އާންމުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި ސިޔާސީ ޕާޓީތަކުގެ މެމްބަރުން އެހެން ސިޔާސީ ޕާޓީތަކަށް ބަދަލުކުރަމުންދާތީ އެކަމާ ކަންބޮޑުވުންފާޅުކޮށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރުއެވެ.

މައްސަލަ ބަލައިގަތުމަށް ވޯޓު 10 މެމްބަރުން ދެއްވިއިރު މައްސަލައަށް ބަހުސްކުރުމަށް ނުފެންނަ ކަމަށް ވޯޓުދެއްވީ 17 މެމްބަރުންނެވެ.

މެމްބަރު ހުށަހެޅުއްވި މައްސަލައަކީ އާންމުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި ޕާޓީތަކުގެ މެމްބަރުން އެހެން ސިޔާސީ ޕާޓީތަކަށް ބަދަލުކުރަމުންދާތީ ހުށަހެޅި މައްސަލައެކެވެ.

މެމްބަރު އާދަމް ޝަރީފް މި މައްސަލަ މަޖިލީހަށް ވެއްދިއިރު އެމްޑީޕީގެ ދަފްތަރުގައި ޕީޕީއެެމްގެ 20،000 މެމްބަރުން، ދަފްތަރު ސާފުކުރަންޖެހޭ ކަމުގައި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވަނީ ކެމްޕެއިން ދުވަސްވަރު ވިދާޅުވެފައެވެ.

މެމްބަރުގެ މައްސަލާގައި ވަނީ ސިޔާސީ ޕާޓީތަކަށް ވަނުމާއި އަދި ނުވަނުމާ ޕާޓީތަކުން ވަކިވުމާއި، ޕާޓީ ބަދަލުކުރުމަކީ އާންމު ފަރުދުންނަށް ގާނޫނުއަސާސީން ލިބިދީފައިވާ ހައްގަކަށްވާއިރު އާންމުންނަށް ނޭގި ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި، ވަކިކުރުން އާންމުކަމަކަށް ވަމުން އަންނަކަން މެމްބަރު ހުށަހެޅި މައްސަލާގައިވެއެވެ.

އަދި މިކަމުގެ ސަބަބުން އިޖްތިމާއީ މައްސަލަތައް އުފެދުމާއި ވަކި ފިކުރެއްގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކުގެ އެ ހައްގު ގެއްލުމާއި މަލްޓިޕާޓީ ސިސްޓަމަށް ރައްޔިތުން ކުރާ އިތުބާރު ކުޑަވާ ކަމަށްވެސް އެ މައްސަލާގައިވެއެވެ.

ސިޔާސީ ޕާޓީތަކުން މީހުން ބަދަލު ކުރުމަކީ ވަރަށް ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަން ފާހަގަކުރައްވާ މެމްބަރު ވިދާޅުވީ މި މައްސަލަ ހައްސާސް މައްސަލައެއްގެ ގޮތުގައި ނުބަލައިފިނަމަ ކުރިއަށްތަނުގަ ޕާޓީތަކުގެ ހައްގުތަކާއި އާންމު ފަރުދުންގެ ހައްގުތައްވެސް ވަރަށް ބޮޑަށް ގެއްލޭނެ ކަމަށެވެ.

އާންމުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި ސިޔާސީ ޕާޓީތަކުގެ މެމްބަރުން އެހެން ސިޔާސީ ޕާޓީތަކަށް ބަދަލުކުރަމުންދާ ކަމުގެ ތުހުމަތު ޕާޓީތަކުން ކުރަމުންދާއިރު ސިޔާސީ ޕާޓީތަކަށް މެމްބަރުންގެ ގޮތުގައި ވަންނަން ހުށަހަޅާ މީހުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން ވަނީ އާންމުކުރަން ފަށާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ މިކަން ކުރަން ނިންމީ ސިޔާސީ ޕާޓީތަކަށް ވަންނަން ހުށަހަޅާ މީހުން ޕާޓީތަކުގެ ދަފްތަރުގައި ހިމެނުމުގެކުރިން އެމީހުން ހުށަހަޅާ ފޯމުތަކުގެ ސައްޙަކަން ކަށަވަރުކުރުމަށް ކަމަށެވެ.