަކުންވެސް ތެލަށް ނަގާ ޑިއުޓީތައް ކުޑަކުރުމަށް ގޮވާލައްވާފައެވެ.
ދުނިޔޭގެ ބައެއް ގައުމުތަކާ އަޅާބަލާއިރު އިންޑިއާގައި އާންމުކޮށް ޕެޓްރޯލް ވިއްކަނީ އަގުހެޔޮ ކޮށެވެ. އެގޮތުން، ހޮންގްކޮންގ، ޖަރުމަނު، ޔޫކޭއަށް ވުރެންވެސް އިންޑިއާގައި ޕެޓްރޯލްގެ އަގު ހެވެވެ.
ނަމަވެސް، ޗައިނާ، ބްރެޒިލް، ޖަޕާން، އެމެރިކާ، ރަޝިޔާ، ޕާކިސްތާން އަދި ސްރީލަންކާއަށްވުރެ އިންޑިއާގައި ޕެޓްރޯލް ވިއްކަނީ އަގު ބޮޑުކޮށް ކަމަށް އިގްތިސާދީ ރިސާޗް ރިޕޯޓްތަކުން އެނގެއެވެ.
މައި ސަރުކާރުން ޕެޓްރޯލާއި ޑީސަލަށް ނަގާ ޑިއުޓީ ކުޑަކޮށްދިންއިރު، އިންޑިއާގައި ތެލުގެ އަގު މައްޗަށްދާތީ އިދިކޮޅު ފަރާތްތަކާއި އިންޑިއާގެ އާންމުންގެ ނުރުހުން ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވަމުން ގޮސްފައި ވެއެވެ.
ތެލުގެ އަގު ކޮންޓްރޯލް ކުރުމަށްޓަކައި މައި ސަރުކާރާއި ސްޓޭޓް ސަރުކާރުތަކުން ތެލަށް ނަގާ ޓެކްސް ކުޑަކުންޖެހޭ ކަމަށްވެސް ބުނެ އަޑުއުފުލަމުން ގޮސްފައި ވެއެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިގެންދިޔައީ، ސާފު ނުކުރާ ތެލުގެ އަގުތައް މައްޗަށް ދިއުމާ ގުޅިގެންނެވެ. ރަޝިޔާ ސިފައިން ޔޫކްރެއިނަށް އެރުމާ ގުޅިގެންވެސް ތެލުގެ ބާޒާރުގެ އަގުތަކަށް ބަދަލުއައިސްފައި ވެއެވެ.
ސްރީލަންކާ ތެލަށްޖެހި، އަގުތައް އިންތިހާއަށް މައްޗަށް ގޮސްފައިވާއިރު، އިންޑިއާގެ އެންމެބޮޑު އިދިކޮޅު ޕާޓީ ކަމަށްވާ ކޮންގްރެސްގެ ލީޑަރު ރާހުލް ގާނދީ އިހަށްދުވަހު ވިދާޅުވެފައިވަނީ، ތެލުގެ އަގު ބޮޑުވުމާއި، ވަޒީފާ ނުލިބުމާއި، ހަމަނުޖެހުންތަކަށް ބަލާއިރު، ސްރީލަންކާއެކޭ އިންޑިއާއެކޭ މާބޮޑު ތަފާތެއް ނެތްކަމަށެވެ.