މީހުން ހައްޖަށް ގެންދިޔުމަށް މިފަހަރު ރާއްޖެއަށް ލިބުނު ހައްޖު ކޯޓާ ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ނިންމައިފިއެވެ.

މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއަށް ލިބިފައިވަނީ 453 ކޯޓާއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް އަމިއްލަ ޖަމާއަތްތަކަށް ހުޅުވާއިގެން، ޕްރޮޕޯސަލް ހުށައަޅައި، އިވެލުއޭޓް ކުރުމަށް އެކަށީގެންވާ މުއްދަތެއް ނެތުމުން، މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، ރާއްޖެއަށް ލިިބިފައިވާ ކޯޓާއަށް މި އަހަރު ހައްޖަށް މީހުން ގެންދިއުމަށް ސަރުކާރުން ކަނޑައަޅާފައި ވަނީ، ހައްޖު ކޯޕަރޭޝަން ކަމަށެވެ.

މިނިސްޓްރީން ބުނީ، ރާއްޖެއަށް ލިބުނު 453 ކޯޓާގެ ތެރެއިން 100 ކޯޓާގެ އާއްމުންނަށް ހުޅުވާލައިގެން ހައްޖަށް މީހުން ގެންދިއުމަށް ހައްޖު ކޯޕަރޭޝަނާއި ހަވާލު ކޮށްފައިވާ ކަމަށެވެ. އަދި އާއްމުންނަށް ހުޅުވާލައިގެން ހައްޖަށް ގެންދިއުމަށް ހާއްސަ ކޮށްފައިވާ 100 ކޯޓާއަށް މިހާރު ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ކިޔުއި ތިބި ފަރާތްތަކަށްވެސް މި އަހަރު ހައްޖަށް ގެންދިއުމަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށް އިލްސާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

އާއްމުންނަށް ހުޅުވާލައިގެން ހައްޖަށް ގެންދިއުމަށް ހާއްސަކޮށްފައިވާ 100 ކޯޓާގެ ތެރެއިން ހައްޖަށް ދިއުމަށް އެދި ހުށަހެޅުމުގައި އަމަލުކުރާނެ އުސޫލެއް ހައްޖު ކޯޕަރޭޝަނުން އާއްމު ކުރާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިސްލާމިކް މިނިސްޓްރީން އިތުރަށް ބުނީ، ސައުދީ އަރަބިއްޔާގެ ކަމާއި ގުޅުންހުރި އިދާރާތަކާއި ވާހަކަދައްކައިގެން އިތުރު ކޯޓާ ހޯދުމުގެ މަސައްކަތް ދިވެހި ސަރުކާރުން ކުރަމުންދާކަމަށެވެ.