ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ 75 ވަނަ ވާރލްޑް ހެލްތު އެސެމްބްލީގައި މިނިސްޓަރ އޮފް ހެލްތު އަހުމަދު ނަސީމް ބައިވެރިވެ ވަޑައިގަންނަވައިފިއެވެ.

މި އަހަރުގެ އެސެމްބްލީ ކުރިއަށްދަނީ ސްވިޒަރލޭންޑްގެ ޖެނީވާގައެވެ.

މިބައްދަލުވުމަކީ، ދުނިޔޭގެ 194 ގައުމަކުން، ސިއްޙަތާ ބެހޭ ވަޒީރުންނާއި ސިއްޙީ ދާއިރާގެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާ ބައިނަލްއަޤްވާމީ މުހިންމު ނިންމުންތަކެއް ނިންމާ އެންމެ މަތީ ފަންތީގެ ބައްދަލުވުމެކެވެ. އަދި މި އަހަރުގެ ބައްދަލުވުމަކީ 7 ދުވަހުގެ މުއްދަތަށް، މިމަހުގެ 22-28އަށް، ސްވިޒަރލޭންޑްގެ ޖެނީވާގައި ކުރިއަށްދާ ބައްދަލުވެމެކެވެ.

މިއަހަރުގެ ބައްދަލުވުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ މިނިސްޓަރ އޮފް ހެލްތު އަޙުމަދު ނަސީމްއެވެ. މީގެ އިތުރުން ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ މިޝަންގެ ޕާރމަނަންޓް ރެޕްރެޒެންޓެޓިވް ޑރ. އާސިމް އަޙުމަދުގެ އިތުރުން މިނިސްޓްރީ އޮފް ހެލްތްގެ އިސްބޭފުޅުންނާއި ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ މިޝަންގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިއަހަރުގެ ބައްދަލުވުމުގައި، ޤައުމުތަކުގެ ވަޒީރުން ތަޤްރީރު ކުރެއްވުމަށް ޚާއްސަ ކުރައްވާފައިވާ މަޢުޟޫއަކީ "ހެލްތު ފޯރ ޕީސް، ޕީސް ފޯރ ހެލްތު"އެވެ. މިމަޢުޟޫއަށް މިނިސްޓަރ އަޙުމަދު ނަސީމް ތަޤުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުމުގައި ޞިއްޙީ ދާއިރާއިން ޚާއްސަކަމެއް ދޭންޖެހޭ ކަންކަން ފާހަގަކޮށް، ސިއްޙީ ދާއިރާގެ މުހިންމު މައްސަލަތަކާއި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ އިދާރީ ހިންގުމާއި އަދި ޖަމިއްޔާގެ ބަޖެޓާއި ގުޅުންހުރި ކަންކަމާއި މެދު ޤައުމުތަކުގެ މެދުގައި މަޝްވަރާކުރެވޭނެއެވެ.

ޙާއްސަކޮށް ކޯވިޑްގެ ހާލަތުން އަރައިގަނެ އަދި ޕަބްލިކް ހެލްތު އެމަރޖެންސީ ޕްރިޕެއަރޑްނަސް އެންޑް ރެސްޕޯންސްއާ ގުޅޭގޮތުންނާއި ސަސްޓެއިނަބްލް ފިނޭންސިންގ އާ ގުޅޭގޮތުން މަޝްވަރާ ކުރެވޭނެއެވެ. އަދި ޕަބްލިކް ހެލްތާއި ހެލްތުކެއަރ ސަރވިސަސްއާއި ހެލްތުކެއަރ ވަރކްފޯސްއާ ގުޅޭ މަޝްވަރާތައް ކުރިއަށްދާނެއެވެ.

ދޭދޭ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ޤައުމުތަކާއި އެހީދޭ ޖަމިއްޔާތަކުގެ އެހީތެރިކަން ހޯދިދާނެ ދާއިރާތަކާއިގުޅޭގޮތުން މަޝްވަރާކުރުމަށް ތަފާތު ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުންވެސް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް، ދެކުނު އިރުމަތީ އޭޝިޔާގެ ރީޖަނަލް ޑިރެކްޓަރ، ސްޓޮޕް ޓީބީ އަދި ގްލޯބަލް ފަންޑް އާއެކު ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކުރީ އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެ އެސެމްބްލީއާ ގުޅުވައިގެންވެސް "ވޯކް ދަ ޓޯކް: ހެލްތު ފޯ އޯލް ޗެލެންޖް"ގެ ނަމުގައި ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމާއި ހެލިފެލިވެއުޅުމަށް ބާރުއެޅުމުގެ މަޤްސަދުގައި ހިނގާލުމަކާއިއެކު ހަރަކާތްތަކެއް ބާއްވާފައިވެއެވެ. މިއަދު ހެނދުނު ބޭއްވުނު މިހަރަކާތުގައި ދިވެހިރާއްޖޭގެ ވަފުދުންވެސް ވަނީ ބައިވެރިވެފައެވެ.