ދިވެހިރާއްޖޭގެ ބޭންކުތަކުގައި ހުރި ފައިސާގެ މައުލޫމާތާއި މުއާމަލާތްތަކުގެ ތަފްސީލް އެއްވެސް ހުރަހެއް ނެތި އިންޑިއާއަށް ލިބޭ ގޮތަށް އޮތުމަކީ ރާއްޖޭގެ އިގްތިސާދަށާއި، މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މެމްބަރު މިފަދައިން ވިދާޅުވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އާއި އިންޑިއާގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓާއި ދެމެދު ސޮއިކުރި މައުލޫމާތު ހިއްސާކުރުމުގެ އެމްއޯޔޫ ހާމަކޮށްދެއްވުމަށް އެދިވަޑައިގެން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރަށް އެޑްރެސް ކުރައްވާ ފޮނުއްވި ސިޓީގައެވެ.

މެމްބަރު ވިދާޅުވީ، އެފްއައިޔޫގެ މައިގަނޑު މަސައްކަތަކީ ރާއްޖޭގެ ބޭންކުތަކާއި މާލީ މުއާމަލާތްތައް ދައުރުވާ ގޮތުގެ ރިޕޯޓުތައް އެފަރާތްތަކުން ހޯދާ އެނަލައިސްކޮށް، އެފަދަ މައުލޫމާތު ލޯ އެންފޯސްމަންޓް އޭޖެންސީތަކާއެކު ހިއްސާކޮށް މޮނިޓަރ ކުރުން ނަމަވެސް، 2019 ވަނަ އަހަރު ސޮއިކުރި މި އެމްއޯޔޫ ވަސީލަތެއްގެ ގޮތުގައި ބޭނުންކޮށްގެން ރާއްޖެފަދަ ކުޑަ އިގްތިސާދެއް ކޮންޓްރޯލްކޮށް ވަކިވަކި ވިޔަފާރިތަކާއި ރާއްޖޭގައި އިންވެސްޓްކޮށްފައިވާ ނުވަތަ މުސްތަގުބަލުގައި އިންވެސްޓްކޮށްފާނެ އެތައް ވިޔަފާރިއެއްގެ ސިއްރު، އިންޑިއާއަށް އެއްވެސް ހުރަހެއްނެތި ހާމަކުރުމާއި، އިންޑިއާ ނުރުހޭ ވިޔަފާރިތަކަށް ޓާގެޓްކޮށް ފަލީހަތްކޮށް އިލްޒާމް އެޅުވުމަކީ ގާތްކަމެއް ކަމުގައި ދެކޭ ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ރާއްޖޭގެ އިގްތިސާދުގެ ބޮޑު އިންސައްތައެއް އިންޑިއާއަށް ބަރޯސާ ވެފައިވުމާއި، ރާއްޖޭގެ ދަރަނި މީގެކުރިން ދުވަހަކުވެސް ނުއުފުލޭ މިންވަރަށް އުފުލި، 92 ބިލިއަން ރުފިޔާއަށް އެރިއިރު، އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހޯދަމުންދާ ލޯން ފައިސާއިން އާމްދަނީ ވަންނާނެ ކަންކަން ކުރެވިފައިނުވާކަން މެމްބަރު ސައީދު ވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުން، އިންޑިއާ ސަރުކާރާއެކު ސޮއިކޮށްފައިވާ އެއްބަސްވުންތަކަކީ އޭގެ ނުރައްކާ ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމުގައި ކުރިމަތިވާނޭ އެއްބަސްވުންތަކެއް ކަމަށާއި، އެފަދަ އެއްބަސްވުންތައް ގާނޫނު އަސާސީގެ 115 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އަމަލުކޮށްފައިނުވާ ކަމަށް ސިޓީގައި ބަޔާންކޮށްފައިވެއެވެ.

އަދި، ރާއްޖޭގެ ކަނޑާއި، ރާއްޖެ ހިމެނޭ ސަރަހައްދަކީ ވަރަށް ބޮޑު ވާދަވެރިކަމެއްގެ ތެރޭގައި އޮތްތަނަކަށްވެފައި، ސައުތު އޭޝިއާގެ މެރިޓައިމް، އޭވިއޭޝަން، އަދި ޓްރާންސިޓް ވިޔަފާރީގެ ޚިދުމަތުން ބޮޑު އިގްތިސާދީ ފައިދާއެއް ރާއްޖެއަށް ހޯދޭނެ ކަމަށާއި، ނަމަވެސް، މިކަންކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި، ގައުމީ ސަލާމަތަށް ނުރައްކާ އޮތްކަމަށް ވިދާޅުވެ މެމްބަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.