ގުޅިފައިވާ މުސްތަގުބަލެއް ބިނާކުރުމަށް ވަށައިގެންވާ މާހައުލުތައް ރައްކާތެރިކުރުމަކީ މުހިންމު ކަމެއް ކަމަށް އެންވަޔަރަމެންޓް އެންޑް ކްލައިމެންޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ސްޓޭޓް މިނިސްޓަރު ޑރ.އަބްދުލްﷲ ނަސީރު ވިދާޅުވެއްޖެއެވެ.

ސްޓޭޓް މިނިސްޓަރު ޑރ.އަބްދުލްﷲ ނަސީރު މިފަދައިން ވިދާޅުވީ ބައިނަލްއަގުވާމީ ދިރުންތަކުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައެވެ.

ސްޓޭޓް މިނިސްޓަރު ދެއްވި ޚިތާބުގައި ވަނީ ދިވެހިރާއްޖެއަކީ ކަނޑާއި ފަޅާއި، ފަޅުތަކުގެ މާހައުލުތަކުން މުއްސަނދި ގައުމެއްކަން ފާހަގަކުރައްވާ އެ މާހައުލުތަކުގައިވާ ދިރުންތައް ދުނިޔޭގެ ފެންވަރުގައިވެސް ގުނާލެވޭ ކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގެ ރަށްތައް އުފެދިފައިވަނީ އެތަކެއް ހާސް އަހަރުތެރޭގަ ދިރޭ ނިޒާމުތަކުން އުފެދުނު ވެލި ޖަމާވެގެން ކަމަށާއި މި ރަށްތަކަށް މޫސުމީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އަންނަ ބަަދަލުތައް ގުޅިފައިވަނީ ފަރުތަކުގެ ނިޒާމުގެ ދުޅަހެޔޮކަމާ ކަމަށްވެސް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.

ދިވެހިން އެންމެ ބޮޑަށް ބަރޯސާވާ އެއްޗަކީ ވަށައިގެންވާ ފަރުތައް. ދުއިސައްތައަށް ވުރެ ގިނަ ބާވަތް ބާވަތްތަކުގެ ގަލާއި މުރަކަ ރާއްޖޭގެ ފަރުތަކުން މިހާތަނަށް ހޯދިފަވޭ. ފަރުތަކުގެ ނިޒާމުގައި އެކި ބާވަތްތަކުގެ ގަލާ މުރަކަ އަދާކުރަނީ އެކި ދައުރު. އެގޮތުން ފަރުތައް ބިނާކުރާ ގަލާއި މުރަކަ އާއި މަސްމަހާމެހީގެ މާހައުލު ބިނާކުރާ މުރަކައާ އަދި އެކި ދިރުންތަކަށް ކާނާ ފޯރުކޮށްދޭ މުރަކައާއި ވެލި އުފައްދާ މުރަކަ ހިމެނޭ."
އެންވަޔަރަމެންޓް އެންޑް ކްލައިމެންޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުލްﷲ ނަސީރު

މިދުވަހާ ގުޅުވައިގެން މިއަހަރު ކަނޑައަޅާފައިވާ ޝިއާރަކީ "ބިލްޑިންގ އަ ޝެއަރޑް ފިއުޗަރ ފޯރ އޯލް ލައިފް" މިއެވެ.

ޝިޢަރުންވެސް ބާރުއަޅަނީ ހުރިހާ ދިރުންތަކެއް ހިމެނޭހެން ގުޅިފައިވާ މުސްތަގުބަލެއް ބިނާކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ދުނިޔޭގެ ބަޔޯޑައިވަސިޓީ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަކުރަން ފަށާފައިވަނީ 1993 ވަނަ އަހަރުއެވެ. މިދުވަސް ފާހަގަކުރުމުގެ ބޭނުމަކީ، ދިރޭތަކެތީ ނަސްލު ހިމާޔަތްކޮށް، ދިރޭތަކެތީގެ ނަސްލަށާއި ގުދުރަތީ މާހައުލުން ލިބޭ ފައިދާ ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ބާރު އަޅާ، އާންމުން ހޭލުންތެރިކުރުވުމެވެ.

ރާއްޖެއަކީ ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމަށް ބާރު އަޅާ ގައުމަކަށް ހެދުމުގެ ގޮތުން، ސަރުކާރުން ވަނީ ނޭޝަނަލް ބަޔޯޑައިވާސިޓީ ސްޓެރެޓެޖީ އެންޑް އެކްޝަން ޕްލޭނެއް އެކުލަވާލާ އެއަށް އަމަލުކުރަން ފަށާފައެވެ.

މިއީ ދުނިޔޭގެ ދިރޭތަކެއްޗާބެހޭ މުއާހަދާ ކޮންވެންޝަން އޮން ބަޔޮލިޖިކަލް ޑައިވާސިޓީ، ސީބީޑީގެ ދަށުން ދުނިޔޭގެ ހުރިހާ ގައުމުތަކުންވެސް އެކުލަވާލަންޖެހޭ އެކްޝަން ޕްލޭނެކެވެ. ދިރޭތަކެތީގެ ނަސްލަށާއި ގުދުރަތީ މާހައުލުން ލިބޭ ފައިދާ ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރުމަށް މި އެކްޝަން ޕްލޭންގައި ބާރުއަޅައެވެ.