މިއީ، އަލްއުސްތާޛު ޢަލީ ޟާމިރު / އއ. މަތިވެރި ލިޔުއްވާފައިވާ ކޮލަމެކެވެ.

*****

ދުނިޔެއިން އިންސާނަކަށް ލިބޭނެ އެންމެ މުހިއްމު މީހަކީ އެއީއެވެ. އޭނާ ވަކިވެ ދިއުމަށްފަހު ތިބާގެ ގާތުގައި މިދުނިޔެއަކީ އެއްވެސް ކުލައެއް ޖެހިފައި ނުވާ ފުސްކަމާއި، ހަނަފަސްކަން ވެރިވެ، ދިރުމެއްނެތް، ވީރާނާވަމުން އަންނަ ތަނެއް ފަދަ ތަނެކެވެ. ދުނިޔޭގައި ތިބާއަށް ތެދުމަގު ދައްކައިދިން މީހަކީ އެއީއެވެ. ލޯތްބާ، ކުލުނާއި، އޯގާވެރިކަމާ، އިޙްސާންތެރި ކަމުން ތިބާއަށްޓަކައި އޭނާގެ ހިތާއި، ސިކުނޑި ފުރިފައިވާ މީހަކީ އެއީއެވެ. ތިބާއަށް ލިބޭ އެހީތެރިކަމުގެ ރަމްޒަކީވެސް އެއީއެވެ. އެމީހެއްގެ ޖާނާ މާލު، ޤުރުބާން ކޮށްލުމަށް ފަސް ޖެހުމެއްނެތި ރެއާއި ދުވާލު އެމީހެއްގެ ހަށިގަނޑުން ދާ އޮހޮރުވާލި، މީހަކީ ހަމައެއީއެވެ. އޭނާގެ ނަފުސު ޤުރުބާން ކޮށްގެން ތިބާއަށް ކާންދިން މީހަކީ އެއީއެވެ. އޭނާގެ ގުނަވަންތައް ތިބާއަށްޓަކައި، ޤުރުބާންކުރި މީހަކީ އެއީއެވެ. ތިބާގެ އެދުންތަކަށް، އިޙްތިރާމްކޮށް އެކަމަށް އިޖާބަދިން މީހަކީ އެއީއެވެ. އޭނާ މިދުނިޔެ ދޫކޮށް ދިއުމާއެކު، ތިބާގެ އަތުން ފަސްއަޅައި ވަޅުލާފައި އޭނާގެ މަޤުބަރާއިން، އެބުރި އައުމުން، ތިބާއަށް އެނގިގެންދާނީ ތިބާގެ އަތުން ފަސްއަޅާ ވަޅުލާފައި ތިޔައައީ، ދުނިޔަވީ ޙަޔާތުގައި ތިބާއަށް ކުރިމަތިވާނެ، އެންމެހައި ގޮންޖެހުންތަކާއި، ތަކުލީފުތައް ތިބާއަށްޓަކައި، ތަޙައްމަލް ދިނުމަށް މިދުނިޔޭގައި ތައްޔާރަށްހުރި، އެންމެ ފަހު މީހަކީ އެއީކަމެވެ. މިއީ ތިބާގެ ލޯބިވާ ބައްޕައެވެ.

މިދުނިޔެއިން ވަކިވެދިޔަ އަހަރެންގެ ބައްޕަ އަހަރެން ދެކެ ލޯބިވީ އިންތިހާއަށެވެ. ބައްޕަ އަހަރެންދެކެ ލޯބިވީ، އަހަރެންގެ ކުރިއެރުމަށް ޓަކައެވެ. އަހަރެންގެ އުފެއްދުންތެރި ކަމަށްޓަކައެވެ. އަހަންނަށް ހިތާމައެއް ކުރިމަތިވެއްޖެނަމަ، އެކަމުގައި ބައްޕަ ބައިވެރިވިއެވެ. ބައްޕަ ވަކިވެދިޔުމަކީ އަހަރެންގެ ނަފުސު އަބަދާއަބަދު އެކަމާ ރޮއި ހިތާމަކުރާނެ ކަމެކެވެ. ބައްޕަ އަހަންނާ ވަކިވެ އެދިޔައީ އަބަދަށެވެ. ބައްޕަގެ ހިތުގައި އަހަންނަށްޓަކައި އުފެދިފައިއޮތް ޝައުޤާއި، އުފާވެރިކަމާއި، ބާއްޖަވެރިކަން ދޫކޮށްފައެވެ. އަހަރެން، ބައްޕަ ދެކެ ލޯބިވީ، ޖަމާޢީކޮށެވެ. އަހަރެންގެ ހިތާއި ރޫޙަކީ ބައްޕަގެވެސް ރޫޙާއި ހިތެވެ. އަހަރެންގެ އުއްމީދަކީ ބައްޕަގެވެސް އުއްމީދެވެ. ބައްޕަ ތިޔަވަނީ ޤިޔާމަތަށް ދާންދެން އަހަންނާ ވަކިވެފައެވެ. ބައްޕަގެ ލޯބިން އަހަރެން މިވަނީ މަޙުރޫމު ވެފައެވެ. ބައްޕައަކީ ދަރިންނަށް ލިބިގެންވާ އައްޑަނައެވެ. ދަރިންގެ ޙަޔާތުގައި ޙާޞިލްކުރާ އެންމެ ބޮޑު އަރުތައަކީ ބައްޕަގެ ލޯތްބާއި އަޅާލުމާއި، އޯގާތެރިކަމެވެ.

ބައްޕަ ފަދަ އިތުރު މީހަކު ދެނެއް ނުލިބޭނެކަން ޤަބޫލުކުރާށެވެ. އޭނާގެ މަޤާމަށް އެފަދަ އިތުރު މީހަކުވެސް ދެނެއް ނާންނާނެއެވެ. ދަރިންގެ ބޮލުގައި އެޅޭނެ ބާއްޖަވެރިކަމުގެ ތާޖަކީ އެއީއެވެ. އެއީ ދަރިންނަށް ލިބިގެންވާ އޯގާތެރިޔާއެވެ. ދަރިންނަށް ލިބިގެންވާ އަމާންކަމުގެ މަޞްދަރަކީ ބައްޕައެވެ. ތަނަވަސްކަމާއި، ފާގަތިކަމާއި، ބާއްޖަވެރިކަމުގެ ވަގުތު ތަކުގައްޔާއި، ތަދުމަޑުކަމާއި، ހިތްދަތިކަމާއި، ހިތާމައިގެ ވަގުތު ތަކުގައިވެސް ބައްޕަގެ ލޯބީގައި ތަފާތެއް ނެތެވެ. ބައްޕަ ވަކިވެދިއުމަކުން ބައްޕައާއެކީގައި އުޅުނު ދުވަސްތަކުގެ މަތިން ހަނދާނެއް ނުނެތެއެވެ. ބައްޕަގެ އޯގާވެރިކަމާއި، އަޅާލުމާއި، އިޙްސާންތެރިކަން އަބަދާއަބަދު ހަނދާން ކުރަމެވެ. ބައްޕައަކީ އަހަރެންގެ މުޅި ހަޔާތަށް އަލިކަން ގެނެސްދިން ވޮށެވެ. އަހަރެންގެ ޙަޔާތުގައި ކުރިމަތިވި އަނދިރިކަން އަލިކަމަށް ބަދަލުކޮށްދިން މޭސްތިރިއެވެ.

އެކުވެރިންނޭ! ކަލޭމެންގެ ތެރެއިން މީހެއް ގާތުގައި ތިބާގެ ބައްޕަ ހުރިނަމަ، އޭނާއަށް، ހެޔޮކޮށް ހިތުމަށް ފަރުވާތެރިވެ އެކަމަށް ރައްކައުތެރިވެ، އަކަމަށް ވަގުތު ހުސްކުރާށެވެ. ބައްޕަގެ ހިތުގައި ޖައްސައި، ބައްޕައަކަށް ނުކިޔަންތެރިވެ ހުއްޓައި ބައްޕަ ވަކިވެ (މަރުވެ) ހިގައްޖެނަމަ، ތިބާއަށްހުރި ހިތާމައެއްގެ ބޮޑުކަމާ ހުރި ޢަޛާބެއްގެ ބޮޑުކަން ހަނދާންކުރާށެވެ! ތިބާގެ ޤާތިލް ތައްޔާރަށް ހުރިކަން ހަނދާން ކުރާށެވެ. ބައެއް ކަންކަން ވަގުތުކޮޅަކަށް ވަކިވެގެން ދިއުމަށްފަހު އެކަންކަން އަލުން އެނބުރި އަހަންނާ ބައްދަލުކުރެއެވެ. ނަމަވެސް ބައްޕަ ވަކިވެ އެދިޔައީ އަބަދަށެވެ. ބައްޕަ ދެނެއް އަހަރެންގެ ޙަޔާތަކަށް ނާންނާނެއެވެ. އަހަރެންގެ ޙަޔާތުގައި ބައްޕަ ތަކުރާރެއް ނުވާނެއެވެ. ބައްޕަގެ މަޤާމަށް އިތުރު މީހަކުވެސް ނުގެނެވޭނެއެވެ. ބޮޑުބޭބެއަކީ ބައްޕައެއް ނޫނެވެ. ބޭބެއަކީވެސް ބައްޕައެއް ނޫނެވެ. (އަދި ނުނިމޭ )