ޔޫރަޕާއި ނޯތު އެމެރިކާގެ ބައެއް ގައުމުތަކުގައި ފެތުރެމުންދާ މަންކީޕޮކްސް ރާއްޖޭގައި ފެތުރުމުގެ ރިސްކް ވަރަށް ކުޑަ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

21 މެއިގެ ނިޔަލަށް 12 ގައުމެއްގައި މަންކީޕޮކްސްގެ 92 ކޭސް ފެނިފައިވާއިރު، އެކަމާއި ގުޅިގެން އެޗްޕީއޭއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އިނގިރޭސިވިލާތުގައި މި ވައިރަސްގެ ކޭސްތަކެއް ރިޕޯޓުކުރުމާއެކު އެ އޭޖެންސީން އެ އައުޓްބްރޭކްގެ ހާލަތު ގާތުން ބަލަމުން ދިޔަ ކަމަށެވެ.

އެޗްޕީއޭއިން ބުނީ މެއިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއިން އަދި އަވަށްޓެރި ގައުމަކުންވެސް މަންކީޕޮކްސް ފެނިފައިނުވާ ކަމަށެވެ. އަދި، މި ބައްޔަކީ ބަލި ޖެހިފައިވާ މީހަކާއެކު ގިނައިރު ކޮންޓެކްޓްވުމުން ފެތުރޭ ބައްޔަކަށް ވުމާއެކު، މިވަގުތު ރާއްޖޭގައު މިބަލި ފެތުރުމުގެ ރިސްކް ކުޑަކަމަށް ލަފާކުރެވޭ ކަމަށްވެސް ބުނެފައި ވެއެވެ.

އެހެންނަމަވެސް ގިނަ ގައުމުތަކުން ބަލި އުޅޭތޯ ދެނެގަތުމަށް ކުރާ މަސައްކަތް އިތުރުވުމާއެކު، އިތުރު ގައުމުތަކުން ކޭސްތައް ފެނިދާނެކަމަށް ބެލެވޭހިނދު، އެއާ ގުޅިގެން ރާއްޖެއަށްވެސް ކޭސްއެއް އައުމަކީ އެކަށީގެންވާ ކަމެއްކަމަށް އެޗްޕީއޭގެ ބަޔާނުގައިވެއެވެ.

މަންކީޕޮކްސްގެ ކޭސްތައް އެބަލި އާންމުކޮށް އުޅޭ ހުޅަނގު އަދި މެދުތެރޭ އެފްރިކާގެ ގައުމުތަކުން ފެނުނުކަމުގައި ވިޔަސް، މިއިން ގައުމަކާއި ގުޅުމެއް ނެތްގޮތަށް، ބަލި ފެތުރި، ގޮތް ނޭނގި މިފަދަ އައުޓްބްރޭކެއް ފެނުނު މިއީ ފުރަތަމަ ފަހަރެވެ.

އެހެންކަމުން ކޭސްތައް ފެނިފައިވާ ގައުމުތަކާއި، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ގުޅިގެން މި އައުޓްބްރޭކް ފެތުރެންފެށި ގޮތާއި، މަންކީޕޮކްސް ފަތުރާ ވައިރަހަށް އަދި ބަލި ޖެހޭގޮތަށް ބަދަލުތަކެއް އައިސްފައިވޭތޯ ދިރާސާ ކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ނޭވާލާ ނިޒާމުގެ ޒަރީއާއިން ފެތުރޭ އެހެން ގިނަ ބަލިތަކާ ޚިލާފަށް، އިންސާނުންގެ ތެރޭގައި މަންކީޕޮކްސް އާންމުކޮށް ފެތުރެނީ ބަލިޖެހިފައިވާ މީހަކާ ގިނައިރު ކޮންޓެކްޓް ވެގެންނެވެ.

އިންސާނުންގެ ތެރޭގައި އެކަކު ގައިން އަނެކަކު ގަޔަށް މިބަލީގެ ވައިރަސް ފެތުރެނީ ބަލި ޖެހިފައިވާ މީހެއްގެ ކުޅުގައި ހުންނަ ޖަރާސީމު ނުވޭލުމުގެ ނިޒާމަށް ގޮސްގެންނާއި، ބަލިމީހާގެ ހަމުގައިވާ ބިހިތަކުގައި ނުވަތަ އެއިން ނުކުންނަ ދިޔައިގައި ޖެހުމުންނާއި، ބަލިމީހާގެ ހެދުމާއި، ބެޑްޝީޓް، ތުވާލި ފަދަ ތަކެތީގައި ޖެހުމުންނެވެ.

އެހެންކަމުން އެޗްޕީއޭއިން ވަނީ ގިނަގިނައިން އަތް ސާފުކުރުމާއި، މާސްކްއެޅުމުން، އަދި އެއްވެސް އަލާމާތެއް ހުރިނަމަ އެހެންމީހުންނާ ބައްދަލުވެ ގައިގޯޅިވެ ނޫޅުންފަދަ އާންމު ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިސްކަންދިނުމަށް އިލްތިމާސް ކޮށްފައެވެ.

އެއޭޖެންސީން ބުނީ ދުނިޔޭގައި ފެތުރޭ އެހެނިހެން މުހިންމު ނުވަތަ އާދަޔާ ޚިލާފު އައުޓްބްރޭކް ތަކެކޭ އެއްގޮތަށް މި އައުޓްބްރޭކްވެސް އެ އޭޖެންސީން މޮނީޓަރކޮށް ރިސްކް އެސެސްމަންޓްތައް ހަދަމުން ގެންދާނެ ކަމަށެވެ. އަދި މި ބައްޔާބެހޭ މައުލޫމާތު ސިއްހީ ފަރުވާދޭ ފަރާތްތަކާއި ހިއްސާކުރުމާއި، ބައްޔަށް ޓެސްޓްކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމާއި ކޭސްއެއް ފެނިއްޖެނަމަ އެކަމާއި ގުޅިގެން އަމަލުކުރާނޭ އަސޫލުތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.