"މޮނޮޕޮލައިޒް" ކުރެވޭ ގޮތަށް އަސާސީ ޚިދުމަތް ދިނުން އޮތުމަކީ ރައްޔިތުންނަށް ހައްގު މިންވަރެއް ނޫން ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް މާލޭގައި ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް ދޭނެ ދެވަނަ ފަރާތެއް އޮތުމަކީ މުހިއްމު ކަމެއް ކަމަށް ވިދާޅުވެ މޭޔަރ ޑރ. މުއިއްޒު ކުރެއްވި ޓްވީޓުގައި ވިދާޅުވީ "މޮނޮޕޮލައިޒް" ކުރެވޭ ގޮތަށް އަސާސީ ޚިދުމަތް ދިނުން އޮތުމަކީ ރައްޔިތުންނަށް ހައްގު މިންވަރެއް ނޫން ކަމަށާއި އަދި އެއީ އިންސާފެއް ވެސް ނޫން ކަމަށެވެ.

ބެލެވޭ ގޮތުގައި މިއީ މާލެއިން ކަރަންޓް ކެނޑުމުން ދިމާވި ދަތިތަކާ ގުޅިގެން އެމަނިކުފާނު ކުރެއްވި ޓުވީޓެކެވެ.

ފެނާއި ނަރުދަމާގެ ހިދުމަތް ދިނުން އެއީ ކައުންސިލުން ކުރަން ޖެހޭ ކަމެއް ކަމަށް ގާނޫނުގައި ބަޔާންކޮށްފައި އޮންނަ މާއްދާގެ ފޮޓޯއެއް ވެސް އެމަނިކުފާނު ވަނީ ޓުވީޓުގައި ހިމަނުއްވާފައެވެ.

ކަަރަންޓް ކެނޑުމާއެކު ސްޓެލްކޯ އިން ކުރި ޓްވީޓެއްގައި ބުނީ މާލޭއަށް ކަރަންޓު ފޯރުކޮށްދޭ 13 ފީޑަރުގެ ތެރެއިން ފީޑަރު 8 ފިޔަވާ އެހެން ހުރިހާ ފީޑަރެއް އެނާޖައިޒް ކުރެވި މިހާރު އަންނަނީ ކަރަންޓުގެ ހިދުމަތް ދެމުން ކަމަށެވެ. ފީޑަރުގައި 8 ގައި ހިމެނޭ 9 ސަބް ސްޓޭޝަނަށް އެހެން ފީޑަރުތައް މެދުވެރިކޮށް ވަގުތީގޮތުން ކަރަންޓު ފޯރުކޮށްދޭން ދަނީ މަސައްކަތް ކުރަމުން ކަމަށާއި އެ މަސައްކަތް ނިމުމާއެކު މާލޭގެ ހުރިހާ ހިސާބަކަށް ކަރަންޓު ދެވިގެންދާނެ ކަމަށް ކަމަށް ވެސް ސްޓެލްކޯ އިން ބުނެފައިވެއެވެ.

އަދި އޭގެ އިރުކޮޅެއްފަހުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ހުރިހާ ހިސާބަކަށް މިހާރު ވަނީ އަލުން ކަރަންޓު ފޯރުކޮށްދީފައިވާ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. އަދި މިފަދަ ހާލަތްތަކުގައި ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް ލިބެމުން އަންނަ އެއްބާރުލުމަށް ސްޓެލްކޯއިން ޝުކުރު އަދާކުރާކަމަށާއި ކަރަންޓް ކެނޑުމުގެ ސަބަބުން ދިމާވި އެންމެހާ ދަތިތަކަށް މާފަށް އެދޭކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ރޭ ފަތިހު ހަތަރެއް ޖެހިއިރު މާލެއިން ކަރަންޓު ކެނޑިފައިވަނީ މާލެއަށް ކަރަންޓު ފޯރުކޮށްދޭ 13 ފީޑަރުގެ ތެރެއިން 8 ވަނަ ފީޑަރުން ސްވިޗް ގިއަރަކަށް ދިމާވި މައްސަލައެއްގެ ސަބަބުންނެވެ. އަދި ފީޑަރު 8 ގައި ހިމެނޭ 9 ސަބް ސްޓޭޝަނަށް އެހެން ފީޑަރުތައް މެދުވެރިކޮށް ވަގުތީގޮތުން ކަރަންޓު ފޯރުކޮށްދީ މައްސަލަ ހައްލުކޮށްފައިވާ ކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ. ނަމަވެސް އެ މައްސަލަ ހައްލުކުރަމުން ދަނިކޮށް މުޅި މާލެއިން ވަނީ ގިނަ އިރުތަކެއް ވަންދެން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައެވެ.

މިކަމާ ގުޅިގެން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވީ ކަރަންޓު ކެނޑެން މެދުވެރިވި ސަބަބު ދެނެގަނެ މިހާރު މުޅި މާލެއަށް ކަރަންޓު ދީފައިވާ ކަމަށެވެ.