ކުކުޅު ބިސް ވިއްކަން ބަހައްޓާއިރު ރައްކާކުރުމަށް ކަނޑައަޅާފައިވާ ފިނިހޫނުމިން ކޮންޓްރޯލްކޮށް މުއްދަތު ހަމަވާ ތާރީޚް އެނގޭގޮތަށް ބިސް ވިއްކަން ބަހައްޓަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަންގައިފިއެވެ.

އެ އޮތޯރިޓީން މިކަން ހާމަކޮށް ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، ފިނިކޮށްފައި ހުންނަ ބިސް ރައްކާތެރިކަމާއިއެކު ބެހެއްޓޭނީ ގިނަވެގެން 3 މަހުގެ މުއްދަތަކަށެވެ. ބިސް ފިނި ނުކޮށް ބެހެއްޓޭނީ 28 ދުވަހުގެ މުއްދަތަށެވެ. އެހެންކަމުން މުއްދަތު ހަމަވާ ތާރީޚު ހަމަވުމުން ބިސް ކުނިވުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އަދި މުއްދަތު ހަމަނުވިކަމުގައި ވިޔަސް ހުންނަންޖެހޭ ފިނި ހޫނުމިނަށް ނުބަހައްޓާނަމަ ބިސް ކުނިވުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އެހެން ކަމުން ބިސް ވިއްކަން ބަހައްޓާއިރު ރައްކާކުރަމަށް ކަނޑައަޅާފައިވާ ފިނިހޫނުމިން ކޮންޓްރޯލްކޮށް މުއްދަތު ހަމަވާ ތާރީޚު އެނގޭގޮތަށް ބިސް ވިއްކަން ބެހެއްޓުމަށްވެސް އެތޯރިޓީން ވަނީ އަންގާފައެވެ. އަދި ބިސް ގަންނަ ފަރާތްތަކުން މިކަންކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.

މިހާރަކަށް އައިސް މާލޭގެ ފިހާރަތަކުން ވިއްކާ ބިސް ކުނިފެވައި ހުންނަކަމުގެ ޝަކުވާ އެ އޮތޯރިޓީއަށް ލިބެމުންދާ ކަމަށާއި މިއީ އޭގެ ސަބަބުން އާއްމު ސިއްހަތަށް ނޭދެވޭ އަސަރުކުރާ އަދި ކާބޯތަކެތީގެ ޒަރީއާއިން ޖެހޭ ބަލިތައް ފެތުރޭފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ބޭރަށް ހިންގުމާއި ރޯގާގެ އިތުރުން ހުމުގެ ކޭސްތައް އަންނަނީ އިތުރުވަމުންނެވެ. އަދި މެއްސާ މަދިރި އާދަޔާ ޚިލާފަށް ގިނަވެ މަދިރި އާލާވާ ތަންތަން ނައްތާލުމުގެ ކެމްޕޭނެއް އެޗްޕީއޭއިން މިދިޔަ ހަފްތާގައި ވަނީ ފަށާފައެވެ.