މި ގައުމު ހަމައަކަށް އެޅުވޭނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހީމް ވެރިކަމަށް އައިސްގެން ކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާސިމް އިބްރާހީމް ކަހަލަ ބޭފުޅެއް ގައުމުގެ ވެރިކަމަށް އައިސްގެން ނޫނީ މި ގައުމު ހަމަޔަކަށް އެޅުމަކީ މުސްތަހީލުކަމެއް ކަމަށެވެ.

އަދި ﷲ އިރާދަފުޅު ކުރެއްވިއްޔާ 2023ގައި ރާއްޖޭގެ ވެރިކަމުގައި ހުންނާނީ ގާސިމް އިބްރާހީމް ކަމަށްވެސް މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ މިހެން ވިދާޅުވިއިރު އަންނަ ރިޔާސީ އިންތިހާބަށް ނުކުތުމާމެދު އެއްޗެއް ބުނަން އަދި އަވަސްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ ވިދާޅުވެފައެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ޖޭޕީން ކެންޑިޑޭޓަކު ނެރެން ކައުންސިލުން ނިންމައިފިއްޔާ ނެރޭނެ ކަމަށާއި އެހެންނަމަވެސް، ރިޔާސީ އިންތިޚާބަށް އެމަނިކުފާނު ނުކުންނާނެ ކަމާމެދު އެއްޗެއް ބުނަން އަދި މާއަވަސްކަމަށެވެ.

ގާސިމް މިފަދައިން ވިދާޅުވެފައިވާއިރު، މިފަހުން އެޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓެއް ވާދަކުރައްވާނެ ކަމަށް ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރ އިލްހާމް އަހުމަދު ވަނީ ވިދާޅުވެފައެވެ.

އެ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްތޯ ނުވަތަ އެެހެން ބޭފުޅެއްތޯ ނިންމާނީ ޕާޓީގެެ ކައުންސިލުން ކަމަށްވެސް އޭރު އިލްހާމް ވަނީ ވިދާޅުވެފައެވެ.