ޖެންޑާ މިނިސްޓްރީން ހިންގާ، ކުޑަކުދިންނާއި އާއިލާތަކަށް ރައްކާތެރިކަން ފޯރުކޮށްދޭ އެކި މަރުކަޒުތަކަށް ދިރާގުގެ ބައެއް ހިދުމަތްތައް ހިލޭ ދޭން ނިންމައިފިއެވެ.

ދިރާގުން ބުނީ އެ ކުންފުނިން ދޭން ނިންމާފައި ވަނީ ދިރާގު ޓީވީގެ ހިދުމަތާއި ދިރާގުގެ ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތެވެ. މި އެހީތައް މަރުކަޒުތަކަށް ދިނުމާ ބެހޭ ގޮތުން ދިރާގާއި ޖެންޑާ މިނިސްޓްރީން ބޭއްވި ބައްދަލުވުމުގައި ދިރާގުގެ މެނޭޖިން ޑިރެކްޓާ އަދި ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ މިކަމުން ހުރިހާ ކުދިން ޝާމިލުކޮށް ކިޔަވައިދިނުމަށް ބާރުއަޅައިދޭނެ ކަމަށާއި، ޓެކްނޮލޮޖީއަށް ކުދިން އަހުލުވެރިވެ، އޮންލައިންކޮށް ލިބެން ހުރި ވަސީލަތްތަކަށް ވާސިލުވެވޭނެ މަގު ތަނަވަސްވާނެ ކަމަށެވެ.

މި ބައްދަލުވުމުގައި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވަނީ ދިރާގުން އެ މުއައްސަސާއަށް އަބަދު ފޯރުކޮށްދެމުން އަންނަ ހިދުމަތްތައް ފާހަގަކުރައްވާފައެވެ.

ދިރާގުން އެހީ ދޭން ކަނޑައަޅާފައި ވަނީ ހަ މަރުކަޒަކަށެވެ. އެއީ ށ. ފުނަދޫ، ބ. އޭދަފުށި، ހއ. ދިއްދޫ، ދ. ކުޑަހުވަދޫ، ޏ. ފުވައްމުލައް އަދި ލ. ފޮނަދޫގެ އަމާން ވެށި މަރުކަޒުތަކަށެވެ.

މީގެ އިތުރުން އަލަށް ގާއިމު ކުރުމަށް ހަމަޖެހިފަވާ 5 މަރުކަޒަކަށް ވެސް ދިރާގުން އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގެ ތެރޭގައި ހިމެނެނީ ޅ. ނައިފަރު، ނ. މަނަދޫ، މ.މުލައް، އަދި ސ.ހިތަދޫގެ އަމާން ވެއްޓާއި ހދ ކުޅުދުއްފުށީގެ އަމާންހިޔާއެވެ.

ދިރާގުން ބުނީ މިއީ މަރުކަޒުތަކުގައި ތިބި ކުޑަކުދިންނަށް އުނގެނުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ދިރާގުން އިސްނަގައިގެން ދޭ ހިދުމަތެކެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކުގައި ކުޑަކުދިންނާއި އާއިލާތައް ރައްކާތެރިކޮށްދޭ 11 މަރުކަޒެއްގެ ކޮމްޕިއުޓަރު ލެބަށް ދިރާގުގެ އިންޓަނެޓުގެ ހިދުމަތް ހިލޭ ލިބޭނެއެވެ.

ދިރާގަކީ، ސަރުކާރުން ކުޑަކުދިންނާއި އާއިލާތަކަށް ރައްކާތެރިކަން ފޯރު ކޮށްދޭ އެކި މަރުކަޒުތަކަށް ކެނޑިނޭޅި ގިނަ އެހީތައް ސީއެސްއާރުގެ ދަށުން ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ. ދިރާގުން އަންނަނީ ކުޑަކުދިންގެ ހިޔާ އަށާއި ފިޔަވައްޗަށް ވެސް އިންޓަނެޓާއި ޓީވީގެ ހިދުމަތްތައް ދެމުންނެވެ.