ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިރިއުޅުއްވާ ގެކޮޅު، ހ. ދޫވެހީގައި ދަމާފައިހުރި ބޮޑު ބެނާ ނަގަން ކްރިމިނަލް ކޯޓުން ނެރުނު ކޯޓުއަމުރު ބާތިލު ކޮށްދިނުމަށް އެދި ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހަޅައިފިއެވެ.

މިމައްސަލަ ކޯޓަށް ވެއްދީ، ދިވެހި ފުލުހުންގެ ޚިދުމަތަށް އެ އަމުރު ނެރެދީފައިވަނީ ގާނޫނާ ހިލާފަށް ކަމަށާއި އަދި ފުލުހުން ބެނާ ނެގުމުގައި އަމަލުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެއެވެ.

ފުލުހުން ކޯޓު އަމުރެއް ހިފައިގެން މިދިޔަ މަހުގެ 21 ވަނަ ދުވަހު ދޫވެއްސާއި ޕީޕީއެމްގެ އިދާރީ އޮފީސް ހުންނަ ހުރަފާގެއަށް ވަދެ ބެނާތައް ނަގާފައިވަނީ އެ ތަންތަނަށް ވަނުމުގެ ކުރިން އެ ތަންތަނުގައި ހުރި ބެނާތައް ނެގުމަށް އެންގުމަށްފަހު އެ ބެނާތައް ނުނެގުމުންނެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހަޅާފައިވާ މިމައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައި ވަނީ މިއަދު 11:15 އަށެވެ.

"އިންޑިއާ އައުޓް" ބެނާތައް ފުލުހުން ނަގާވަރަކަށް އިދިކޮޅު ސަޕޯޓަރުން ދަނީ އަލުން ބެނާތައް ދަމައި، އަދި ފާރުތަކުގައި އާއި ޕްރިންޓްކޮށްގެން މަގުމައްޗަށް ވެސް އަޅަމުންނެވެ.

އެ ކެމްޕޭނާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ގަރާރެއް ވެސް ނެރުއްވާފައެވެ.

އެ ގަރާރުގައި ވިދާޅުވީ، އިންޑިއާއާ މެދު ނަފްރަތު އުފައްދަން ހިންގާ އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެއްކަން ސާފުކޮށް އެނގޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮތް އަމާންކަމާއި ދާހިލީ ހަމަޖެހުން ނަގާލައި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ވެސް ގެއްލުވައިލާ ކަމަށް ވިދާޅުވިއެވެ.

"އިންޑިއާ އައުޓް" އަށް ގޮވާލައި ގޭގޭގައި ދެމި ބެނާތައް ފުލުހުން އަންނަނީ ނަގަމުންނެވެ.

މާލޭގެ އެކި ސަރަހައްދުތަކުގައި އެ ކެމްޕެއިނާ ގުޅޭ އެކި ކުރެހުންތައް ކުރަހައި، ލިޔުންތައް އަޅަމުންދާ ހަތަރު މީހެއްގެ މައްސަލަވެސް ފުލުހުން އަންނަނީ ބަލަމުންނެވެ. އަދި އެ ބެނާތައް ދެމި ގޭޭގޭގެ ވެރިން ފުލުހަށް ހާޒިރުވެސް ކުރިއެވެ.

އެ ގަރާރަކީ ބާތިލު ގަރާރެއް ކަމަށް ކަނޑައަޅައިދިނުމަށްއެދި އިދިކޮޅުން ވަނީ އެމައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފައެވެ.